A wide advertisement which will be shown on all devices. (700 x 100)

ފޯރިގަދަ މެޗުތަކަކަށް ފަހު ގިނަޓީމުތައް ގަދަ 16ގެ އިންތިޒާރުގައި

ވޭލްސް ކޮޅަށް ވާޑީ (ޖ.11) ގޯލު ޖަހަނީ މެޗު ނިމުނީ 2-1 ން އިނގިރޭސިން މޮޅުވެގެން. ފޮޓޯ: ޔޫއެފާ

ޔޫއެފާ ޔޫރޯ 2016 ފުޓުބޯޅާ މުބާރާތުގެ ގްރޫޕް ބީ އަދި ސީ ގެ ދެވަނަ މެޗުތައް މިރޭ ކުޅުނުއިރު، އިނގިރޭސި ވިލާތަށް ގަދަ 16 އިން ޖާގަ ލިބުމުގެ ފުރުސަތު ވަނީ ގާތްގަޑަކަށް ޔަގީންވެފައެވެ. އިނގިރޭސިން ވަނީ ވޭލްސްގެ މައްޗަށް ފަހު ވަގުތު 2-1ން ކުރި ހޯދާފައެވެ. މި ގުރޫޕްގައި ރޭ ރަޝިއާގެ މައްޗަށް 2-1 ން ކުރި ހޯދާފައި ވަނީ ސްލޮވާކިއާ ޓީމެވެ. މިރޭގެ ކުޅެވުނު ގުރޫޕްސީ ގެ ފުރަތަމަ މެޗު ވަރުގަދަ ޔުކުރޭންގެ މައްޗަށް އުތުރު އަޔަލޭންޑުން ވަނީ 2-0 ގެ މޮޅެއް ހޯދާފައެވެ. އަދި ސީ ގްރޫޕްގެ ދެވަނަ މެޗުގައި ޖަރުމަނާއި ޕޮލެންޑް ބައްދަލުކުރި މެޗު ނިމުނީ ގޯލެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ.

އިނގިރޭސިވިލާތް 2-0 ވޭލްސް

ގްރޫޕް ބީގައި ޔޫކޭ އިއްތިހާދުގެ ދެޓީމު ކަމަށްވާ އިނގިރޭސި ވިލާތާއި ވޭލްސް ބައްދަލުކުރި މެޗުގައި ފުރަތަމަ ކުރި ހޯދީ ވޭލްސް އިންނެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ލިބުނު ހިލޭޖެހުމަކުން ވޭލްސްގެ ގޯލު ކާމިޔާބުކޮށް ދިނީ ރިއަލް މެޑްރިޑްގެ ފޯވަޑް ބޭލް (ޖ.11) އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނިޓް ތެރޭގައި ބަދަލު ކުޅުންތެރިޔާ ޖިމީ ވާޑީ (ޖ.11) ވަނީ އިނގިރޭސިންނަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އިނގިރޭސިން ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ މިމެޗުގެ އިތުރު ވަގުތުގައި އަނެއްކާވެސް ބަދަލު ކުޅުންތެރިޔާ ޑެނިއަލް ސްޓަރިޖްގެ ގޯލަކުން ޓީމު ވަނީ މޮޅުކޮށް ދީފައެވެ. ގިނަ ދުވަސްތަކަކަށް ފަހު އިނގިރޭސިންނަށް ފަހަތުން އަރާ މެޗަކުން މޮޅުވުމުގެ އުފާ އިނގިރޭސި ކުޅުންތެރިންނާއި ކޯޗް ރޮއީ ހޮޖްސް ފާހަނގަ ކުރިތަން މެޗަށްފަހު ފެނިގެން ދިޔައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިނގިރޭސި ޑިފެންޑަރ ކައިލް ވޯކާ (ޖ2) އެވެ.

އުތުރު އަޔަރލޭންޑް 2-0 ޔުކުރޭން

ގްރޫޕް ސީގެ މިމެޗުގައި ގިނަބަޔަކު ހީކުރި ގޮތާއި ޚިލާފަށް އުތުރު އަޔަރލޭންޑުން މެޗް ކާމިޔާބުކުރީ 2-0ން ނެވެ. ޔުކުރޭން ޓީމުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ދިންނަމަވެސް މެޗު ނިންމާލަން ޖެހުނީ ނާކާމިޔާބީއާއި އެކުއެވެ. އަލަށް މިމުބާރާތުގައި ކުޅުނު އުތުރު އަޔަލޭންޑަށް ޔޫރޯ މެޗަކުން ލިބުނު ފުރަތަމަ މިމޮޅަކީ 5 ފަހަރު ޔުކުރޭން އާއި ދެކޮޅަށް ކުޅެގެން ވެސް ލިބުނު ފުރަތަމަ މޮޅެވެ. މިއީ 1982 ގެ ވޯލްޑްކަޕްގައި ސްޕޭން ބަލިކުރުމަށްފަހު ބޮޑު މުބާރާތަކުން އުތުރު އަޔަލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ.

މެމެޗުގެ ފުރަތަމަ ގޯލު ޑިފެންޑަރ މެކްއޯލޭ (ޖ.4) ކާމިޔާބުކޮށް ދިނީ ލިބުނު ހިލޭޖެހުމެއްގައި ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ދެވަނަ ގޯލަކީ ޔުކުރެއިންގެ ގިނަ ކުޅުންތެރިން އެޓޭކަށް އަރައި ތިއްބާ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިޔާ ނިއަލް މެކްގިން (ޖ.7)އަށް ލިބުނު ފުރުސަތެއްގައި ކާމިޔާބުކޮށްދިން ގޯލެކެވެ. އަޔަލޭންޑްގެ މިމޮޅާއެކު ގަދަ 16 އަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދިޔައީއެވެ. ނަމަވެސް ގްރޫޕުގެ ފަހުމެޗުގައި ޕޮލެންޑާއި ބައްދަލުކުރާ މެޗުގެ ނަތީޖާ އަށް ވިސްނަން ޖެހެއެވެ.

މިމެޗު ކުޅެވުނު ލިއޮންގެ ސްޓޭޑިއަމަށް އައި ހެއިލް ސްޓޯމެއް (ގަނޑުފެނުގެ ވާރޭ) ގެ ސަބަބުން ތިން ހަތަރު މިނިޓަށް މެދުކަނޑާލައި ކުޅުންތެރިންނާއި އޮފިޝަލުން ދަނޑުން ފައިބައި ހިޔަލަށް ވަންނަން ޖެހުނެވެ.

ޖަރުމަން  0-0 ޕޮލެންޑް

ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނާއި ދެކޮޅަށް ނިކުމެ ޕޮލޭންޑުން މެޗު ހިފަހައްޓާލީ ޑްރޯއެއްގައެވެ. މިމެޗުގައި ދެޓީމުންވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މިއީ ގޯލެއް ނުޖެހި އެއްވަރުވި މިފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗެވެ. ޕޮލެންޑުގެ ފޯވަޑު މިލިކަށް ލިބުނު ހުސް ދެފުރުސަތެއް ވަނީ ބޭކާރުވެގެން ގޮސްފައެވެ.
ޖަރުމަނުން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު އެމީހުން ވަނީ އިދިކޮޅު ގޯލަށް 15 ހަމަލާ އެއް ފޮނުވާލާފައެވެ. ޕޮލެންޑުން އިދިކޮޅު ގޯލަށް 7 ހަމަލާ ދީފައިވެއެވެ.

މިދެޓީމު މީގެ ކުރިން ބައްދަލުކުރި 17 ފަހަރުގެ ތެރެއިން 8 ފަހަރު ޖަރުމަން މޮޅުވެ 4 ފަހަރު ޕޮލެންޑް މޮޅުވެ އަދި 5 ފަހަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖަރުމަނުގެ ބޯޓެންގ (ޖ.17) އެވެ.

މެޗު އެއްވަރުވެގެން ނިމުމުން މިދެޓީމަށް ވެސް 4 ޕޮއިްނޓާއެކު ގަދަ 16ގެ ފުރުސަތު ވަނީ ގާތްގަޑަކަށް ޔަގީންވެފައެވެ.

ޕޮއިންޓް ޓޭބަލް، ގްރޫޕް ބީ

އިގިރޭސިވިލާތް ކމ.2 ފގ.1+ ޕ 4

ވޭލްސް     ކމ.2 ފގ.0  ޕ 3

ސްލޮވާކިއާ   ކމ.2 ފގ.0  ޕ 3

ރަޝިއާ    ކމ.2 ފގ.1-  ޕ 1

މިގުރޫޕުގައި ދެން ކުޅޭނީ ރަޝިއާ އާއި ވޭލްސް އަދި އިނގިރޭސިވިލާތާއި ސްލޮވާކިއާ އެވެ. ކޮންމެ ގްރޫޕެއްގެ ވެސް ފަހު ދެމެޗު ކުޅޭނީ
އެއްވަގުތެއްގައެވެ.

ޕޮއިންޓް ޓޭބަލް، ގްރޫޕް ސީ

ޖަރުމަން   ކމ.2 ފގ.2+ ޕ 4

ޕޮލެންޑް   ކމ.2 ފގ.1+ ޕ 4

އ.އަޔަލޭންޑް ކމ.2 ފގ.1+ ޕ 3

ޔުކުރޭން   ކމ.2 ފގ.4- ޕ 0

މިގުރޫޕުގައި ދެން ކުޅޭނީ ޔުކުރޭން އާއި ޕޮލެންޑް އަދި ޖަރުމަނާއި އުތުރު އަޔަލޭންޑެވެ. ކޮންމެ ގްރޫޕެއްގެ ވެސް ފަހު ދެމެޗު ކުޅޭނީ އެއްވަގުތެއްގައެވެ.

މާދަމާ ކުޅޭނީ:

އިޓަލީ vs ސްވިޑްން، ޗެކް ރިޕަބްލިކް vs ކްރޮއޭޝިއާ، ސްޕެއިން vs ތުރުކީ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !