މިއަދު ފެށުނު ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ބައިން އަފުން ޓީމް ފަސޭހަކަމާއި އެކު މޮޅުވެ، އަންހެންބައިގެ ފުރަތަމަ މެޗު ހޯދަޑު ސްޕައިކާރސް ހޯދައިފިއެވެ.
އަތޮޅު ކައުންސިލްގެ ސްޕޯޓްސް ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރަތްތުގެ ހުޅުވުމުގެ ރަސްމިއްޔާތުވެސް އިއްޔެ ހަވީރު ބާއްވާފައިވެެ އެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރީ ދިގުވާނޑު އަފުން ޓީމާއި ދަޑިމަގު ނަގަނަމަގު ޓީމެވެ. މިމެޗް ފަސޭހަކަމާއި އެކު ތިން ސެޓުން ގެންދިޔައީ ގައުމީ ޓީމްގެ ދެކުޅުންތެރިންނަށްވާ އިސްމާއިލް ސާޖިދު އާއި އަޝްފާގު އާދަމް ކުޅުނު ދިގުވާނޑު އަފުން ޓީމުންނެވެ. ނަގަނަމަގު ޓީމަށްކުޅުނު ގައުމީ ޓީމްގެ އަހްސަން މޮޅުކުޅުމެއް ދެއްކި އެވެ.
އަންހެން ބައިގެ ފުރަތަމަ މެޗް ހޯދަޑު ސްޕައިކާރސް އިން ކާމިޔާބު ކުރީ އެންމެ ފަހުގެ ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުމާއި ވާދަކޮށް 3-1 ސެޓުންނެވެ. މި މެޗްގެ ފުރަތަމަ ސެޓް 25-16 އިން ކާމިޔާބު ކުރީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ.
ނަމަވެސް ހޯދަޑު ސްޕައިކާރސް އިން ކުޅުން ރަނގަޅުކޮށް 25-19 އިން ދެވަނަ ސެޓް ކާމިޔާބު ކުރިއެވެ. އަދި 3 ވަނަ ސެޓް 25-23 އިން ކާމިޔާބު ކުރިއެވެ. އަދި ފަހު ސެޓް 25-15 ކާމިޔާބުކޮށް މެޗްގެ މެޗުން އެމީހުންގެ ފުރަތަމަ މެޗް ކާމިޔާބުކުރިއެވެ.
ހޯދަޑު ސްޕައިކަރސް އިންކުރި މިހޯދީ ނިމިދިޔަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުމުގެ މައްޗަށެވެ. ހޯދަޑު ސްޕައިކަރސް ޓީމްގައި ސްރީލަންކާގެ ދެ ކުޅުންތެރިންނާއި ގައުމީ ޓީމްގެ ކުޅުންތެރިޔަކު ހިމެނެއެވެ. އަދި މިސްކިތްމަގު އެންމެންގުޅުމުގެ ޓީމްގައި ގައުމީ ޓީމްގެ ދެކުޅުންތެރިންނާއި ތައިލެންޑް ދެ ކުޅުންތެރިން ހިމެނެއެވެ.
މިއަދު ހަވީރު 16:00 ގައި ބައްދަލުކުރާނީ ފިރިހެން ބައިގެ އެންމެ ފަހުގެ ޗެމްޕިއަން ފިސްޑާ އާއި މީދު ވޮލީ ޓީމެވެ. އަދި ރޭގަނޑު ބައްދަލުކުރާނީ އަންހެން ބައިގެ ދަޑިމަގު ރަނިންއާއި ފިސްޑާ އެވެ. މިމެޗް ފެށޭނީ ރޭގަނޑު 8:30 ގައެވެ.
މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.
ޚިޔާލުތައް