A wide advertisement which will be shown on all devices. (700 x 100)

މައިލޯ އިންޓަރސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ފުވައްމުލަކު 5 ސްކޫލް ބައިވެރިވޭ

އަންނަ ސެޕްޓެމްބަރ މަހު 2 ވަނަ ދުވަހުން 5 ވަނަ ދުވަހަށް މާލޭގައި ބާއްވާ މައިލޯ 19 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފުވައްމުލަކު 5 މަދަރުސާ އަކުން ވަނީ ބައިވެރިވެފައެވެ. މި ކަސްރަތު މުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހާފިޒް އަޙްމަދު ސްކޫލާއި މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީނާއި ފުވައްމުލަކު ސްކޫލާއި ޒިކުރާ އިންސްޓިޓިއުޓް އެވެ. ފުވައްމުލަކުގެ 5 މަދަރުސާގެ އިތުރުން މާލެއާއި ރާއްޖޭގެ އެހެން ކަންކޮޅުތަކުން 25 މަދަރުސާއިން މިކަސްރަތު މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.

ހަތަރު ދުވަހުގެ މުއްދުތަށް ކުރިޔަށް ދާ މި މުބާރާތުގައި 5 އުމުރުފުރާއެއް ގައި ދެޖިންސުން ޖުމްލަ 104 އިވެންޓް ކުރިޔަށްދާނެކަމަށް މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަނުން ހާމަކުރެއެވެ. މިމުބާރާތް ބާއްވާ އުމުރުފުރާތަކަކީ 11، 13، 15، 17 އަދި 19އަހަރުން ދަށުގެ އުމުރު ފުރާތަކެވެ.

ފުވައްމުލަކު ދަރިވަރުންނަކީ ގައުމީ ކަސްރަތު މުބާރާތުން ފާހަގަކުރެވޭ ބައެކެވެ. އެގޮތުން މިދިޔަ އަހަރު މާލޭގައި ބޭއްވި 18 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 17 އަހަރުދަށުގެ ފިރިހެން ބެސްޓް އެތުލީޓަށް ހޮވުނު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހީމް އަޝްފާން ޢަލީ ދަނީ ބައިނަލްއަގްވާމީ ލެވެލްގެ ގިނަ ކަސްރަތު މުބާރާތްތަކުގައި ބައިވެރިވެ ރަގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

މީގެ އިތުރުން، މިއަހަރު ޖުލައި މަހު 21 އިން 24 ގެ ނިޔަލަށް ފުވައްމުލަކުގައި ކުރިޔަށް ދިޔަ މައިލޯ 20 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 5 ކެޓަގަރީއަކުން އެއްވަނަ ފުވައްމުލަކު ސްކޫލްތަކުން ހޯދިއެވެ. 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެވެސް އެއްވަނަ މަދަރުސަޠުލް ޝެއިޚް މުޙައްމަދު ޖަމާލުދީން ހޯދިއިރު، 11 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ޙާފިޒް އަޙްމަދު ސްކޫލް ހޯދިއެވެ. އަދި ޏ.އަތޮޅު ތައުލީމީ މަރުކަޒުން 15 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނައާއި، 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !