A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ 2016 ގެ ގަދަ 16ގެ އެންމެ ފުރަތަމަ ޖާގަ ފްރާންސަށް

މިރޭގެ ފްރާންސް ޓީމު މޮޅުކޮށްދިން ގޯލުޖެެހި އެންޓޮއިން ގްރިޒްމަން (ޖ.7) އުފާ ފާޅުކުރަނީ. ފޮޓޯ؛ ގެޓީ އިމޭޖްސް

ޔޫއެފާ ޔޫރޯ 2016 ފޫޓުބޯޅާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުތައް މިރޭ ފެށިއިރު، މިރޭގެ މޮޅާ އެކު އެންމެ ފުރަތަމަ ގަދަ 16 އިން ޖާގަ ލިބުނު ޓީމަކަށް ފްރާންސް ޓީމު ވެއްޖެއެވެ. މިރޭ ކުޅެވުނު ގްރޫޕް ބީގެ މެޗު ރަޝިއާގެ މައްޗަށް 2-1 ން ކުރި ހޯދީ ރަޝިއާއިން ވަކިވެގެންފައިވާ ސްލޮވާކިއާ ޓީމެވެ. ދެވަނަ މެޗުގައި ސްވިޒަރލޭންޑާއި ރޫމޭނިއާ ވީ އެއްވަރެވެ. މިރޭގެ ފަހު މެޗުގައި ފްރާންސް މޮޅުވީ 2-0ން ނެވެ.

ރަޝިއާ 1 – 2 ސްލޮވާކިއާ

މޫސުން ލަފާކުރި ގޮތުން ބޯކޮށް ވާރޭވެހޭނަ ކަމަށް ބެލެވޭތީ ފްރާންސްގެ އުތުރުގައިވާ ލިއްލެގެ ސްޓޭޑި ޕިއެރޭ މައުރޯއީގެ ފުރާޅު އެއްކޮށް ބަންދުކޮށްގެން މެޗު ފަށަން ތައްޔާރުވި ނަމަވެސް، މެޗު ފެށުނު ގަޑީގައި ވާރޭ ނުވެހޭތީ ކުޅުން ފެށީ ފުރާޅު ހުޅުވާލައިގެންނެވެ. މެޗުގެ ބޮޑުބައެއްގައި ދެޓީމުން ހަމަހަމަ ކުޅުމެއް ކުޅުނު ނަމަވެސް މެޗުގައި ފުރަތަމަ ދެގޯލުޖަހަިއ ކުރި ހޯދީ ސޮލްވާކިއާ އިންނެވެ.

ފުރަތަމަ ހާފުގައި މެޗުގެ މޮޅު ކުޅުންތެރިޔާ ސްލޮވާކިއާގެ ހެމްސިކް (ޖ.17) އަމިއލް ހާފުގެ ޑިފެންސް ލައިން ހިސާބުން ހިފައިގެން ދިޔަ ބޯޅައެއް އިދިކޮޅު ގޯލު ކުރިމަތިން ހުރަސް ކޮށްދިނުމުން އެޓީމުގެ ވެއިސް (ޖ.7) ދެޑިފެންޑަރުން ދޭތެރެއިން ހަނި އެންގަލުން ބޯޅަ ފޮނުވާލައިގެން ގޯލް ކާމިޔާބުކޮށް ދިނެވެ. އަދި ހާފު ނިމުމުގެ ކުރި ހެމްސިކް ގޯލެއް ޖަހައި ނަތީޖާ 2-0 ށް ބަދަލުކުރިއެވެ.

ފަހުހަފުގައި ފަހު ކޮޅުގައި ރަޝިއާގެ ކުޅުން ރަނގަޅުކޮށް އިދިކޮޅު ގޯލަށް ބާރު ބޮޑުކުރިއެވެ. އަދި ބަދަލު ކުޅުންތެރިޔާ ދެނިސް ގްލުޝަކޯވް (ޖ.8) ގޯލެއް ޖަހަިއ ނަތީޖާ 2-1 ށް ބަދަލުކުރި އެވެ. ފަހުންވެސް ރަޝިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރސަތުތަކެއް ލިބުނު ނަމަވެސް މެޗު ނިމުނީ 2-1 ން ރަޝިއާ ބަލިވެގެންނެވެ.

މިނަތީޖާއާ އެކު ދެވަނަ ބުރުގެ ފުރުސަތު ސްލޮވޭކިއާއަށް ވަރަށް ބޮޑުވީއެވެ. އަދި ރަޝިއާ އަށް ދެވަނަ ބުރަށް ދެވޭނީ ވޭލްސް އާއި ކުޅޭ ގްރޫޕުގެ މެޗުން މެޗުން މޮޅުވެގެންނެވެ.

ސްވިޒަލޭންޑް 1 – 1- ރޫމޭނިއާ

މެޗުގެ ކުރީ ކޮޅު ލިބުނު ޕެނަލްޓީ އަކުން ރޫމޭނިއާ ލީޑް ނަގައި ޑިފެންސިވް ގޭމެއް ކުޅެމުން ދަނިކޮށް މެޗުގެ ދެވަނަ ހާފު ފެށިގެންނާއެކު ސްވިޒަރލޭންޑުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިގޯލާއެކު މުބާރާތުގައި މިހާތަނަށް ދެގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ ކަމުގައި ރޫމޭނިއާގެ ބޯޑަން ސްޓެންކޫ (ޖ.19) ވިއެވެ. ސްޓެންކޫގެ ދެގޯލަކީ ވެސް ދެޕެނަލްޓީން ޖެހި ދެގޯލެވެ.

ސްވިޒަރލޭންޑްގެ ގޯލު އައީ އެޓީމަށް ލިބުނު ކޯނަރެއްގެ ތެރެއިން ގޯލް އޭރިއާ ތެރޭގައި ހުރި މެހްމަދީ (ޖ.18) އަށް ލިބުނު ބޯޅަ ގޯލުގެ މަތީ ކަަނަށް ވައްދާލައިގެން ކާމިޔަބުކުރި ގޯލެކެވެ. މިނަތީޖާއާއެކު ސްވިޒަލޭންޑަށް 4 ޕޮއިންޓް ލިބި ދެވަނަ ބުރުގެ ފުރުސަތު ވަނީ ތަނަވަސް ވެފައެވެ. ރޫމޭނިއާއަށް 1 ޕޮއިންޓާއި އެއްމެޗު އޮތުމުން އަދި ފުރުސަތު އެބައޮތެވެ. ދެން އެޓީމު ކުޅެން ޖެހޭނީ އަލްބޭނިއާ ދެކޮޅަށެވެ.

ދެވަނަ ބުރުގެ ޖާގައެއް ފުރަތަމަ ފްރާންސަށް

މިރޭ ކުޅެވުނު ފްރާންސް އަލްބޭނިއާ މެޗުގައި ފްރާންގެ ކޯޗް ޑިޝްމްޕް ފުރަތަމަ 11 ގައި ބޭނުންކުރީ ގިނަބަޔަކު ގަބޫލުކުރި ގޮތުގައި ބަދަލު ޓީމެކެވެ. ޓީމުގެ ތަނބުކަމުގައި ބެލެވުނު ޕޮގްބާ އަދި ފުލް އެއްފޯވަޑް ގްރިޒްމަން ބެންޗުގައި ބަހައްޓައިގެން ފެށި މެޗުގެ ހިތިރަހަ ނުލާ ނިންމާލެވުނީ ހަމަ ކިރިޔާއެވެ. ފުރަތަމަ ހާފު ނިމުމުން މާޝިއާލްގެ ބަދަލުގައި ޕޮގްބާ އަދި ކޮމަންގެގެ ބަދަލުަގއި ގްރިޒްމަން ކުޅެން ނެރެން ޖެހުނެވެ.

އެއާއިއެކު ފްރާންސް ޓީމުގެ ކުޅުން ރަނގަޅުވެ ހަމަލާތައް ވަރުގަދަވިއެވެ. މެޗުގެ ނަތީޖާއެއް ލިބުނީ 90 ވަނަ މިނިޓްގައި ގޯލް އޭރިއާ ތެރެއިން އަލްބޭނިއާ ޑިފެންޑަރު، ފްރާންސްގެ ފޯވަޑް ގްރިޒްމަން ހުހަށް ދޫކޮށްލާފައި މިޑްފިލްޑަރ ޕޮގްބާ ކަވަރުކުރަން ޖެހިލުމުންނެވެ. އެވަގުތު ހުރަސްވެގެން އައި ބޯޅަ ގްރިޒްމަން (ޖ.7) ބޮލުން ގޯލުގެ ދުރުކަނަށް ވައްދާލައި މެޗުގެ އޮއިވަރު މުޅިން ބަދަލުކޮށްލިއެވެ.

އަލްބޭނިއާ އިން މެޗު އެއްވަރުކޮށް ޕޮއިންޓެއް ހޯދައިގެން މެޗު ނިންމާލައިގެން ތިއްބާ ކަހަލަ ގޮތަކަށް ނަތީޖާ ފުރޮޅުމުން، އެމީހުން ވެސް މެޗުގެ އިތުރު ގޮތެއް ވޭތޯ ފަހުވަގުތު ކޮޅުގައި ބޮޑަށް ކުރިއަށް ޖެހިލައި ހަމަލާއަށް ތައްޔާރުވިއެވެ. ނަމަވެސް އިތުރުވަގުތު ވެސް ހަމަވެފައި ހުއްޓާ ފްރާންސްގެ މިޑްފިލްޑަރ ޕަޔެޓް (ޖ.8) އަށް، އޭނާ ގެ ކުރީގެ ކްލަބް މާސޭގެ ދަނޑުގެ އޭރިއާ ބޭރުން ލިބުނު ބޯޅަ ދެޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިޔާ ތެރެއިން ގޯލަށް ވައްދާލައިގެން ނަތީޖާ 2-0ށް ބަދަލުކުރިއެވެ.

ޕަޔެޓް ވަނީ ފްރާންސްގެ ފުރަތަމަ މެޗުގައި ވެސް ފަހުވަގުތު ލަނޑެއް ޖަހައި ޓީމު މޮޅުކޮށް ދީފައެވެ. މިމުބާރާތުގައި މިހާތަނަށް ދެގޯލު ޖެހީ ރޫމޭނިއާގެ ސްޓެންކޫއާއި ފްރާންސްގެ ޕަޔެޓް އަށެވެ. މިގްރޫޕުގެ ފަހު މެޗްގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ސްވިޒަލޭންޑާއެިއެވެ.

ޕޮއިންޓް ޓޭބަލް، ގްރޫޕް އޭ

ފްރާންސް     ކމ.2 ފގ.3+ ޕ 6

ސްވިޒަރލޭންޑް  ކމ.2 ފގ.1+ ޕ 4

ރޫމޭނިއާ     ކމ.2  ފގ.1- ޕ 1

އަލްބޭނިއާ    ކމ.2  ފގ.3- ޕ 0

މިގުރޫޕުގައި ދެން ބައްދަލުކުރާނީ ރޫމޭނިއާ އާއި އަލްބޭނިއާ އަދި ފްރާންސާއި ސްވިޒަލޭންޑެވެ.

މާދަމާ ކުޅޭނީ:

އިނގިރޭސިވިލާތް vs ވޭލްސް،  ޔުކުްރޭން vs އުތުރު އަޔަރލޭންޑް،  ޖަރުމަން  vs ޕޮލެންޑް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !