A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ ފުޓުބޯޅަ މުބާރާތް 2016 މިރޭ ފެށެނީ – 2

ޕޯޗުގަލްގައި 2004 ގައި ބޭއްވުނު ޔޫރޯ ފުޓުބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޔޫރޯ 2016 ޚާއްސަވާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ބަޔަކު ފުޓުބޯޅައަށް ކުރާ ސަޕޯޓް ހިމެނެއެވެ. އަދި ފުޓުބޯޅާގައި އެންމެ ފުންނާބު އުސް ގައުމުތަކަކީ ޔޫރަޕުގެ ގައުމުތައް ކަމުގަ ދެބަސް ވެވެން ނެތުމުންނެވެ.

ޔޫރޯ 2016 ބާއްވާ ސްޓޭޑިއަމްތައް

ފްރާންސްގައި ޔޫރޯ މުބާރާތް ބޭއްވޭ މިއީ 3 ވަނަ ފަހަރެވެ. ވާދަވެރި ބިޑަކުން ތުރުކީގެ މައްޗަށް  6-7 ގެ ވޯޓުން ކުރި ހޯދައިގެން ބޭއްވޭ މިމުބާރާތަކީ ފްރާންސަށް ހުރިހާ ގޮތަކުން ވެސް ކުރިއެރުން ގެނެސްދޭނެ މުބާރާތެއް ކަމަށް އެގައުމުން ދެކެއެވެ.

މިފަހަރުގެ މުބާރާތް ބޭއްވުމަށް ބިޑް ކުރިއިރު 12 ސްޓޭޑިއަމެއް ހުށަހެޅި ނަމަވެސް ފަހުން ވަނީ 10 ސްޓޭޑިއަމެއްގައި މުބާރާތުގެ މެޗްތައް ކުޅުމަށް ނިންމާފައެވެ. ފްރާންސްގެ އުތުރުން ލިއްލެ، ލެންސް، ޕެރިސް (2)، އިރު-ދެކުނުން ލިއޮން، ސެއިންޓް އެޓެއިން އަދި ނީސް ހިމެނެއެވެ. ހުޅަނގު ދެކުނުން ބޯޑެކްސް އާއި ދެކުނުން ޓޯލޫސް އަދި މާސޭގެ ސްޓޭޑިއަމް ހިމެނެއެވެ.

މި 10 ސްޓޭޑިއަމްގެ ތެރެއިން ފްރާންސް ގެ ގައުމީ ޓީމުގެ ސްޓޭޑިއަމަކީ 1998 ގެ ވޯލްޑް ކަޕަށް ބިނާކުރި ސެއިންޓް ޑެނިސް ސްޓޭޑިއަމެވެ. ޕެރިހުގެ އުތުރުބައިގައި ވާ 81000 މީހުންގެ ޖާގައިގެ
މިސްޓޭޑިއަމަކީ މިމުބާރާތް މިފަހަރު ކުޅެވޭ އެންމެ ބޮޑު ސްޓޭޑިއަމެވެ. ފަސް ސްޓޭޑިއަމެއްގައި 50000 މީހުންގެ ޖާގަ ހިމެނޭއިރު އަނެއް 5 ސްޓޭޑިއަމްގެ ޖާގަ އެއަށް ވުރެ ކުޑައެވެ. އެންމެ ޖާގަކުޑައީ ދެކުނުގައި އޮތް ޓޯލޫސް ސްޓޭޑިއަމްގައެވެ. އެއީ 3100 މީހުންގެ ޖާގައެވެ.

މިރޭ ކުޅޭ މުބާރާތް ހުޅުވާ މެޗާއި ފައިނަލް މެޗް ކުޅޭނީ ސްޓޭޑީ ފްރާންސް (ފްރާންސް ގެ ގައުމީ ސްޓޭޑިއަމް) ގައެވެ. ސެމީ ފައިނަލް މެޗް ކުޅެނީ މާސޭ އަދި ލިއޮންގެ ސްޓޭޑިއަމް ގައެވެ.

ޔޫރޯ 2016 ކުޅޭ ގޮތް

ޔޫރޯ 2016، މުބާރާތް ކުޅެވެނީ 24 ޓީމު ސީޑްކުރެވި، ގުރުއަތުން 6 ގްރޫޕަށް ބަހާލައިގެން ކޮންމެ ގްރޫޕެއް ވެސް ޕޮއިންޓު އުސޫލުން ކުޅޭ ގޮތަށެވެ. ކޮންމެ ގްރޫޕަކުން 1 ވަނަ އަދި 2 ވަނަ ޓީމު ދެވަނަ ބުރަށް ހޮވޭ ގޮތަށެވެ. އަދި 6 ގްރޫޕުގެ 3 ވަނައިގެ ތެރެއިން އެންމެ މޮޅު 4 ޓީމެއް (3 ވަނައެއް) ދެވަނަ ބުރަށް ދާނެއެވެ. އެއިގެ ފަހުން ކުއާރޓަރ ފައިނަލް އަދި ސެމީ ފައިނަލުގައި ނޮކް-އައުޓް އުސޫލުން ކުޅެ ފައިނަލަށް ދާގޮތަށެވެ. މިމުބާރާތުގައި 3 ވަނަ ހޮވަން މެޗެއް ނުކުޅޭނެއެވެ.

ދެޓީމެއް ނޫނީ އެއަށްވުރެ ގިނަ ޓީމު ގްރޫޕް ސްޓޭޖުގައި އެއްވަރު ވެއްޖެނަމަ، ފުރަތަމަ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކުގެ ޕޮއިންޓަށް ބަލާނީއެވެ. ދެވަނަ އަށް އެއްވަރުވި ޓީމުތަކުގެ ފައިދާ ގޯލަށް ބަލާނީއެވެ. 3 ވަނައަށް އެއްވަރުވި ޓީމުތަކުން ޖެހި ގޯލަށް ބަލާނީއެވެ. މިގޮތުން ވެސް އެއްވަރުވެއްޖެ ނަމަ އިތުރު 6 ކްރައިޓީރިއާއެއް ބޭނުްކުރާގޮތަަށް ޔޫއެފާއިން ވަނީ ނިންމާފައެވެ. އެއިގެ ތެރޭގައި ދެޓީމު އެއްވަރުވުމުން ޕެނަލްޓީ ޖެހުމާއި، ދެޓީމަށްވުރެ ގިނަ ޓީމު އެއްވަރުވެއްޖެނަމަ ފެއަރޕްލޭ ސްލޫކަށް (ފެއަރޕްލޭ ކޮންޑަކްޓް) ބަލައި ޕޮއިންޓް ކެނޑުން އަދި އެއިގެ ފަހުން ޔޫއެފާ ގެ ގައުމީ ޓީމުގެ ރޭންކިން އަށް ބެލުން ވެސް ހިމެނެއެވެ.

އެންމެ މޮޅު 3 ވަނަ ތައް ހޮވާއިރު ބެލުމަށް ހަމަޖެހިފައި ވަނީ 1. އެންމެ ގިނަ ޕޮއިްނޓް ހޯދި ޓީމް، 2. އެންމެ ގިނަ ފައިދާ ގޯލް ލިބޭ ޓީމެއް، 3. އެންމެ ގިނަ ގޯލު ޖެހި ޓީމެއް، 4 ފެއަރ ޕްލޭ ސްލޫކު އަދި 5. ޔޫއެފާ ގައުމީ ޓީމުގެ ރޭންކަށް ބަލައިގެންނެވެ.

މުޅިން އަލަށް ޔޫރޯ ކުޅޭ ޓީމުތައް

މިފަހަރުގެ މުބާރާތުގައި 24 ޓީމު ހިމެނުމަށް ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ނިންމައި ޔޫއެފާއިން އެކަން ފާސްވުމުން އިތުރު ޓީމުތަކަކަށް ޔުރޯ 2016ގެ މުބާރާތުުގެ ފަހު ބުރުން ޖާގަ ލިބިގެން ދިޔައެވެ. އެއިގެ ތެރޭގައި މުޅިން އަލަށް މިމުބާރާތް ކުޅޭ 5 ޓީމު ހިމެނެއެވެ.

އެ 5 ޓީމާކީ އަލްބޭނިއާ، އައިސްލޭންޑް، ނޯދަން އަޔަލޭންޑް، ސްލޮވާކިޔާ އަދި ވޭލްސް އެވެ. މަޝްހޫރު ނެދަލޭންޑްސް އަށް މުބާރާތުގެ ފަހުބުރުން ޖާގައެއް ނުލިބުނެވެ.

މުބާރާތުގެ ކާމިޔާބު ޓީމުތައް

މިހާތަނަށް ބޭއްވުނު 14 މުބާރާތުގެ ތެރެއިން 11 މުބާރާތުގައި ޖަރުމަނުން ބައިވެރިވެ، 3 ފަހަރު ވަނީ ތަށި ހޯދާފައެވެ. ސްޕޭނުން 9 ފަހަރު މުބާރާތް ކުޅެ 3 ފަހަރު ތަށި ހޯދާފައި ވެއެވެ. އަދި ފާއިތުވި 2 މުބާރާތް (2008 އަދި 2012) ވެސް މިމުބާރާތް ކާމިޔާބުކޮށްފައި ވަނީ ސްޕެއިން ޓީމުންނެވެ.

ފްރާންސައި އިނގިރޭސިވިލާތުގައި 8 ފަހަރު މުބާރާތް ބޭއްވިއިރު ފްރާންސުން 2 މުބާރާތް ކާމިޔާބުކޮށްފައި ވެއެވެ. އިނގިރޭސިންނަށް މިމުބާރާތް އަދި ކާމިޔާބު ކުރެވިަފއެއް ނުވެއެވެ. މިފަހަރު ކުޅޭ ޓީމުތަކުން ދެން މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ 1 ފަހަރު އިޓަލީ އަށް އެކަންޏެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !