ތަރައްޤީ އާއެކު މީހުންގެ އަތްމަތި އިހުނަށްވުރެ ތިޔާގިވެ، ޢުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިއަރައި ދަނީއެވެ. ވޭވް 125 ގެ ސައިކަލަކީ ކުރީގައި ސަޅިކަނޑާލަން ދުއްވާލާ އެއްޗަކަށް ވިޔަސް މިހާރު އެއީ ޒަރޫރީ މުދަލެކެވެ. ދިރިއުޅުން ހަލުވިވާވަރަކަށް މީހުންގެ އެއްތަނުން އަނެއްތަނަށް ދިޔުންވެސް ހަލުވިވާން ޖެހިއްޖެއެވެ.
ރަށަށް މިއަންނަ ބަދަލާއެކު ރަށުގެ މަގުތަކަށްވެސް ބަދަލު އަންނަމުން އެބަދެއެވެ. ކުރީގައި، ވެރިމީހާ ރަށަށް ވަޑައިގަންނަވާއިރަށް އަޅާ ދޮންވެލީގެ ދޫލަ، އެގޮތުގައި އަޑިގުޑަންކަމެއް ނެތި މަސްދުވަސް ވިޔަސް، މިހާރު އެހެނެއް ނޫނެވެ. ލޯޑަރުން މަށަންދަތި އަޅައި ރޯޑްރޯލަރުން އެއްވަރުކުރާތާ ދެތިން ދުވަސް ތެރޭގައި އަނެއްކާވެސް އޮންނަނީ އަޑިގުޑަން ފަރުބަދަ ހެދިފައެވެ.
މިކަމާހެދި ރަށުގެ އެންމެ ކާރޫބާރު ބޮޑު ހިސާބުތަކުގެ މަގުތަކުގައި ގައުއަތުރައި އެއްވަރުކުރެވިއްޖެއެވެ. އިތުރު މަގުތައްވެސް މިފެންވަރަށް ހެދުމަށް ޕްލޭންކުރެވިފައިވާ ވާހަކަ އެބަދެކެވެއެވެ.
އެހެންނަމަވެސް ސުވާލަކީ، މަގުތަކުގައި ގައުއަތުރައި ހެދިފައިމިވަނީ މަގުތަކުގެ ރައްކާތެރިކަން ނުވަތަ ރޯޑް ސޭފްޓީ އާމެދު ވިސްނައިގެންތޯއެވެ.
ފެންނަފެނުމުގައި މަގުތައް ހެދިފައި މިވަނީ ކުރިން ދެންނެވި ތިޔާގިކަމާއެކު އައި 125 ސައިކަލުތަކުގެ ދުވެއްޔަށް ވިސްނައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި ބޮޑުގާޑިޔާ ޒަމާނުގެ ވިސްނުމުގައެވެ.
މިސާލެއްގެ ގޮތުން، ރަށުގެ ހުރަހަށް އޮތް ޣާޒީމަގު ނަގަމާތޯއެވެ. ގާތްގަނޑަކަށް 01 ކިލޯމީޓަރުގެ މިމަގުގެ ދުއްވާ ސަރަޙައްދުގައި އެއްކޮށް ގައުއަތުރާފައިވާއިރު، ދުވެލިމަތަކުރާނެ އެންމެ ސްޕީޑް ބްރޭކަރެއްވެސް ނެތެވެ. އިރުމަތީ ފަރާތުގައި އޮންނަ ބަހާރުމަގުގެ އަޑިގުޑަންކަމުން ރެކެމުން އައިސް، ޣާޒީމަގަށް އެޅޭއިރަށް، ނޫކަށިފުރައިގެ ޒުވާނުން ހަށްޓަކުހެއެއް ނުހުރެއެވެ! ރޭސްމުށްގަނޑުން ދިޔަފެލޭވަރަށް ހިފާލައެވެ. ދުވެލިމަތަކުރާނެ އެއްވެސް ނިޒާމެއްނެތް މިމަގަކީ ބާރަށް ދުއްވާމީހުންގެ ސުވަރުގެއެވެ! އެންމެ ބިރުވެރި އެއްކަމަކީ ޣާޒީމަގަކީ ރަށުގެ އާބާދީގެ މެދުން، އެންމެ ކާރޫބާރޫބޮޑު ހިސާބުގައި ހެދިފައިވާ މަގެއްކަމަށްވުމެވެ. މިފަދަ މަގެއްގައި ސަލާމަތްތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނެތުމެވެ. ސަލާމަތްތެރިކަމުގެ ފިޔަވަޅެއް ނެތުމުގެ ސަބަބުން ދާދިފަހުން މިމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ޣާޒީމަގުގެ ހަމައެކަނި މައްސަލައަކީ ސްޕީޑް ބްރޭކަރެއް ނެތުމެއް ނޫނެވެ. މީގެ އިތުރުން މަގުގެ މެދު ފާހަގަކުރާނެ ރޮގެއްވެސް ނެތެވެ. ބަހާރުމަގު ފަދަ މަގުތަކުގައި އަޑިގުޑަންތަންތަނުން ރެކުމަށްޓަކައި ބައެއްފަހަރު މަގުގެ ކަނާތްފަރާތުން ދުއްވަން މަޖުބޫރުވިޔަސް، ގައުއަތުރައި، ރޫސްލާފައި ދުއްވެން އޮންނަ މަގުތަކުގައި ބޭނުންކުރަންވާނީ މަގުގެ ވާތްފަޅިއެވެ. އަދި ވާތްފަޅިއާއި ކަނާތްފަޅި އިންވަކިވާ ގޮތަށް ރޮނގުދެމިފައި ހުންނަން ޖެހޭނެއެވެ. މީގެ އިތުރުން ރޯޑް ސައިންތައްވެސް، މިހާރުން މިހާރަށްވެސް މިފަދަ މަގުތަކުގައި ހަރުކުރަންވެއްޖެއެވެ.
ނުރައްކާތެރި އެކްސިޑެންޓްތަކަށް ހުށަހެޅޭ ހަމައެކަނި ގޮތަކީ ބާރަށް ދުއްވުމެއްވެސް ނޫނެވެ. އަދި މަގުތަކުގެ ސަލާމަތްތެރިކަމަށް އޮތް ހަމައެކަނި ހުރަހަކީ ބާރަށް ދުއްވުމަށް ފުރުޞަތު އޮތުމެއްވެސް ނޫނެވެ. އޭގެއިތުރުން، މިފަދަ މަގުތައް ބަރާބަރަށް މެއިންޓެއިން ނުކުރެވުމަކީވެސް އެކްސިޑެންޓްތައް މެދުވެރިވެދާނެކަމެކެވެ. އެގޮތުން ޣާޒީމަގުގެ ތަންތަންގަނޑުގައި ވެލި ޖަމާވެފައި ހުރުމަކީވެސް ނުހަނު ނުރައްކާތެރިކަމެކެވެ.
މިފަދަ އަނެއް މަގަކީ ހޮސްޕިޓަލު ކުރިމަތިން އޮންނަ ފީނދިފަންނު މަގެވެ. ހަމަ ޣާޒީމަގެކޭ އެއްގޮތަށް، ސަލާމަތްތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނެތެވެ. ސްޕީޑް ބްރޭކަރެއް، ރޯޑް ސައިން އެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން ދާދި އިހަކަށްދުވަހު މިމަގުގައިވެސް ވަނީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މިމަގަކީ ޣާޒީމަގަށްވުރެވެސް ކާރޫބާރޫ ބޮޑު މަގެވެ.
މިދެމަގުގައިވެސް އަދި މިހާތަނަށް ހިނގާފައިވަނީ ނުރައްކާތެރި ދެ އެކްސިޑެންޓް ކަމަށްވިޔަސް ކުރިޔަށް އޮތްތަނުގައި އިތުރު ގެއްލުންތަކެއް ނުލިބެނީސް ކަމާގުޅޭ އެންމެހާ އިދާރާތަކުން މިހާރުން މިހާރަށްވެސް ޕްރޯއެކްޓިވް ވާންޖެހިއްޖެއެވެ. އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި ޙައްލު ހޯދަންޖެހިއްޖެއެވެ.
ފުވައްމުލަކު މަގުތަކުގައި ސަލާމަތްތެރިކަން ޤާއިމުކުރަން ޖެހިފައި

ފުވައްމުލަކު ހުރަހަށް އޮންނަ ޣާޒީމަގު: އެއްކޮށް ގައުއަތުރާފައިވާ މިމަގުގައި ރޯޑް ސޭފްޓީގެ އެއްވެސް ނިޝާނެއް ނެތް!
08/09/2014 - 06:27
+1
+1

ގުޅުންހުރި ލިޔުންތައް

ޚިޔާލުތައް