A wide advertisement which will be shown on all devices. (700 x 100)

ވަރުގަދަ ސްޕޭނާއި އިނގިރޭސިން ކަޓައިފި

އައިސްލޭންޑްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކުން ހޯދި ކާމިޔާބީގެ އުފާ އެޓީމުގެ ކުޅުންތެރިން ފާހަގަކުރަނީ. އިންގްލެންޑް 1-2 އައިސްލޭންޑް ފޮޓޯ؛ އޭއެފްޕީ

ފްރާންސްގައި މިހާރު ކުރިޔަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ފޯރިގަދަ ދެ މެޗުގައި ވެސް ގިނަ ބަޔަކު ލަފާކުރި ގޮތާއި އިދިކޮޅަށް އިޓަލީ އަތުން ސްޕޭން ބަލިވެ އަދި އައިސްލޭންޑް އަތުން އިނގިރޭސިން ބަލިވެ މުބާރާތުން ކަޓައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ފާއިތުވި 2 ޔޫރޯގެ ޗެމްޕިއިން ސްޕޭނަށް ގްރޫޕްގެ ދެވަނަ އާއެކު ވާދަކުރަން ޖެހުނީ އިޓަލީއާއެވެ. އިޓަލީ އަތުން ސްޕޭން ބަލިވީ 2-0 ން ނެވެ. އައިސްލޭންޑު އަތުން އިނގިރޭސިން ބަލިވީ ވެސް 2-1 ން ނެވެ.

އިޓަލީ 2- 0 ސްޕެއިން

އިޓަލީއާއި ސްޕެން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ 33 ވަަނަ މިނިޓްގައި އިޓަލީން ފޮނުވާލި ހިލޭ ޖެހުމެއް ސްޕެއިންގެ ގޯލްކީޕަރ ޑެހެއަރ އަތުން ޖައްސައި ދިފާއު ކުރިއެވެ. ނަމަވެސް ކުޑަ އޭރިއާ ތެރެއިން އިޓަލީގެ ކުޅުންތެރިއަކު ދެވަނަ ފަހަރާ ގޯލަށް ފޮނުވާލި ބޯޅަ ސްޕެއިންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ހުރަސްވެގެން ދިޔަ ވަގުތު އިޓަލީގެ ޑިފެންޑަރު ކިއެލިނީ ދުވެފައި އަރާ ފައިން ޖައްސާލައި ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މުބާރާތުގައި މިހާތަނަށް އިޓާލީ ކުޅުނު ކުޅުމަށް ވުރެ މެދުތެރެއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށް ދީފައިވެއެވެ. މެދުތެރެއިން ވަރުގަދަ ކަމަށް ފެންނަ ސްޕޭނުގެ ކުޅުން، ފުރަތަމަ ހާފުގައި ބަލިކަށިކަން ރޭގެ މެޗުގައި ފެނިގެން ދިޔައެވެ. މެޗުގައި ޑޭވިޑް ޑެހެއަރގެ މޮޅު ސޭވްތަކެއް ފެނިގެން ދިޔައެވެ. އެހެން ނޫންނަމަ މެޗުގައި ބޮޑު ތަފާތެއް ފެނުނީހެވެ. ދެވަނަ ހާފުގައި ސްޕެއިންގެ ކުޅުން ވަރުގަދަކޮށް މެދުތެރެއިން މެޗުގެ ކޮންޓްރޯލް ހޯދިއެވެ. ނަމަވެސް ހަމަލާތަކުގެ ހުރަހަކަށްވީ އިޓަލީގެ ޑިފެންޑަރުންނާއި ކީޕަރު ބުފަން އެވެ. އިޓަލީގެ ދެވަނަ ގޯލަކީ މެޗުގެ އިތުރު ވަގުތުގައި ޕެލޭ ކާމިޔާބުކޮށް ދިން ގޯލެކެވެ. މީގެ ކުރިން މިދެޓީމު ބައްދަލުކުރި 5 ފަހަރުގެ ތެރެއިން 3 ފަހަރު މެޗު އެއްވަރި ވިއިރު އަނެއް ދެފަހަރު ވެސް މެޗުން މޮޅުވެފައި ވަނީ ސްޕެއިނެވެ.

މިމޮޅައެކު ކުއާރޓާރ ފައިނަލުގައި އިޓަލީން ވާދަކުރަން ޖެހޭނީ ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނާއި ދެކޮޅަށެވެ.

އައިސްލޭންޑް 2-1 އިނގިރެސިވިލާތް

ރޭ ދަންވަރު ފްރާންސްގެ ސެންޓް ޑެނިސްގައި ކުޅެވުނު އިނގިރޭސިވިލާތާއި އައިސްލޭންޑްގެ މެޗު ނިމުނީ ގިނަބަޔަކު ހީކުރި ގޮތާއި ޚިލާފަށް 2-1ން އިނގިރޭސިން ބަލިވެގެންނެވެ. އާބާދީގައި 3 ލައްކަ 30 ހާސް މީހުން ގެ އައިސްލޭންޑުން މެޗުން މޮޅުވީ އިނގިރޭސިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އާރާ 2 ގޯލުޖަހައިގެންނެވެ.

މެޗުގެ 4 ވަނަ މިނިޓްގައި އިނގިރޭސިންނަށް ގޯލެއް ކާމިޔަބުކޮށް ދިނީ ޕެނަލަޓީއަކުން ވެންރޫނީއެވެ. އެއިގެ ދެމިނިޓް ފަހުން އައިސްލެންޑުން ގޯލެއް ޖަހައި  ނަތީޖާ ހަމަހަމަކުރިއެވެ. އައިސްލޭންޑްގެ ދެވަނަ ގޯލު ޖެހީ އައިސްލޭނޑްގެ ކޮލްބެއިން ސައިތޯސަން އެވެ. އިގިރޭސި ކުޅުންތެރިން މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ހަމަލާތަކެއް އައިސްލެންޑްގެ ގޯލަށް ފޮނުވާލިއެވެ. ޑެނިއަލް ސްޓަރިޖް އާއި ޑެލީ އަލީގެ ހަމަލާތައް ގޯލާއި އަމާޒު ނުވީއެވެ. އިންގްލެންޑުން ވަނީ 18 ހަމަލާއެއް އިދިކޮޅު ގޯލަށް ފޮނުވާލާފައެވެ. އައިސްލޭންޑަށް ފޮނުވާލެވިފައި ވަނީ ޖުމްލަ 8 ހަމަލާއެވެ. ރޫނީ ގެ ބަދަލުގައި ޒުވާން ފޯވަޑް ރަޝްފޯޑް އާއި ރަހީމް ސްޓާރލިންގެ ބަދަލުގައި ކޯޗް ހޮޖުސަން ވަނީ ޖިމީ ވާޑީވެސް ކުޅެން ނެރެފައެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެއި އައިސްލޭންޑް އަތުން ބަލިވެ މުބާރާތުން ކެޓުމުން ގިނަ ބައެއްގެ ފާޑުކިއުންތައް އިނގިރޭސިޓީމަށް ވަނީ އަމާޒުވެފައެވެ.

މިދެޓީމު މިގެ ކުރިން ބައްދަލުކޮށްފައި ވަނީ އެންމެ ފަހަރަކު 2004 ވަނަ އަހަރު ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. އެފަހަރު ބޮޑު ތަފާތަކުން، 6-1 ން މެޗު ކާމިޔާބުކުރީ އިނގިރޭސި ވިލާތެވެ. މިއި ބޮޑު މުބާރާތެއްގައި އައިސްލޭންޑް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ކުއާރޓަރ ފައިނަލުގައި އައިސްލެންޑުން ބައްދަލުކުރާނީ މުބާރާތްބޭއްވެ ފްރާންސާއި ދެކޮޅަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !