ލިއުނީ: މުޙައްމަދު ރަޝީދު (ދޮންބެ)، ފުވައްމުލަކު އުތުރު ދާއިރާ
2020 މޭ 28 ވަނަ ދުވަހަކީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރިތާ އެއްއަހަރު ފުރުނު ދުވަހެވެ. މަޖިލީހުގެ ހަޔާތުން އަހަރެއް ފުރިގެންދާ މި މުނާސަބާގައި ފުވައްމުލައްސިޓީގައި މި ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކާއި ހިންގަން ރާވައިފައިވާ މަޝްރޫޢު ތަކަށް ކަޅިއެއް ހިންގައިލެވޭތޯ ބަލައިލާނަމެވެ.
އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ ފުވައްމުލައް ތަރައްގީ ކުރަންޖެހޭނީ ސިޓީއެއްގެ ގޮތުގައި ކަމަށެވެ. ވަކި ދާއިރާއެއް، ވަކި އަވަށެއްގެ ވިސްނުމުގައި ނޫން ކަމަށެވެ. ފުވައްމުލައް ސިޓީގެ ނަރުދަމާ، ހޮސްޕިޓަލުގެ ކަންކަން، ރަށްގިރުމުގެ މައްސަލަ، އަދިވެސް މިހެންހުރި ތަރައްގީގެ ގިނަ މަސައްކަތްތަކަކީ ވަކި ދާއިރާއަކަށް، ވަކި އަވަށަކަށް ނިސްބަތްކޮށް ހިންގޭނޭ މަޝްރޫޢުތަކެއް ނޫނެވެ. ކުޅިވަރުގެ ވަސީލަތްތައްވެސް ތަރައްގީ ކުރާން ޖެހޭނީ މި ވިސްނުމުގެ ތަރަހައިގެ މަތީގައި ކަމަށް އަޅުގަނޑު ދެކެމެވެ.
ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި:
1 ނަރުދަމާގެ މައްސަލަ:
ފުވައްމުލައް ސިޓީގެ ނަރުދަމާއަކީ ރައީސް ޔާމީންގެ ސަރުކާރުން ރަށުގައި ހިންގި އެންމެ ބޮޑު މަޝްރޫޢެވެ. މި މަސައްކަތަކީ ސްރީލަންކާގެ ސިއަރާ ކުންފުންޏާ ހަވާލުކޮށްގެންކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ. މިއީ ސަރުކާރުގެ ބަޖެޓުން 278 މިލިއަން ރުފިޔާ ޚަރަދުކުރި މަޝްރޫއެކެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމުމުގެ ކުރިން، މި މަސައްކަތް ރަގަނޅަށް ނުނިމި އުޅެނިކޮށް، މަސައްކަތް ނިމުނުކަމަށް ނިންމައި، ސަރުކާރުން ވަނީ ނަރުދަމާއާ ހަވާލުވެފައެވެ. އެހެންވުމުގެ ސަބަބުން މަސައްކަތް ނިމުނުއިރު ކޮންޓްރެކްޓަރގެ ވޮރަންޓީގެ މުއްދަތުވަނީ ހަމަވެފައެވެ. މިހާރުގެ ސަރުކާރަށް ވާރުތަވީ ނަރުދަމާގެ ހާލަތު ފެންނަން މި އޮތީއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހައިތަނަށް ބެލި ބެލި ވަރަކަށް ފެންނަނީ އިތުރު މައްސަލަތަކެވެ. މުޅި ނިޒާމު އެއްކޮށް ފެއިލްވެފައި ކަހަލައެވެ. ފެންނަ ފެނުންތަކަށް ބަލާއިރު މުޅި ނިޒާމު ޖެހެނީ އަލުންބަލުން ހަދާން ކަމުގައި ލަފާކުރެވެއެވެ. ނަމަވެސް، ސަރުކާރުގެ އަމާޒު މިހާރު ހިފައިފައި ހުރީ ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ވިޔަސް މި މައްސަލައަށް ހައްލު ހޯދައިދިނުމަށެވެ.
2 ރަށްގިރުމުގެ މައްސަލަ:
ފުވައްމުލައް ސިޓީގެ ހޭޅިފަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި އެންމެ ފުރަތަމަ މަސައްކަތް ފަށައިފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުގައެވެ. އޭރުގައި އަމަލީ މަސައްކަތް ނުފެށިގެން އުޅެނިކޮށް ރައީސް ނަޝީދުގެ ސަރުކާރު ނިމުމަކަށް ގެނެވުނެވެ.ކުވެއިތު ފަންޑާއި ނެދަލޭންޑުގެ އޯރިއޯ ފަންޑުން ޚަރަދުކުރަން ހަމަޖެހިފައިވާ މި މަޝްރޫޢު ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ހިމަނަމުން އަންނަތާ 10 އަހަރު ފާއިތުވަނީއެވެ.
މި ކަމުގެ އަމަލީ މަސައްކަތް ފެއްޓުމަށް ޓަކައި މި ސަރުކާރުން އަންނަނީ އަލުން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ޓަކައި ބީލަމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މިއީ ބޭރުގެ ދެ ފަރާތެއްގެ ޚަރަދުގައި ހިންގޭ މަޝްރޫޢެއް ކަމުގައި ވާތީ ވުމުން ބީލަމުގެ ކަންތައް ކުރިއަށްދަނީ ބޭރުގެ (އިންޓަރނޭޝަނަލް) ކޮންސަލްޓެންސީ ފާމަކާ ހަވާލުކޮށްގެންނެވެ. ފިނޭންސް މިނިސްޓްރީން މި މަސައްކަތް ފައްޓާފައިވަނީ މި އަހަރު ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރި 3 ކުންފުނިވެސް ޝަރުތު ހަމަނުވާކަމަށް މި ބީލަމުގެ މަސައްކަތް ކުރިއަށް ގެންދާ ކޮންސަލްޓެންޓް ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދަނީ ޝަރުތުތައް ލުއިކޮށް، ދެވަނައަށް ހުޅުވައިލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި 5 ފަރާތާ އެކުއެވެ. ނަމަވެސް މި ފަހަރުވެސް ފުރަތަމަ ކެޓަގަރީގައި ކަނޑައަޅާފައިވާ ޝަރުތުތަކަށް މި 5 ފަރާތްވެސް ޝަރުތު ފުރިހަމަނުވާތީ ޓެކްނިކަލް އިވެލުއޭޝަން ހަދާފައިވަނީ ދެވަނަ ކެޓަގަރީގައި ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަލައިގެންނެވެ. އެއަށްފަހު ފިނޭންސް މިނިސްޓްރީން މިހާރު ދަނީ ޓެކްނިކަލް އިވެލުއޭޝަންގެ ރިޕޯޓު ތައްޔާރުކޮށް އަގު ހުށައެޅުމުގެ ބީލަމަށް ހުއްދައަށް އެދި ކޮންސަލްޓެންޓަށް ފޮނުވުމަށް ޓަކައި ތައްޔާރުވަމުންނެވެ.
ދެވަނަ ކެޓަގަރީގައި އިވެލުއޭޓު ކޮށްފައިވާ ޓެކްނިކަލް ރިޕޯޓަށް ކޮންސަލްޓެންޓް ފާރމުން ހުއްދަ ދީފި ކަމުގައި ވާނަމަ ދެން އޮންނާނީ އަގު ހޯދުމަށްފަހު އެންމެ ރަނގަޅު ފަރާތަކާމަސައްކަތް ހަވާލުކުރުމެވެ. މި ކަމަށް 2-3 މަސްދުވަސް ނަގާނެކަމަށް ލަފާކުރެވެއެވެ. އަދި އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފެއްޓޭވަރު ވާނޭ ކަމަށް ލަފާކުރެވެއެވެ.
ދެވަނަ ކެޓަގަރީގައި އިވެލުއޭޓު ކޮށްފައިވާ ޓެކްނިކަލް ރިޕޯޓަށް ކޮންސަލްޓެންޓް ހުއްދަ ނުދީފިނަމަ މުޅި ބީލަން އަލުން ކުރިއަށް ގެންދަން ޖެހޭނެއެވެ. މި ހާލަތުގައި މިމަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރުތެރޭ ފެއްޓިދާނޭ ކަމަކަށް ނުބެލެވެއެވެ.
މިއީ ބޭރުގެ ފަންޑިން މަޝަރޫޢަކަށް ވުމާއެކު ކަންތައްތައް ނިންމުމުގައި ދިވެހި ސަރުކާރުގެ ދައުރު ކުޑަކަން ފާހަގަ ކޮށްލަން ޖެހެއެވެ.
3 މަގުހެދުމުގެ މަސައްކަތް:
ތާރު އަޅައިގެން ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފައްޓާފައެވެ. އެ ގޮތުން ނައިބުތުއްތު މަގު ވަނީ ޣާޒީމަގުން ފެށިގެން ގެންމިސްކިތާއި ހަމަޔަށް ނިންމައިފައެވެ. 60 މިލިއަން ރުފިޔާއަށް ރަށުގެ ތެރޭގެ 31 މަގެއްގެ ކޮންޓުރެކްޓް އެމް.ޓީ.ސީ.ސީއާ ވަނީ ހަވާލު ކުރެވިފައެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓަށް 60 މިލިއަން، 2022 ވަނަ އަހަރުގެ ބަޖެޓަށް 117.6 މިލިއަން ރުފިޔާ ފުވައްމުލައް ސިޓީގެ މަގުތައް ހެދުމަށް ބަޖެޓު އަންދާޒާގައި ވެއެވެ. މި މަސައްކަތުގެ އަމަލީމަސައްކަތް ފެއްޓުމަށް ބޭނުންވާ މުވައްޒަފުން ރަށުން ނެގުމަށް ޓަކައި ކުރާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް ކޮވިޑު 19 ޢާލަމީ ވަބާގެ ސަބަބުން އެ ކަންތައް ވަނީ މި ވަގުތަކަށް ހުއްޓިފައެވެ. ނަމަވެސް ސަރުކާރުން މިއަދާ ހަމައަށް ނިންމާފައިވަނީ ޕީ.އެސް.އައި.ޕީ ޕުރޮޖެކުޓުތަކުގެ ތެރެއިން ކޮންޓްރެކްޓް ކުރެވިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަން ގެންދިއުމަށެވެ. އެހެންކަމުން ކޮވިޑު 19އިގެ ކަންތަކުން އަރައިގެނެވުނުހައި އަވަހަކަށް މި މަސައްކަތް ފެއްޓިގެންދާނެއެވެ.
4 އުތުރު ދާއިރާގައި މި ވަގުތު ހިނގަމުންދާ މަޝްރޫޢުތައް:
ހ. އެމް.ޖޭ. އެސް.ގެ މަލްޓިޕާރޕަސް ހޯލްގެ މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓުގައި 3.2 މިލިއަން ރުފިޔާ ހިމެނިގެން ކުރިއަށްދާ މަޝްރޫއުއެކެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓުގައި މި މަސައްކަތަށް 1.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެމް.ޑީ.ޕީ ގެ ސަރުކާރު ތަކުގައި ހަދަމުންދަނީ ޕްރޮގުރާމް ބަޖެޓުކަމުން، އަބަދުވެސް ކުރިއަށް އޮންނަ 3 އަހަރަށް އަންދާޒާކުރާ ބަޖެޓު ތައްޔާރު ކުރެއެވެ.
ށ. ހޯދަޑު އަވަށުގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތުގެ ސަބް ބޭސްގެ މަސައްކަތް ނިމި ޓާރފްވަނީ ރާއްޖެ ގެނެވިފައެވެ. އަދި ކޮވިޑު 19 ގެ ކަންކަން ނިމި ލުއި ލިބުނުހައި އަވަހަކަށް ޓާރފް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މި މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓުގައި 3.2 މިލިއަން ރުފިޔާ ހިމަނައިގެން ކުރިއަށް ގެންދެވޭމަޝްރޫއެކެވެ.
ފުވައްމުލައް ސިޓީއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި، ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަތަކަށް މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނޭ ކަމާ މެދަކު ޝައްކެއްނެތެވެ. އެ ގޮތުން ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުން، ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުން، ނަރުދަމާގެ މައްސަލައަށް ހައްލު ހޯދުން، ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުން، ކުނިގޮނޑުގެ މައްސަލައަށް ހައްލު ހޯދުން، ބަނދަރުގެ ދަތިކަން ހައްލުކުރުން، ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުން، ކަރަންޓު ވިއުގަ ރަގަޅު ކުރުމާއެކު އިންޖީނުގެ މިހާރު ހުރިތަން ނޫން އެހެން ތަނަކަށް ބަދަލުކުރުން، މިސްކިތްތައް އެޅުމާއި އިތުރު އުމުރާނީ ތަރައްގީ ހިމެނެއެވެ.
ޚިޔާލުތައް
ލިޔުމުން ފެނިގެން ދިޔައީ މުޅީންވެސް ސަރުކާރށް ސަނާ ކިޔާ ތަން ވޭތުވެދހިޔަ ސަރުކާރުތަށް ފަދައިންނެވެ.
ޢެހެންތާވާނީވެސް! ކޮންމެ ސަރުކާރެއްގައިވެސް ތިބެނީ ސަރުކާރު މެމބަރުންނެވެ. ޜައޔިތުންގެ މަޖްލިސްގެ ނަމުގައި އޮންނަނީ ސަރުކާރު މަޖިލިސް އެކެވެ. ތިބެނީ ދެސަރުކާރު މެމްބަރުންނެވެ
ރަނގަޅަށް އެއްވެސްކަމެއް ނުދެއެވެ.
ކީއްކުރާ ސަުކާރެއްހެއްޔެވެ. ޚޮންމެ ސަރުކާރަކުންވެސް ބަލަނީ ޤާނޫން ބަދހަލުކޮށް ސަރުކާރުން ބޭނުންވާ ކަމެއް ކުރަނީއެވެ. ދެރަކަމެކެވެ.
މިސިޓީގެ ވެރިންނަށް ކަންކަންކުރެވެންވެސް ނޯވެއެވެ. ސިވިލް ޑިރެކްޓރުންގެ ބާރު ނުވަތަ ނުފޫޒެވެ. މިފަދަ ކިތަންމެކަމެކެވެ.
މިސަރުކާރަށް އެއްވެސްކަމެއްނުކުރެވޭނެކަން ކަށަވަރު ޔަގީން