ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުގެ އައު ޕެސެންޖަރ ޓަރމިނަލް މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ދަތުރުތަކަށް ހުޅުވާލައިފިއެވެ. އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތްދޭ އެއަރލައިނަކަށް މޯލްޑިވިއަން ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިންނެވެ.
ވެލާނާ އެއަޕޯރޓުގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ. ގާތްގަނޑަކަށް 100 ފަސިންޖަރުންނާއެކު މިއަދު މެންދުރު ފަހު ކޮޗިންއިން ރާއްޖެ އައި މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއްވެސް ވަނީ ދީފައެވެ. މި ތާރީހީ ފްލައިޓުގައި ހިދުމަތް ދޭންތިބި ކްރޫ އިންވެސް ތިބީ ދިވެހި ހެދުމުގައެވެ. އެގޮތުން އަންހެން ކުރޫއިން ދިވެހި ދިގު ހެދުމުގައި ތިބި އިރު، ފިރިހެން ކްރޫއިން ލައިގެން ތިބީ މުންޑާއި ހުދު ގަމީހެވެ.
ފްލައިޓުން އައި ފަސިންޖަރުން ޓަރމިނަލަށް ގޮސްފައިވަނީ އޭރޯ ބޯޑިންގ ބުރިޖުގައެވެ. މި ފްލައިޓުން އައި ފަސިންޖަރުންނަށް އައު ޓަރމިނަލުން ވަނީ މަރުހަބާ ކިޔާފައެވެ. ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ދައުލަތުގެ ބައެއް އިސްވެރިންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒިރު މޫސާ ޒަމީރު އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. އަދި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުއާއި، އެމްއޭސީއެލްގެ ޗެއަރޕަރސަންގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އަދި މޯލްޑިވިއަންގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައިވެއެވެ.
މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. އެއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 9 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާއިރު، މި ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓަރމިނަލް އޮރާޓް ނުވަތަ އެއަރޕޯޓުތައް ޚިދުމަތަށް ނެރުމުގެ އޮނިގަނޑުގެ ތެރެއިން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެއެވެ.
ޚިޔާލުތައް