ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމުގެ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކާގެ އިތުރު މަތިންދާބޯޓެއް ރާއްޖެއަށް ގެނެސްފިއެވެ. މިއީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި ATR މަރުކާގެ 5 ވަނަ މަތިންދާ ބޯޓެވެ.
މޯލްޑިވިއަންއިން މިފަހަރު ގެނެސްފައިވާ މަތިންދާބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓާއިއެކު މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު ހިމެނެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ހިމެނެނީ ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓެވެ.
މޯލްޑިވިއަންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.
މި އައު މަތިންދާބޯޓު އިތުރުވުމާއެކު މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ޚިޔާލުތައް