މިދިޔަ އަހަރު އެމްޑަބްލިއުއެސްސީ އަށް 217 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.
އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު ވަނީ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެ ކުންފުނިން ވަނީ އާމްދަނީ އިތުރު ކުރުމަށް ސީދާ ގޮތުން ކުރާ ހަރަދުތައް އެއް ބިލިއަން ރުފިޔާ އިން 935 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައެވެ.
ދަރަނި އަދާކުރުމަށް އެމްޑަބްލިއުއެސްސީން 62 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވެއެވެ.
މިދިޔަ އަހަރު އެމްޑަބްލިއުއެސްސީ އަށް 217 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު އެމްޑަބްލިއުއެސްސީއިން އަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަހްރުވެރި ކާމިޔާބު ކުންފުންޏެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ފެނާއި ނަރުދަމާގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރިއެރުމަށް އެމްޑަބްލިއުއެސްސީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެންމެހައި މުވައްޒަފުންނަށް އިހްލާސްތެރިކަމާއި އެކު ޝުކުރު އަދާކުރާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި، ކުންފުންޏަށް ކުރައްވާ އިތުބާރާއި، ބަހައްޓަވާ ގާތްކަމަށްޓަކައި، އެންމެހައި ކަސްޓަމަރުންނަށް ވެސް ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ އަމާޒަކީ ދެމެހެއްޓެނެވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.



ޚިޔާލުތައް