A wide advertisement which will be shown on all devices. (700 x 100)

ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރު މިހާތަނަށް ދިވެހި ދައުލަތުން 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމަށް 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

މާލީ ވުޒާރާއިން އާންމުކުރި ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް” ރިޕޯޓުގައިވާ ގޮތުން ޖުލައި 17 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 3,279.5 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެގޮތުން، ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ކުރި ހޭދަވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %17.9 އިތުރުވެފައެވެ.

މި މުއްދަތުގެ ނިޔަލަށް ހަރަދަށްވުރެ އާމްދަނީ އިތުރުވެ، ޖުމްލަ ބަޖެޓު 1 ބިލިއަން ރުފިޔާއިން އަރަނިވެފައިވާ ކަމަށް ވެސް އެ ވުޒާރާ ހާމަކޮށްފައިވެއެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 23.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ ޚަރަދުތައް %17.9 ދަށްކުރެވިފައިވާކަން ދައްކުވައިދޭ އަދަދެކެވެ.

ހޭދަތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 17.2 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުތައް ވެސް ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %3.5 ދަށްކުރެވިފައެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން 7.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަދިނުމާއި ޕެންޝަނަށެވެ. އަދި 9.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށެވެ.

ހަރަދުތަކުގެ ތެރެއިން ކެޕިޓަލް ހަރަދުތައް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ވަނީ ފާހަގަކޮށްލެވޭ ވަރަށް، ދަށްކޮށްފައެވެ. އެގޮތުން %61.4 އަށް ކެޕިޓަލް ހަރަދު ވަނީ ދަށްކުރެވިފައެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 5.9 ބިލިއަން ރުފިޔާގައި ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ޖުލައި 17 ގެ ނިޔަލަށް ދައުލަތައް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ %7.9 އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 20.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 19 ބިލިއަން ރުފިޔާކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !