އާބާދީގެ ގޮތުން 13000 އަށްވުރެ މައްޗަށް ގޮސްފައިވާ މިސިޓީއަށް ވުރެ ކުދި 1000 މީހުންގެ އާބާދީގެ ރަށްރަށުގައިވެސް ޓާފް ދަނޑުތައް މީޑިއާގެ ސަމާލުކަމަށް އައުމާއި އެކު ފުވައްމުލަކު ޒުވާނުންގެ ހާއްސަކޮށް ފުޓްބޯޅަ އަށް ލޯބިކުރާ ޒުވާނުންގެ އުދާސްތައް ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުން އެބަގެންދެއެވެ.
ފުވައްމުލަކު ޒުވާނުން އެގޮތަށް އުދާސްތައް ބަންޑުން ނުކުރަންވީ ސަބަބެއް ނެތެވެ. 20 އަހަރަށް ވުރެ ގުނަ ދުވަސްވެފައިވާ ފުވައްމުލަކު ސްޓޭޑިއަމް އެގޮތުގައި ފުޓްބޯޅަ ކުޅެން އެކަށީގެން ނުވާ ދަނޑެއްގެ ގޮތުގައި އޮންނަތާ ލައްކަ ޒަމާންވެއްޖެއެވެ. އެދަނޑު ރަނގަޅު ފެންވަރެއްގައި ހަދައިދޭނެ ސަރުކާރެއް، ކައުންސިލެއް، މިނިސްޓްރީއެއް ނެތެވެ. މިހެންކަމުން ޒުވާނުންގެ އުދާސްތައް ބަންޑުން ކޮށްލެވެނީއެވެ.
ކޮންމެ ސަރުކާރެއްގެ މައިވައުދުގެ ތެރޭގައި ފުވައްމުލަކަށް ސްޓޭޑިއަމްއެއްގެ ހުވަފެން ދައްކައެވެ. އަދި ހުދު މިސަރުކާރުގެ އެންމެ ފަހު ތިން އަހަރު ބަޖެޓްގައިވެސް ސްޓޭޑިއަމްގެ ސިޑިބަރިއާއި ފެންވަރު ރަނގަޅު ދަނޑެއް ހަދާނެ ކަމަށް ބަޖެޓްކޮށްފައިވެއެވެ. ނަމަވެސް އެފައިސާއަށް ކުރީ ކޮންކަމެއްކަން މިހާތަނަށް އެގިފައެއް ނެތެވެ. ނަމަވެސް އެގޭ އެއްކަމަކީ ރައީސް ޔާމީން ގެ “ރަގަޅު” ބިލްބޯޑްގައި ފުވައްމުކަށްވެސް ސްޓޭޑިއަމްއެއް ހެދޭނެ ކަމަށް ނުވަތަ ހަދާދީފައިވާ ކަމަށް ދޭހަވާ ގޮތަށް ބިލް ބޯޑެއް ފުވައްމުލަކުގައި ބަހައްޓާފައިވާކަމެވެ.
“މިސިޓީގައި އެކަނި ފުޓްބޯޅަ ކުޅޭނެ ރަނގަޅު ފެންވަރެއްގެ ދަނޑެއްނެތީ، އައްޑޫ ސިޓީ އާއި އަދި މިއަށްވުރެ ކުދި އާބާދީ ތަކުގައިވެސް ފުޓްބޯޅަ ދަނޑުތައް ސަރުކާރުން ޓާފްއަޅައި ރަނގަޅު ފެންވަރަކަށް ހަދާދީފައި އެބަހުރި، ކީއްވެ މިރަށުގައި އެފަދަ ކަމެއް ނުކުރެވޭންވީ” ފުޓް ބޯޅައަށް ލޯބިކުރާ ޒުވާނަކު ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށް ބުނެފައިވެއެވެ.
ސަރުކާރުން 2018 ވަނަ ވަނަ އަހަރު ފާސްކުރި ބަޖެޓްގައިވާ ގޮތުން ފުވައްމުލަކު ސްޓޭޑިއަމްގައި 500މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހެދުމަށް 9 ލައްކަ ރުފިޔާ ބަޖެޓްކޮށްފައިވެއެވެ. އަދި އެމަސައްކަތުގެ ސްޓަޓެސް އެއްގެ ގޮތުގައި ބުނެފައިވަނީ ޓެންޑަރިންގައި ކަމަށެވެ. އަދި ފުވައްމުލަކު ސިޓީގެ ސްޕޯޓްސް އެރީނާ ގާއިމްކުރުމަށް 1.2 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު އެމަސައްކަތް މިހާރުވެސް ހިގަމުންދާ މަސައްކަތެއްގެ ގޮތުގައި ބުނެފައިވެއެވެ. ނަމަވެސް ޒުވާނުންގެ ޝަކުވާއަކީ މިއަހަރުގެ މިހާތަނަށް އަދި މިދިޔަ އަހަރު ތަކުގައިވެސް ބަޖެޓްކޮށްފައިވާ މަސައްކަތްތައް ކުރިއަށް ނުދާކަމެވެ. އެފައިސާއަށް ހަރަދު ކުރީ މިރަށަކަށް ނޫންކަމަށެވެ.
ޓާފްދަނޑެއް ބޭނުންވަނީ ކީއްވެ؟
ފުވައްމުލަކުގައި ފުޓްބޯޅަ ކުޅޭ އެތައް ޒުވާނުނެއް ތިބިއިރު ފުޓްބޯޅަ ކުޅޭން އެކަށީގެންވާ އެއްވެސް ދަނޑެއް މިރަށުގައި ނެތެވެ. އަދި ފުޓްބޯޅަ މުބާރާތެއް ބޭއްވޭ ފެންވަރުގެ ދަނޑެއް ނެތެވެ. މިހެންކަމުން ރަގަޅު ފެންވަރެއްގެ މުބާރާތެއް ނުބޭއްވޭއިރު ރަށުން ބޭރުގެ ޓީމްތައް ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅެން ބޭނުމެއް ނުވެއެވެ. ސަބަބަކީ ދަނޑުގެ ހާލަތު ގޯސްވުމާއި އެފަދަ ދަނޑެއްގައި ކުޅުމުން ކުޅުންތެރިންނަށް ލިބޭ އަނިޔާ ބޮޑުވުމެވެ.
ފުވައްމުލަކުގައި ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމަށް ޕްރޮގުރާމްތަކެއް ހިންގަމުންދާއިރު އެކަމަށްވެސް އެޅޭ އެންމެ ބޮޑު ހުރަހަކީ ފުޓްބޯޅަކުޅެން އެކަށީގެންވާ ދަނޑެއް ނެތުމުގެ މައްސަލައެވެ.
މިހެންކަމުން ސަރުކާރާއި ޒުވާނުން ގުޅިގެން މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ. މިކަން ހައްލުކުރަން މާބޮޑު މެގަ ޕްރޮޖެކްޓެއްވެސް ހިންގާކައް ނުޖެހެއެވެ. ބޭނުންވަނީ އިހްލާސްތެރިކަމާއި އެކު ފުވައްމުލަކު ޒުވާނުން ފުޓްބޯޅަ ކުޅެލެވޭވަރުގެ ޓާފް ދަނޑެއް ހަދާދިނުމެވެ. މިހެން ބުނާއިރު ބައެއް ފަރާތްތަކުން ބުނާނެއެވެ. މިހާރުވެސް ފުވައްމުލަކު ފުޓްސަލް 3 ދަނޑު އެބައޮތް ނޫންހެއްޔެވެ. އިތުރު ދަނޑުތައް އެހެރަ ނިމެނީ ނޫންހެއްޔެވެ. ދެން ކޮން ޓާފް ދަނޑެކޭ ކިޔަނީހެއްޔެވެ. އޭގެ ޖަވާބަކީ ފުޓްބޯޅަ އާއި ފުޓްސަލް އަކީ މުޅިން ތަފާތު ދެ ކުޅިވަރެއް ކަމެވެ. އަދި ފުޓްސަލް އާންމުވެ، އެކުޅިވަރުގެ ސަބަބުން ފުވައްމުލަކުގެ ފުޓްބޯޅަ ކުރިއަރަންޖެހޭ ވަރަށް ކުރިނާރާކަމެވެ. އަދި މިރަށުގެ ފުޓްސަލް ދަނޑުގައި ހުރި މެޓްތަކަކީ އެންމެ ރައްކާތެރި މެޓްތަކެއް ކަމަށް ނުވުމުން ކުޅުންތެރިންނަށްލިބޭ އަނިޔާވެސް ބޮޑުވެފައި ވުމެވެ.
ފުވައްމުލަކު ޒުވާނުން އެދި ގޮވަނީ ޓާފްދަނޑެއް ހަދައިދިނުމަށެވެ. އެކުދިންގެ ފުޓްބޯޅައިގެ ހުނަރު އިތުރު ކުރެވޭނީ އޭރުންނެވެ.
ޓާފް ދަނޑު އަޅާނީ ކޮންތާކު؟
ފުވައްމުލަކު ސްޓޭޑިއަމްގައި ޓާފް ދަނޑެއް އެޅުން އެހާ ރަނގަޅެއް ނޫނެވެ. ސަބަބަކީ އެދަނޑަކީ މުބާރާތްތަކަށް ހާއްސަކުރެވެން ޖެހޭ ދަނޑެއްކަމެވެ. އަދި އިންޓަނޭޝަނަލް މެޗް ފަދަ މެޗްތައް ކުޅެވޭނީ ވިނަ ދަނޑެއްގައި ކަމުން އެފަދަ މެޗްތައް ކުޅެވޭ ދަނޑެއްވެސް ފުވައްމުލަކު ސިޓީގައި އޮންނަން ޖެހޭތީއެވެ. މިހެންކަމުން އުފެދޭ ސުވާލަކީ ޓާފް ދަނޑު އަޅާނީ ކޮންތާކުތޯއެވެ. މީގެ ޖަވާބަކީ ދޫނޑިގަން ފުޓްބޯޅަ ދަނޑާއި ހޯދަޑު، ފުނާޑު އަދި ދަޑިމަގު ދަނޑުވެސް މިފަދަ ދަނޑެއް އެޅުމަށް އެކަށޭނަ ތަންތަން ކަމެވެ. އަދި މިދަނޑުތަކަކީ ޕްރެކްޓިސް ކުރުމަށް މިހާރުވެސް އެންމެ ގިނަ ޒުވާނުން ބޭނުންކުރަމުންދާ ދަނޑުތަކެއް ކަމުންނެވެ.
ފުވައްމުލަކު ޒުވާނުން މިއަދު އަޑުއުފުލަމުންދާ އަޑު ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އަޑުއިވި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ޓާފް ދަނޑުތަކެއް އެޅިއްޖެނަމަ ޒުވާނުންގެ ގިނަބައެއްގެ ވޯޓް ސަރުކާރަށް ކަށަވަރު ކުރެވޭނެކަން ޔަގީނެވެ.
ޚިޔާލުތައް