A wide advertisement which will be shown on all devices. (700 x 100)

މާލޭގެ ނޯތު ހާބަރ ސަރަހައްދު ހިންގުން އެމްޕީއެލާ ހަވާލުކޮށްފި

މާލޭގެ ނޯތު ހާބަރ ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފިއެވެ.

އެ ބަދަލު ގެނެވިފައިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ ހަވާލުކޮށްފައި ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެހެންކަމުން، އެ ބަނދަރު ހިންގައި ބަލަހައްޓާނީ، އެމްޕީއެލްގެ މާލޭ ނޯތު ހާބަރުގެ ދަށުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެ ބަދަލާއެކު އޮގަސްޓް މަހުގެ އެކަކުން ފެށިގެން މާލޭ ނޯތު ހާބަރުން ހިދުމަތް ފޯރުކޮށްދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް ކަމަށާއި މާލެ ނޯތު ހާބަރުގެ ހިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައި ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

މާލޭ ނޯތު ހާބަރުގައި އުޅަނދު ފަހަރު ރަޖިސްޓްރީކުރުމަށް ހާބާ ސޮފްޓްވެއާގެ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށާއި ޕޯޓަލްއިން މާލޭ ނޯތު ހާބަރުން ބޭނުންވާ ހިދުމަތްތަކަށް އެދެވިދާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާނެއެވެ. އަދި މަސް ދޯނި ފަހަރަށް ހާއްސަކުރެވިފައިވާ 20 ޖާގަ ހިމެނިފައިވާނެ ކަމަށެވެ. އެހެންކަމުން މާލޭ ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ ކަމަށެވެ. އަދި 25 އުޅަނދު ވެއިޓިން ގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެ ކަމަށެވެ.

އައި ބަދަލާއި ގުޅިގެން މާލޭ ނޯތު ހާބަރުގެ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި ހިދުމަތް ހޯދާ އުޅަނދުތަކަށް ވާ އައްސާ މޫޓް ތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް މިހާރުވެސް ދަނީ ކުރިޔަށް ކަމަށެވެ. އެގޮތުން ފަޅުގެ މެދުން ލައިނަކަށް ފަސް ފޫޓް ފަސް ފޫޓްގެ ދިހަ ކޮންކްރީޓް ބުޑު ފައްތާ ޗޭނަކުން ގުޅާލުމުގެ މަސައްކަތްވެސް ދަނީ ކުރިޔަށް ކަމަށެވެ. އަދި ޒޯންތައް ފާހަގަ ވާނެ ގޮތަށް ސައިންގ ބޯޑްތަކެއް ހަރުކުރެވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްގެ ބެލުމުގެ ދަށުން މާލޭ ނޯތު ހާބަރުން ކީވޯލް އިން ޖާގަ ދެމުން ދަނީ ކިއު ތަރުތީބެއްގެ ދަށުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ފެނާއި ކަރަންޓްގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެންކަމުން މުޅި ބަނދަރު މާލޭ ނޯތު ހާބަރާއި ހަވާލުވުމުން ކިއުތަރުތީބަކުން މުޅި ބަނދަރަށް ކީވޯލްއިން ޖާގަދެމުންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި ފެނާއި ކަރަންޓްގެ ހިދުމަތް ފުޅާކޮށް މުޅި ބަނދަރުގެ ސަރަހައްދަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު މިވަނީ މަސައްކަތްފަށާފައި ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ އަދި އޭގެ އިތުރަށް ތެލުގެ ހިދުމަތް ކައިރި މުސްތަގްބަލެއްގައި ދިނުމަށް ވަނީ ނިންމާފައި ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !