A wide advertisement which will be shown on all devices. (700 x 100)

ލ. އަތޮޅުގައި ބަނދަރަކާއެކުގައި ބަންކަރިން ހިދުމަތް ދިނުމަށް އިންވެސްޓްކުރަން ހުޅުވާލައިފި

ލ. އަތޮޅުގައި ބަނދަރަކާއެކުގައި ބަންކަރިން ހިދުމަތް ދިނުމަށް ނިންމައި އެ މަޝްރޫއަށް އިންވެސްޓްކުރަން ފުރުސަތު ހުޅުވާލައިފިއެވެ.

މި މަޝްރޫއަށް އިންވެސްޓްކުރަން ފުރުސަތު ހުޅުވާލީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގައެވެ. މި ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގިނަ އަދަދެއްގެ ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ސިންގަޕޫރުގައި ހަރަކާތްތެރިވާ ވަރަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވެސް މި ފޯރަމްގައި ބައިވެރިވެއެވެ.

މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ ބޯޓުފަހަރަށް ބަންކަރިން ހިދުމަތް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ އުތުރުގައި ވެސް ބަންކަރިން ހިދުމަތް ފަށައިފައެވެ. މި ހިދުމަތާއެކުގައި އެ ސަރަހައްދުން ދަތުރުކުރާ ވަރަށް ގިނަ ބޯޓުފަހަރު ތެޔޮ އެޅުން ފަދަ މުހިންމު ހިދުމަތްތަކެއް ދަނީ ހޯދަމުންނެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި އުތުރުގައި ދެމުން އަންނަ ހިދުމަތާއި ލ. އަތޮޅުގައި އަލަށް ފަށަން އުޅޭ ބަންކަރިން މަޝްރޫއު ތަރައްގީކޮށް، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް އެ ތަންތަނުން ދިނުމަށެވެ.

ލ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބަންކަރިން މަޝްރޫއުއާ ގުޅޭ މާ ބޮޑު ތަފްސީލެއް ސަރުކާރުން އަދި ނުދެއެވެ. އެގޮތުން، އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ރަށެއް ވެސް އިންވެސްޓްމަންޓް ފޯރަމްގައި ހާމަކޮށްފައެއް ނުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މަޝްރޫއުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ބަންކަރިން ހިދުމަތް ދިނުމާއި ބަނދަރާ ގުޅޭ އިންފްރާސްޓްރަކްޗާ ގާއިމުކރުުމާއި ސްޓޯރޭޖް ފެސިލިޓީ އަދި ސަޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫއުއާ ބެހޭ އިތުރު ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން ހިދުމަތާއެކު މެއި މަހުގެ މެދާ ހިސާބަށް ދިޔައިރު، 124 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ ފައިސާ ލިބުނީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެންނެވެ. ސަރުކާރުން ދަނީ މި ހިދުމަތަށް ކުރިއެރުން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކުރިއެވެ. ބަންކަރިން ހިދުމަތް އިތުރަށް ފުޅާކޮށް ހއ. ހޯރަފުށީގައި ބިން ހިއްކައިގެން ތެޔޮ ޓާމިނަލަކާއި ކޮންޓެއިނާ ޓާމިނަލެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !