މިއަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައިން މައްޗަށް އަރައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ %7.2 އަކީ އިޓަލީގެ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރޭ “ޑެއިލީ އަޕްޑޭޓް ރިޕޯޓް” އިން ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9 ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް އެއްލައްކަ އެއްހާސް ފަންސާސް އެއް ފަތުރުވެރިން ވަނީ އައިސްފައެވެ. އިޓަލީވިލާތަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. މިދިޔަ އަހަރުގެ އިޓަލީވިލާތް އޮތީ މި ލިސްޓުގެ 5 ވަނައިގައެވެ.
މިއަހަރުގެ މިހާތަނަށް ޗައިނާއިން ދެލައްކަ ސަތާރަހާސް ފަތުރުވެރިން، ރަޝިއާއިން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ފަތުރުވެރިން އަދި އިނގިރޭސިވިލާތުން އެއްލައްކަ ނަވާވީސްހާސް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މި ހިނގާ އޮގަސްޓްމަހުގެ މިހާތަނަށް އެކަނިވެސް ރާއްޖެއަށް 114،509 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ މި މުއްދަތާއި އަޅާބަލާއިރު %4.6 އިތުރު އަދަދެކެވެ. އޮގަސްޓްމަހުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6736 ފަތުރުވެރިން އާދެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. އެހެންކަމުން މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ބަލާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ ގާތްގަނޑަކަށް 9 ލައްކަ ފަތުރުވެރިންނެވެ.
ޚިޔާލުތައް