A wide advertisement which will be shown on all devices. (700 x 100)

ފުރަތަމަ މެޗު މާލެ ޓީމު ގެންދިޔައިރު ދެވަނަ މެޗުން ފުވައްމުލަކު ޓީމު ބަލިވެއްޖެ

ފުވައްމުލަކުގެ ކުރިކެޓް ސްޓޭޑިއަމުގައި ކުރިއަށްދާ ރާއްޖޭގެ 3 ވަނަ ގައުމީ އަންހެން ކުރިކެޓް މުބާރާތުގައި އިއްޔެ މެންދުރުފަހު ބައްދަލުކުރި ދެވަނަ މެޗުން ފުވައްމުލަކު ޓީމު ބަލިވެއްޖެއެވެ.  މިދިޔަ އަހަރުގެ ފައިނަލް މެޗުގެ ރިޕީޓެއް ކަމަށް ބެލެވުނު މިމެޗުން ފުވައްމުލަކު ޓީމު ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ލ. ކުނަހަންދޫ ޓީމާއި ވާދަކޮށް 24 ލަޑުންނެވެ.

އިއްޔެ މެންދުރުފަހު ފެށުނު މިމުބާރާތުގެ ދެވަނަ މެޗުގެ ގުރު ދިމާކޮށްގެން ބެޓުކުރުމަށް ނިކުތީ ކުނަހަންދޫ ޓީމުންނެވެ. މިޓީމު ކުޅެން ނިކުމެ 20 އޯވަރު ތެރޭ 7 ވިކެޓަށް 108 ލަޑު ހެދިއެވެ. އެޓީމުން އެންމެ ރަގަޅަށް ބެޓުކޮށްފައިވަނީ 25 ލަޑު ހެދި ސުމައްޔާ އާއި 19 ލަޑު ހެދި ސަޖާ އާއި 16 ލަޑު ހެދި މަލްހާއެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 2 ވިކެޓު ނެގި ހަނީފާ އާއި އައިމާއެވެ.

ޖަވާބުގައި ފުވައްމުލަކު ޓީމުން ކުޅެން ނިކުމެ އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެ ވިކެޓަކަށްފަހު ވިކެޓެއް ގެއްލެން ފެށިއެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް ކެޅެފައިވަނީ 14 ލަޑު ހަމަކުރި އައިމާއެވެ. މިމެޗު ނިމުނުއިރު ފުވައްމުލަކު ޓީމަށް 9 ވިކެޓަށް ހެދިފައިވަނީ 84 ލަޑެވެ.

މިމެޗުން ކުނަހަންދޫ ޓީމު މޮޅުވެ 3 ޕޮއިންޓު ކަށަވަރު ކުރިއެވެ. އިއްޔެ ހެދުނު ކުޅުނު މެޗުން މާލެ ޓީމު ވަނީ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. އެއާއިއެކު އިއްޔެ ހެދުނު ކުޅެވުނު މެޗުން ބަލިވި ވިލިގިލި ޓީމާއި މެންދުރުފަހު މެޗުން ބަލިވި ފުވައްމުލަކު ޓީމަށް ޕޮއިންޓެއް ނުލިބެއެވެ.

މިއަދު ހެދުނު ކުޅެވޭނީ ފުވައްމުލަކު ޓީމާއި މާލެ ޓީމު ބައްދަލު ކުރާމެޗެވެ. ފައިނަލަށް ދަތުރު ކުރުމަށްޓަކައި މިމެޗުން މޮޅުވުން ފުވައްމުލަކު ޓީމަށް މަޖުބޫރެވެ. މާލެ ޓީމު މޮޅުވެއްޖެ ނަމަ އެންމެ ފުރަތަމަ ފައިނަލަށް ދަތުރުކުރާ ޓީމެއްގެ ގޮތުގައި މާލެ ޓީމު ބާކީ އެއްމެޗު އޮތް ނަމަވެސް ފައިނަލަށް ދަތުރުކުރާނެއެވެ. މިމެޗު ފެށޭނީ މިއަދު ހެދުނު 8 ޖަހާއިރުއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !