A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2016: މިހާތަނަށް ދެ ލަނޑުގެ ތަފާތުންވީ ހަމައެކަނި މޮޅު ޖަރުމަނަށް

ލޫކަ މޮޑްރިޗް ޓީމު މޮޅުކޮށް ދިން ގޯލު ޖެހި. ފޮޓޯ: ޔޫއެފާ

ޔޫރޯ 2016ގެ ތިންވަނަ ދުވަހު ކުޅުނީ ގްރޫޕް ސީގެ ދެމެޗާއި ގްރޫޕް ޑީގެ މެޗެކެއެވެ. މިއަދުގެ ފުރަތަމަ ކުޅުނު ގްރޫޕް ޑީ އަދި ގުރޫޕްސީގެ ދެމެޗު ނިމުނީ 1-0 ން ކްރޮއޭޝިއާ އާއި ޕޮލެންޑް މޮޅުވެގެންނެވެ. އަދި މިއަދުގެ ފަހު މެޗުގައި ގްރޫޕް ސީގެ ޖާމަނީ އާއި ޔުކުރެއިން ބައްދަލުކުރި މެޗު ނިމުނީ 2-0 ން ޖަރުމަނު މެޗް ކާމިޔާބު ކޮށްގެންނެވެ.

ގްރޫޕް ޑީ: ތުރުކީ 0 – 1 ކްރޮއޭޝިއާ

މިއަދު ކުޅެވުނު ފުރަތަމަ މެޗުގައި ތުރުކީގެ މައްޗަށް ކްރޮއެޝިއާ ކުރި ހޯދީ ފަހު ހާފުގައި ލޫކަ މޮޑްރިޗް (ޖ. 10) އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލަށް ވަނދެ، 1-0 ން މޮޅުވެގެންނެވެ. ބޯޅަ ގެންގުޅުމުގައި ދެޓީމު ހަމަހަމަކޮށް ފެނުނު ކަމުގައި ވިޔަސް އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ދީފައިވަނީ ކްރޮއޭޝިއާ ޓީމުންނެވެ. މެޗުގައި ތުރުކީން ދިން އެންމެ ނުރައްކާ ހަމަލާ، ފުރަތަމަ ހާފުގައި ތުފާން (ޖ16) ކުޑަ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ކްރޮއޭޝިއާ ގޯލްކީޕަރު ދިފާއުކުރީ ގޯލު ރޮނގުމަތިންނެވެ.

ކްރޮއޭޝިއާގެ ހަމަލާ ތަކުގެ ތެރޭގައި އެޓީމުގެ 3 ކުޅުންތެރިން ދިން ތަފާތު ތިން ހަމަލާއެއް ވަނީ ތުރުކީގެ ގޯލު ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގޯލު ކާމިޔާބުކޮށްދިން މޮޑްރިޗެވެ.

ގްރޫޕް ސީ: ޕޮލެންޑް 0 -1 އުތުރު އަޔަލޭންޑް

މުޅިން އަލަށް ޔޫރޯގައި ވާދަކުރި އުތުރު އަޔަލޭންޑްގެ މައްޗަށް ޕޮލެންޑުން ކުރި ހޯދީ ވެސް 1-0 ން ނެވެ. މިމެޗު ޕޮލެންޑުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު  އުތުރު އަޔަލޭންޑް ދެވިފައި ވަނީ އެންމެ ދެހަމަލާއެވެ. ޕޮލެންޑުން ވަނީ އިދިކޮޅު ގޯލަށް 18 ހަމަލާ ދީފައެވެ. ނަމަވެސް، 7 ފަހަރު ޔޫރޯގައި ވާދަކޮށް މިއި ޕޮލެންޑަށް މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފުގެ ކުރީކޮޅު ޖަހާފައިވަނީ މިލިކް (ޖ.7) އެވެ. އޭނާއަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ދިޔައެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް އުތުރު އަޔަލޭންޑުގެ ފޯވާޑަށް ލިބުނު ފުރުސަތު ޕޮލެންޑްގެ ގޯލްކީޕަރު ދިފާއުކުރިއެވެ.

މިމެޗުގެ މޮޅު ކުޅުނތެރިއަކީ ޕޮލެންޑުގެ ކްރިކޯލެކް (ޖ. 10) އެވެ.

މިރޭގެ ބޮޑު މެޗް: ޖާމަނީ 2 – 0 ޔުކުރެއިން

ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނާއި ވާދަވެރި ޔުކުރެއިން ބައްދަލުކުރި މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. ދެޓީމުން ވެސް މޮޅު ކުޅުމެއް ދައްކަމުން އިދިކޮޅު ގޯލަށް ހަމަލަތައް ދެމުން ދިޔައެވެ. ޖާމަނީގެ މާރިއޯ ގޮޓްޒަރ (ޖ.19) ގެ ހަމަލާއަކުން ފެށުނު ކަމުގައި ވިޔަސް ޔުކުރެއިން ކޮންޕްލިޔަންކާ (ޖ.10) ގެ ހަމަލާ ވެސް ފާހަނގަ ވެގެން ދިޔައެވެ. އެއިގެ ފަހުން ޖަރުމަންގެ ހެކްޓަރގެ ހަމަލާއަކަށް ފަހު ކުރޫސްގެ ހިލޭ ޖެހުމަކުން ޖާމަނީގެ ޑިފެންޑަރު މުސްތާފީ (ޖ.2) ކުރިޔަށް އަރާ ބޮލުން ގޯލަށް ބޯޅަ ވައްދާލައިގެން މެޗުގެ ކުރީ ކޮޅު ޖަރުމަނަށް ލީޑު ނަގައިދިނެވެ. މިއީ ވެލެންސިއާގެ ޑިފެންޑަރ މުސްތާފީ ގައުމީޓީމަށް ޖަހައި ދިން ފުރަތަމަ ގޯލެވެ.

މިމެޗުގެ ދެވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޔުކުރޭންގެ ހަމަލާއެއްގައި ހުރިހާ ކުޅުންތެރިންހެން ކުރިއަށް އަރާފައި ވަނިކޮށް ޖަރުމަނު ކުޅުންތެރިންނަށް ލިބުނު ބޯޅައެއް ކައުންޓަރ އެޓޭކްގައި އޮޒިލް އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ ބަދަލު ކުޅުންތެރިޔާ ޝްވައިނިސްޓޭގަރ (ޖ.7) ވަރަށް ބަލާލާފައި ގޯލު ތެރެއަށް ވައްދާލައިގެން ނަތީޖާ 2-0 ށް ބަދަލުކުރިއެވެ.

ޖެހިޖެހިގެން 12 ވަނަ ޔޫރޯގައި ކުޅޭ ޖަރުމަން ޓީމުން މިރޭގެ މެޗުގައި ވެސް ޖަރުމަނުގެ މިރޭގެ ކެޕްޓަން އަދި ގޯލް ކީޕަރު ނޯޔާ (ޖ. 1) ކަދީރާ (ޖ.6) އޮޒިލް (ޖ.8) އަދި ކުރޫސް (ޖ.18) ގެ ކުޅުން ފާހަނގަ ވެގެން ދިޔައެވެ. މެޗުގެ މޮޅު ކުރުންތެރިއަކަށް ހޮވިފައި ވަނީ ކުރޫސް އެވެ.

މިދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު މީގެކުރީ ކުޅުން 4 މެޗުން 2 މެޗުން ޖަރުމަން މޮޅުވެ 2 މެޗު ވަނީ އެއްވަރުވެފައެވެ. މިރޭގެ މެޗުގައި ޖަރުމަނުން 18 ހަމަލާ ދީފައި ވާއިރު ޔުކުރެއިނަށް ދެވިފައިވަނީ 7 ހަމަލާއެވެ.

މާދަމާގެ މެޗުތައް

މާދަމާ ހަވީރު 6 ޖަހާއިރު ކުޅޭނީ ގްރޫޕް ޑީގެ ސްޕެއިނާއި ޗެކް ރިޕަބްލިކްގެ މެޗެވެ. އެއިގެ ފަހުން ރޭގަޑު 9 ޖަހާއިރު ކުޅެނީ ގްރޫޕް އީ ގެ އަޔަލޭންޑާއި ސްވިޑުންގެ މެޗެވެ. އަދި ފަހު މެޗެއް ގެ ގޮތުގައި ރޭގަނޑު 12 ޖަހާއިރު ކުޅެވޭނީ ވެސް ގުރޫޕް އީ ގެ ބެލްޖިއަމާއި އިޓަލީގެ ފޯރިގަދަ މެޗެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !