A wide advertisement which will be shown on all devices. (700 x 100)

ކޮޕާ އެމެރިކާ: މެކްސިކޯ އަދި ވެނެޒުއެލާ ކްއަރޓަރ ފައިނަލަށް

އުރުގުއޭ މުބާރާތުން ކެޓުމުން ސުއަރޭޒް ރުޅިގަދަ ވެފައި. އަނިޔާގެ ސަބަބުން މިމުބާރާތުގެ އެއްވެސް މެޗެއްގައި އޭނާ ނުކުޅެއެވެ. ފޮޓޯ؛ ދަ ގާޑިއަން

ކޮޕާ އެމެރިކާ ސެންޓެނާރީއޯ ފުޓްބާޅަ މުބާރާތުގައި މިއަދު ކުޅެވުނު ގްރޫޕް ސީގެ ދެމެޗުން މޮޅުވެގެން މެކްސިކޯ އަދި ވެނެޒުއެލާ ކްއާރޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިދެޓީމު ވެސް ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓު ވަނީ ހޯދާފައެވެ. މެކްސިކޯ 2-0 ން ޖެމެއިކާ އަތުން މޮޅުވިއިރު  ވެނެޒުއެލާ މޮޅުވީ 1-0 ން އުރުގުއޭ އަތުންނެވެ.

މިގްރޫޕުގެ ފަހު މެޗުގައި މިދެޓީމު ވާދަކޮށް މޮޅުވާ ޓީމަކަށް ގްރޫޕް 1 ވަނަ ލިބި ކުއާރޓާރ ފައިނަލުގައި ކުޅެންޖެހޭނީ ގްރޫޕް ޑީގެ 2 ވަނަ ޓީމާއެވެ. އަދި ދެވަނައަށް ދާ ޓީމު ކުޅެންޖެހޭނީ ޑީ ގްރޫޕްގެ އެއްވަނަ (ބެލެވެނީ އާޖެންޓީނާ) ޓީމާއެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅާގައި ގަދަބާރެއް ކަމަށްވާ އުރުގުއޭ މުބާރާތުން މިކެޓީ މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެގެންނެވެ. އުރުގުއޭއަކީ މިމުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މިމުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައެވެ.
އާޖެންޓީނާ އަށް މިމުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ އުރުގުއޭއާއި އެއްްވަރު ކުރެވޭނެއެވެ. އެއި މިހާރު އާޖެންޓީނާ ޓީމަށް ވަނީ 14 ފަހަރު މިމުބާރަތް ކާމިޔާބު ކުރެވިފައެވެ.

އުރުގުއޭ ބަލިވި މެޗުގައި ކުޅެން ނޭރުވުމުން ލުއިސް ސުއަރޭޒް ރުޅިގަދަ ވެފައި ހުރިތަން މީޑިއާއިން ފާހަނގަކުރިއެވެ. ވެނެޒުއެލާއިން އުރުގުއޭ ކޮޅަށް ގޯލު ޖެހުމުން ސުއަރޭޒް އަތުގައި އޮތް ބޫޓު ކިބަ ދަނޑުމައްޗަށް އެއްލާވެސް ލިއެވެ.

ކޯޗު އޮސްކަރ ތަބަރޭޒް ބުނަނީ ސުއަރޭޒް އިންޖަރީން މުޅިން ރަނގަޅު ނުވާކަމަށާއި ވޯލްޑްކަޕް ކޮލިފައިންގައި ސުއަރޭޒު ބޭނުންކުރުން މާ މުހިންމު ކަމަށެވެ. މިއަދުގެ ޓީމު ލިސްޓުގައި ސުއަރޭޒް ނުހިމެނި ނަމަވެސް އޭނާ ރޮނގު ބޭރުން އެހެން ބައެއް ކުޅުންތެރިންނާއެކު ވޯމްއަޕަށް ދުވިތަން ފެނުނެވެ.

މިރޭ ފަތިހު އަދި މާދަމާ ހެނދުނު ކުޅެނީ ޗިލީ އަދި ބޮލިވިއާ އާއި އާޖެންޓީނާ އަދި ޕެނަމާ އެވެ. އާޖެންޓީނާ އަދި ޕެނަމާ ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެގެން 3 ޕޮއިންޓް ހޯދާފައެވެ. ވުމާއެކު މާދަމާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ކުއާރޓަރފައިނަލް ޔަގީން ކުރެވޭނެއެވެ. އަދި ބަލިވާ ޓީމަކަށް ގުރޫޕުގެ ފަހުމެޗަށް އިންތިޒާރު ކުރަން ޖެހޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !