ކޮޕާ އެމެރިކާ 2016 ސެންޓެނާރިއޯ ފުޓުބޯޅަ މުބާރާތުގެ ސެމީ-ފައިނަލުން ކޮލަމްބިއާ ޖާގަހޯދައިފިއެވެ. މިއަދު ހެދުނު ކުޅެވުނު ކުއާރޓަރ ފައިނަލް މެޗު ކޮލަމްބިއާ ކާމިޔާބުކުރީ، ޕެރޫއާއި ވާދަކުރި މެޗު އެއްވަރުވުމުގެ ސަބަބުން ޕެނަލްޓީ ޖަހައި 4-2 ން ނެވެ.
އެމެރިކާގެ ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި މިދެޓީމު ކުޅުން މެޗު ފެނިގެންދިޔައީ ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. މޮޅުވުމުގެ ބަދަލުގައި ދެޓީމުން ވެސް މެޗުން ބަލިނުވާން ކުޅުނު މެޗެއްގެ ގޮތުގައެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ދީފައިވަނީ ކޮލަމްބިއާ ޓީމުންނެވެ. ކޮލަމްބިއާއިން އިދިކޮޅު ގޯލަށް 9 ހަމަލާ ދިން އިރު ޕެރޫއިން އިދިކޮޅު ގޯލަށް ދެވިފައި ވަނީ 4 ހަމަލާއެވެ. މެޗުގައި ކޮލްމަބިއާގެ ކާލޯސް ބަކާ (ޖ.7) އާއި ޔުއާން ކުއާޑްރާޑޯ (ޖ.11) އަދި ކެޕްޓަން ހަމޭސް ރޮޑްރިގޭޒް (ޖ.10) ގެ ހަމަލާތައް ފާހަގަވެގެން ދިޔައެވެ.
މެޗުގެ ބަތަލަކީ އާސެނަލްއަށް ކުޅޭ ކޮލަމްބިއާ ކީޕަރ ޑޭވިޑް އޮސްޕީނާ އެވެ. އެއްވަރުވެގެން ނިމުނު މެޗުގެ ޕެނަލްޓީ ޝޫޓުގައި އޭނާ ވަނީ ޕެރޫގެ 3 ވަނަ ޕެނަލްޓީ މަތަކޮށްފައެވެ. އަދި މެޗުގެ ފަހު ވަގުތު ކޮޅުގައި ޕެރޫންއިން ކޮލަމްބިއާގެ ގޯލަށް ދިން ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށް އޭނާ ވަނީ ޓީމު ޕެނަލްޓީއާއި ހަމަޔަށް ގެންގޮސްދީފައެވެ. ޕެރޫގެ 4 ވަނަ ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިއުމުން ސެމީ ފައިނަލުގެ ޖާގަ ކޮލަމްބިއާއަށް ކަށަވަރުވިއެވެ.
ކޯޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގަވާއިދުގައި ވާގޮތުން ފައިނަލް މެޗު ފިޔަވައި ނޮކްއައުޓު ބުރުގެ މެޗެއްގެ ފުރިހަމަ ވަގުތުގައި އެއްވަރުވެގެން ނިމިއްޖެ ނަމަ އިތުރު ވަގުތު ނުކުޅެ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭނީއެވެ.
މިދެޓީމު މީގެ ކުރިން ބައްދަލުކުރި 5 ފަހަރުގެ ތެރެއިން 3 ފަހަރު މެޗު ނިމުނީ ކޮލަމްބިއާ މޮޅުވެގެންނެވެ. އަނެއް ދެމެޗު ނިމުނީ އެއްވަރު ވެގެންނެވެ. ކޮލަމްބިއާއިން ވަނީ 7 ފަހަރު ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ކުޅެ 1 ފަހަރު ޗެމްޕިއަންކަން (2001ގައި) އަދި 1 ފަހަރު ރަނަރަޕް (1975) އަދި 3 ފަހަރު 3 ވަނަ ހޯދާފައެވެ.
ސެމީ-ފައިނަލުގައި ކޮލަމްބިއާ ބައްދަލުކުރަން ޖެހޭނީ ކްއާރޓަރ ފައިނަލުގައި މާދަމަ މެކްސިކޯ ޗިލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މާދަމާ ކުޅޭ މެޗުތައް
އާޖެންޓީނާ Vs ވެނެޒުއެލާ އަދި މެކްސިކޯ Vs ޗިލީ އެވެ.
ޚިޔާލުތައް