މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) އިއްޔެ ބާއްވައި، ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ފައިދާއެއްވިކަން އިއުލާންކޮށްފިއެވެ.
އެމްއެމްޕީއާރްސީން ވިދާޅުވީ، މި އަހަރުގެ އާންމު ޖަލްސާ ވެގެންދިޔައީ ފައިދާއަށް އެނބުރި އައުމާއި ވަރުގަދަ މާލީ ޑިސިޕްލިން އާއި ސްޓްރެޓެޖިކް އިސްލާހުތަކެއް ގެނައުމުގެ މުހިންމު އަހަރަކަށް އަލިއަޅުވާލާފައިވާ ޖަލްސާއަކަށް ކަމަށެެވެ.
މިދިޔަ އަހަރުގެ މާލީ އަހަރު އެމްއެމްޕީއާރުސީން 27،490،370 ރުފިޔާގެ ފައިދާއެއް ރެކޯޑްކޮށްފައި ވާއިރު، މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރެވެ. 2023 ވަނަ އަހަރު އެމްއެމްޕީއާރުސީން ވަނީ 17،997،662 ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައެވެ. މި ބަދަލަކީ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމުގެ އިޝާރާތެކެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީން ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. މިގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް %10 މަދުކޮށްފައިވާއިރު، ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން އެންމެ 6 އިދާރާއަށް ސްޓްރެޓެޖިކް ގޮތެއްގައި ދަށްކޮށް، ކޯޕަރޭޝަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްވިއެވެ. އަދި ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ %80 އާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކޯޕަރޭޝަނުން ގެންގުޅުނު އުސޫލު ވަނީ އަލުން އެކުލަވާލާފައެވެ. އެ އަދަދު މިހާރު ހުރީ %34 ގައެވެ. އަދި ބޮޑު އިވެންޓުތަކުން އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތް ކޮށްފައެވެ.
މި އަދަދު ކުޑަކޮށްފައިވީ ނަމަވެސް، ސިނާއަތުގެ ބައިވެރިވުމާއި ބައިނަލްއަގްވާމީ ގޮތުން ފެންނަން ހުރި މިންވަރު ވަރުގަދަވެ، ރަނގަޅު ފީޑްބެކްތަކެއް ލިބެމުންދެއެވެ.
ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން އެމްއެމްޕީއާރުސީން މިހާރު ދަނީ 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުންނެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ގިނައެވެ .މިކެމްޕޭންތަކުގެ ސަބަބުން ރާއްޖެއަށް ވާދަވެރި ކުރިއެރުންތައް ލިބެމުން މި އަންނަނީ ދުވަހުން ދުވަހަކަށް ޑައިނަމިކްވަމުން އަންނަ ގްލޯބަލް ޓްރެވަލް ލޭންޑްސްކޭޕް އެއްގައެވެ.
ޓޫރިޒަމް ޕާފޯމަންސް އިން ވެސް ވަނީ ހަރުދަނާ ނަތީޖާތަކެއް ދައްކައިފައެވެ. ރާއްޖޭގެ ޓޮޕް 10 ސޯސް މާކެޓަކުން ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ވަނީ ލިބިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2023 ވަނަ އަހަރު 39 އިންސައްތަ ދަށަށް ދިޔަ އިންޑިއާ ވަނީ މިއަހަރު %4 ކުރިއެރުމެއް ހޯދާފައެވެ. ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް ވަނީ އިތުރަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ގޫގުލް ޓްރެންޑްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕާއި އޭޝިއާއިން ރާއްޖެ ސާޗްކުރުމުގައި 1000 އިންސައްތަ އިތުރުވެ، މިހާރުގެ މާކެޓިން ސްޓްރެޓެޖީތަކުގެ އިފެކްޓިވްކަން ދައްކުވައިދެއެވެ.
އަހަރީ އާންމު ޖަލްސާގައި އެމްއެމްޕީއާރުސީއަކީ ޒަމާނީ، ޑޭޓާ އޮރިއެންޓެޑް އަދި އައުޓްކަމް ފޯކަސްޑް ޑެސްޓިނޭޝަން މާކެޓިން އޯގަނައިޒޭޝަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ޓްރާންސްޕޭރެންސީ އާއި ޓީމްވޯކަށް ހަރުދަނާ އަޒުމަކާއެކު، އެމްއެމްޕީއާރުސީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި ފައިދާތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މެނޭޖްމަންޓާއި ބޯޑުން މަސައްކަތް ކުރެއެވެ.
މި ބަދަލަކީ މާލީ ކާމިޔާބީއެއްގެ އިތުރުން ރާއްޖޭގެ އެންމެ މުހިންމު އެއް ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެމްޕީއާރްސީގެ ދައުރު އިތުރުވެފައިވާކަން ވެސް ދޭހަކޮށްދޭ އަހަރެކެވެ.



ޚިޔާލުތައް