A wide advertisement which will be shown on all devices. (700 x 100)

މިކަން ސިޔާސީ ނުކުރާތި!

ބަޣާވާތަކުން ވެރިކަން ބަދަލުކޮށްލުމަށް ކާނަލް (ރޓޑ) ނާޒިމް އެކުލަވާލިކަމަށް ބުނާ ޕްލޭން

މިއީ ދިވެހި ސިޓީ ވެބްސައިޓުގައި ޢަޒްރާ ނަސީމް ލިޔެފައިވާ އިނގިރޭސި ލިޔުމެއްގެ ތަރުޖަމާއެކެވެ.

އެކުށެއްގެ ތުހުމަތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މައްޗަށް ދަޢުވާކުރެވި 13 އަހަރަށް ޖަލަށް ލެވުނު “ޓެރަރިޒަމް” ގެ ޢަމަލަކީ މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމް މާނަކުރާ 300 މަފްހޫމުގެ ތެރެއިން އެއްވެސް މަފްހޫމަކަށް ފެތޭ ޢަމަލެއް ނޫނެވެ. ހަމަ މި ދަޢުވާ އުފުލުނު އަނެއް ފަސް މުލްޒިމުންގެ ތެރެއިން މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ނަޝީދުގެ ދައުރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ ޢަލީ ޖަލީލު ގެ މައްޗަށް ވަނީ “ޓެރަރިޒަމް” ގެ ކުށް ސާބިތު ނުވާކަމަށް ކަނޑައަޅައިފައެވެ. ނަޝީދުގެ މައްޗަށް ދަޢުވާ ސާބިތުވީ އެމަނިކުފާނުގެ ކުށެއްނެތްކަން ސާބިތުކޮށް ނުދެވުމުންނެވެ. މިއާ ޚިލާފަށް ޖަލީލުގެ މައްޗަށް ދަޢުވާ ސާބިތުނުވީ އެމަނިކުފާނުގެ ކުށެއްއޮތްކަން ދައުލަތަށް ސާބިތުކޮށް ނުދެވުމުންނެވެ. މި ދެ ޙުކުމް ކަނޑައެޅުމުގައި ރިޢާޔަތްކުރި އަސާސް އުޑާ ބިމާހާ ތަފާތުވިޔަސް، ސަރުކާރުން ބުނާގޮތުގައި އެއީ ސިޔާސީ ކަމެއް ނޫނެވެ.
ހަނގުރާމަވެރި ބަޣާވާތަކުން ސަރުކާރު ވައްޓާލުމުގެ ސިއްރުރޭވުމެއްގެ ތުހުމަތު ބޮލުގައި އެޅުމާ ހަމައަށް ޑިފެންސް މިނިސްޓަރަކަށް ހުންނެވި ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ގެ މައްޗަށް ސާބިތުވީ އެއަށްވުރެ ކުޑަ ކުށެއްކަމަށްވާ ވަގަށް ހަތިޔާރު އެތެރެކުރުމުގެ ކުށެވެ. ނާޒިމް އާ ދެކޮޅަށް ހުށަހެޅުނު ހެކިތަކަކީ ތާކުންތާކުޖެހޭ އެއްޗެއް ނޫނެވެ. ތެދުތެދަށް ބުނަންޏާ ބޮޑު ޖޯކެކެވެ. އޭނާގެ ބޮލުގައި އެޅުނު އިލްޒާމަކީ ރައީސް ޔާމީނާއި، އެމަނިކުފާނުގެ އެންމެ އަރިސް ވަޒީރު ޓޫރިޒަމް މިނިސްޓަރު އަދީބާއި ޕޮލިސް ކޮމިޝަނަރ ވަޙީދަށް ބަޑިން ޙަމަލަދީ މަރާލަން އުޅުނުކަމެވެ. އަދި މިކަމުގެ ތަފްޞީލީ ޕްލޭނެއް ތައްޔާރުކޮށް ޕެން ޑްރައިވެއްގައި ސޭވްކުރިކަމަށް ވެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، ޕްރައިމަރީ ދަރިވަރުން ތައްޔާރުކޮށްފައި ހުންނަ އެސައިންމަންޓްތައް ވެސް މިއަށްވުރެ ފުރިހަމަވެފައި ދެކޮޅުޖެހެއެވެ. ނާޒިމް ގެ ވަކީލުން ވަނީ އޭނާ އާ ދެކޮޅަށް ހުށަހެޅުނު ހެކިތަކުގައި ހުރި ފޫނުބެދޭ 12 ކަމެއް ފާހަގަކޮށްފައެވެ. އެހެންނަމަވެސް އޭނާ ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރަށް ޖަލަށް ލައިފައެވެ. ސަރުކާރުން ބުނާގޮތުގައި މިކަމުގައި އެއްވެސް ސިޔާސީ ކަމެއް ނެތެވެ.
ޑިފެންސް ނާޒިމްގެ ޙުކުމާއެކު ދެން އައީ މެންބަރު ނާޒިމްގެ ޙުކުމެވެ. ދިއްގަރު ދާއިރާގެ މެންބަރު ނާޒިމަކީ، އަދީބު ގެ ބުރަދަން އިޙްސާސްކުރެއްވުމާ ހަމައަށް، ޔާމީންގެ ސިޔާސީ އެންމެ އަރިސް މިތުރެވެ. ސިޔާސީ ކަންކަމުގެ އިތުރުން، ޗާޓުގެ އެތެރެއިންނާއި ބޭރުން ހިންގެވިއްޔާ ހިންގެވިހާ ކަމެއްގެ މަދަދުގާރެވެ. ބޭބޭފުޅު ރައީސް މައުމޫންގެ ޑީއާރްޕީން ވަކިވެވަޑައިގެން، ޕީޕަލްސް އެލަޔަންސްގެ ނަމުގައި މުޅިން އައު ޕާޓީއެއް ވެސް އުފެއްދެވީ ނާޒިމް އާ އެކީގައެވެ. ނާޒިމްގެ ވެސް މިންނެތް މަސައްކަތުން އުފެއްދެވި ޕީއޭ، ފަހުން އަނެއްކާވެސް ބޭބޭފުޅުގެ ޕީޕީއެމް އާ ގުޅުނީއެވެ. އެހެންނަމަވެސް މަންޒަރު ތެރެއިން އަދީބު ދައްކާލައި، ދެ މިތުރުންގެ ޒަމާންވީ ގުޅުން ކިލަނބުވެ، އިސާހިތަކު ނާޒިމަށް ފެނުނީ، 1.4 މިލިޔަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއްގައި 25 އަހަރު (ޢުމުރަށް) ގެ ޖަލު ޙުކުމެއް އައި ތަނެވެ.
މަކަރާއި ޙީލަތުގެ ޢަމަލު ނާޒިމް ހިންގާފައި ވަނީ 2004 ވަނައަހަރު ކަމަށްވިޔަސް، އެމައްސަލަ ޕްރޮސެކިޔުޓްކުރަން ފޮނުވާފައިވަނީ އޭގެ ހަތްއަހަރު ފަހުންނެވެ. އެހެން ނަމަވެސް އޭރު ޔާމީނާއި ނާޒިމް އެއީ އެއްތަށިން ފަރިއްކުޅުއްވާ އުޅުއްވި ދެ ދޯސްތުންނެވެ. އެފަހަރު ކޯޓު ޙުކުމް އައީ އެމައްސަލާގައި ނާޒިމް ޖަވާބުދާރީވާން ނުޖެހޭކަމަށް ކަނޑައެޅިގެންނެވެ. ނަމަވެސް ފަހަކަށް އައިސް ދެބޭފުޅުންގެ ގުޅުންކެނޑި، ޔާމީނަށް ނާޒިމުގެ ބޭނުން ވަނީ ކެނޑިފައެވެ. އެއާއެކު، ފަހުގެ ޙުކުމް އައީ ހަމައެކަނި ނާޒިމް ޖަވާބުދާރީވާންޖެހޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. އޭގެއިތުރުން، އެކުށަކީ ޢުމުރަށް ޖަލަށްލާންޖެހޭ ވަރުގެ ކުށެއްގެ ގޮތުގައެވެ.
އަނެއްކޮޅުން، ޔާމީނުގެ ރުހުން އިންތިހާޔަށް ލިބެމުންދާ ޢަދީބާމެދު މިލިޔަން ޑޮލަރުގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ އިރުވެސް އޭނާއާ މެދު އެޅޭ ފިޔަވަޅެއް އޮންނަކަމަކަށް ނުވެއެވެ. ޢަދީބު ޓީވީއަށް އަރައި، ބޮޑެތި ބަޔާންތައްދީ ކޮރަޕްޝަންގެ ޢަމަލު އިންކާރު ކުރާއިރު އެކަމަށް ރައްދެއްދީ، އެކަމާމެދު މިނިވަން ތަޙްޤީޤެއް ހިންގޭތަނެއް ނުފެނެއެވެ. އެއާ ޚިލާފަށް ފެނުނީ ޚިޔާނާތް ފަޅާއަރުވާލި އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކޮށް، ރަޙްމަތްތެރި މޫނެއް އެ މަޤާމަށް އިސްކުރެވުނު ތަނެވެ. ދެނެއް އަދީބުގެ ބޮލަށްތުރާވާފަދަ ރިޕޯޓްތަކެއް ނުނުރޭނެތާއެވެ! މީގެ އިތުރުން، އިހަކަށް ދުވަހު އަޑުއިވުނީ ޓުއަރިޒަމް މިނިސްޓަރުގެ ބާރުތައް ފުޅާކުރަން އުޅޭ ވާހަކައެވެ. ސަރުކާރުގެ ނަޒަރުގައި މިހުންނަނީކީ އެއްގޮތަކަށްވެސް ސިޔާސީ ކަންކަމެއް ނޫނެވެ.
ކަންތައް މިމަގުން ހިނގަމުންދާއިރު، ރާއްޖޭގައި ދިރިއުޅުމަކީ، ޢާއްމު ރައްޔިތުމީހާގެ ނަޒަރުގައި ބޮޑުދަތީ ލައި ފިއްތުން ފަދަކަމަކަށް ވެއްޖެއެވެ. ދެއިރު ދެދަޅައަށް ޓެކްސްތައް ދަނީ މަތިކުރަމުންނެވެ. އެއާ ވިދިގެން ދިރިއުޅުމުގެ ޚަރަދުބަރަދު ދަނީ ރޫސްލާފައި މައްޗަށެވެ. އެހެންނަމަވެސް މުސާރަ އާއި އުޖޫރަ އަށް އައި އެދެވޭ ބަދަލެއް ނެތެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާޔަށް ވެއްޓިފައި އޮތަސް، ކަރަންޓު ބިލު ދެއްކުމަކީ ރާއްޖޭގެ ރައްޔިތުމީހާއަށް މުސްތަޙީލު ކަމަކަށް ވެއްޖެއެވެ. ހަމައެކަނި ކަރަންޓުގެ އަގު ބޮޑުކުރީކީ ނޫނެވެ. ކަރަންޓުން ދޭ ސަބްސިޑީވެސް ކަނޑާލައި ރިހޭފައި މައްޗަށް ފޮއި ވައްޓާލީއެވެ. އެހެންނަމަވެސް ސަރުކާރުން ބުނަނީ “މިކަންތައް ސިޔާސީ ނުކުރާށޭ” އެވެ.
މިހުރިހާ ކަމެއްގެ ތެރޭގައި ދެން އިވުނު އަޑަކީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަށާއި ޓެކްސް ކޮމިޝަނަރަށް އަލަށް ޢިމާރާތްކުރެވުނު ފްލެޓްތަކެއް ދިން ވާހަކައެވެ. ބިމަކީ ރާއްޖޭގެ އެންމެ ތަދު އަދި އެންމެ އަގުބޮޑު ވަޞީލަތެވެ. ޚާއްޞަކޮށް މާލެ އާއި މާލެއަށް ނިސްބަތްވާ ސަރަޙައްދުތަކުގައެވެ. އެތަކެއް އަހަރުތަކެއްގެ މަރުކަޒީ ސިޔާސަތުގެ ނަތީޖާއަކީ، އެންމެ އަސާސީ ބޭނުންތައް ކަމަށްވާ ބޭސްފަރުވާ އާއި ތަޢުލީމުގެ ޚިދުމަތް ކިރިޔާވެސް ފުދޭވަރެއްގެ ފެންވަރަކަށް ލިބެން ހުންނަނީ މާލޭގައި ކަމަށްވުމެވެ. އެހެންކަމުން މާލެއަށް ހިޖުރަކުރަން މަޖުބޫރުވެ، މާލެއިން ހިޔާވައްސެއްގެ ޒަރޫރަތްތެރިކަން ޖެހިފައިވާ މީހުން ނުހަނު ގިނައެވެ. އެހެންނަމަވެސް ޒަރޫރަތްތެރި މީހުންގެ ޙާލަތަށް ބެލުމެއްނެތި، ފްލެޓްތައް މިދެވުނީ ދައުލަތުގެ އެންމެ ބޮޑު މުސާރަ އާއި ޢިނާޔަތްތައް ލިބޭ މީހުންނަށެވެ. ސަރުކާރުގެ ފަރާތުން މިކަމަށް ޖަވާބުދާރީވަމުން ޢަދީބު ބުނަނީ އެއީ އެފަރާތްތަކުގެ “ނަޒާހަތްތެރިކަން” ޙިމާޔަތްކުރުމަށޯލައެވެ! އެއީކީ ސިޔާސީ ފިޔަވަޅެއް ނޫނެވެ.
މިޤައުމަށް އަލިވިލޭ ކޮންމެ ދުވަހަކީ ޔާމީންގެ ސަރުކާރުން ޑިމޮކްރަސީ ކަސްތޮޅުއެޅުވުމުގެ ސިލްސިލާއިން ބޮޅެއް ގަތާ ދުވަހެކެވެ. އާބާދީގެ ދެބައިކުޅައެއްބައި އެދަނީ، ޑިމޮކްރަސީގައި ބާކީއޮތް ތަންކޮޅުވިޔަސް މިކަސްތޮޅުން މިންޖުކުރެވޭތޯ މަގުމައްޗަށް ނުކުމެ ޞުލްޙަވެރި މަދަނީ އިޙްތިޖާޖުތައް ކުރަމުންނެވެ. ބޮއްސުންލާފައިވާ އިޤްތިޞާދުގެ މުޞީބާތުން ޢާއިލާތަކަށް ލިބެމުންދާ ވޭންތައް ތަޙައްމަލުކުރުމާއެކު މެއެވެ. އެހެންނަމަވެސް ޤާނޫނު އަސާސީން ލިބިދީފައިވާ މިފަދަ މަދަނީ އަދި ސިޔާސީ ޙައްޤުތަކާމެދު ސަރުކާރުން ދެކެނީ ޤާނޫނު އަސާސީގައި ހުރި ބާގަނޑުތަކެއްގެ ގޮތުގައެވެ. މިހާރު ކުރިޔަށް ގެންދާ އިޙްތިޖާޖުތަކާއި މުޒާހަރާތަކަކީ އިދިކޮޅު ފަރާތްތަކުން އެ ބާގަނޑުތަކުން ދެމިގެން ސަރުކާރަށް ކުރާ ދުއްތުރާތަކެއްގެ ގޮތުގައެވެ. އެހެންކަމުން ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގައި އޮތް ބޮޑު އަޣްލަބިއްޔަތު ބޭނުންކޮށްގެން ޤާނޫނުތައް ހަދައި، މި ބާގަނޑުތައް ބައްދާނެކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުން ދަނީ މުޒާހަރާތަކުގެ ސިލްސިލާއަށް ނިމުމެއް ގެނައުމަށް އެކިއެކި ހިންތާ ހަދަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ވަކި ޚާއްޞަ ތަންތަނުގައި މުޒާހަރާކުރުން މަނާކުރީއެވެ. ދެން އޭގެ ފަހުން ވަކި ވަގުތެއް ފަހުން މުޒާހަރާ ނުކުރެވޭގޮތަށް ހަމަޖެއްސީއެވެ. އެއަށްފަހު މުޒާހަރާގައި ވަކިވަރަކަށްވުރެ އަޑު ބާރު ނުކުރެވޭނެކަމަށް އެންގީއެވެ. އެންމެފަހުން އެންގީ ފުލުހުންގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި މުޒާހަރާ ނުކުރެވޭނެކަމަށެވެ.
މިހާރު ހިނގަމުންދާ ސިލްސިލާ މުޒާހަރާތަކުގައި، މަހަކަށްވުރެ ކުރުމުއްދަތެއްގެ ތެރޭގައި 200 އާ ގާތްކުރާ ޢަދަދަކަށް މީހުން ވަނީ ހައްޔަރުކުރެވިފައެވެ. މިގޮތުން ހައްޔަރު ކުރެވޭ މީހުން ކޯޓަށް ގެންގޮސް، ޤާނޫނު އަސާސީ އާ ޚިލާފު ޝަރުޠުކޮށް ބައެއް މީހުންވަނީ ދޫކޮށްލާފައެވެ. އެ ޝަރުޠަކީ، މި ފަސްގަނޑުގައި މިނިވަންކަމާއެކު އުޅެން ބޭނުންނަމަ މިވެނި ދުވަހަކަށް، ނުވަތަ ހަފުތާއަކަށް ނުވަތަ މަހެއް ވަންދެން މުޒާހަރާ ނުކުރުމެވެ. މި ޝަރުޠު ޤަބޫލުނުކުރާ މީހުން ޤާނޫނާ ޚިލާފަށް ބަންދުގައި ބައިތިއްބަނީއެވެ. އެމީހުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަންނަނީ އެވެ. އަދި ނަފުސާނީ ގޮތުންނާއި ޖިސްމާނީ އަނިޔާ ދެނީއެވެ. މިފަދަ އަނިޔާތަކުގެ ޝިކާރައަކަށް ޢާއްމުގޮތެއްގައި ވަނީ ސަރުކާރާ ދެކޮޅު މަޖިލިސް މެންބަރުންނެވެ. އެންމެފަހުން ނަފުސާނީ އަދި ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވި މެންބަރަކީ އަޙްމަދު މަޚްލޫފެވެ. އޭނާގެ މައްޗަށް ކުރެވުނު ޣައިރު ޤާނޫނީ ޝަރުޠު ޤަބޫލުނުކުރުމުން ދަޢުވާއެއް އުފުލުމެއް ނެތި ވަކި މުއްދަތެއް ނޭގޭގޮތަށް ބަންދުކުރަން އަމުރުކުރިއެވެ. އަދި މިއަމުރާ އެއްގޮތަށް ޖަލަށް ގެންދިޔަ މަގުމަތީގައި މަޚްލޫފަށް ފެނުނީ އޭނާގެ އަންހެނުންނަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ގޯނާކުރި ތަނެވެ. “މިއީ އެއްވެސް ޙާލެއްގައި ސިޔާސީ ކަމެއް ނޫނެވެ. މިއީ ޤާނޫނީ ޙުކޫމަތެވެ”. ސަރުކާރުން ބުނެއެވެ.
ޢަދުލު އިންސާފަށް ހުރި ޖޯކެއްގެ ގޮތުގައި އެތައްކަމެއް ތަކުރާރުވަމުން ދާއިރު، އެކަމަށް އަތްނުބާނާ ކަމަށާއި ސިޔާސީ މަޤްޞަދެއް ނެތްކަމަށް ސަރުކާރުން ތަކުރާރުކޮށްދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ ޢަމަލުތައް ހުރީ، އެކަންކަމަކީ ނުވެސް ހިނގާ ކަމެއްކަމަށް ދެއްކުމުގެ ގޮތުންނާއި ޤައުމުގައި ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނުހިނގާކަމަށް ދެއްކުމުގެ ބީދައިންނެވެ. އެގޮތުން މާލެތެރެ ޒީނަތްތެރިކުރުމުގެ ޕްރޮގްރާމްތަކާއި، ގަޑިބުރުގައި ގަޑި އަލުން ބެހެއްޓުމާއި، ކުރީ ޒަމާނުގައި މާލެ އޮތްގޮތް ދައްކުވައިދޭ ތަންތަން މާލޭގެ އެއް ފަޅީގައި ހެދުމާއި، ޢިމާރާތްތަކުގައި ކުލަލައި ރީތިކުރުމާއި، ރަސްމީ ދަނޑަށް ސްކައި ޑައިވްކުރުމުގެ ޕްރޮގްރާމަކާއި މިފަދަ އުފައުވެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގަމުން ދެއެވެ. މިހިނދު، ސަރުކާރު ހިންގާ ޕީޕީއެމުން ދަނީ އެއަރކަންޑިޝަން ބަހަމުން އިންތިޚާބުތައް ކާމިޔާބުކުރަމުންނެވެ. އަދި ކީއްތޯއެވެ ހަވާ ފަޓާހުގެ އުފާ “ރާއްޖެތެރޭ” ރައްޔިތުންނަށް ވެސް ހޯދައިދެމުންނެވެ.
މިއިން އެއްވެސް ކަމަކީ ސިޔާސީ ކަމެއް ނޫން އިނގޭތޯއެވެ. މިއީ އެއްގޮތަކަށްވެސް ހުރިހާ ކަމެއް ދަނީ ރަނގަޅަށްކަމަށް ދެއްކުމަށް ކުރާ ކަމެއް ނޫން އިނގޭތޯއެވެ. މިއީ، އޮމާން ކަމާއެކު ހިނގަހިނގާ އޮތް ޑިމޮކްރަޓިކް، ހެޔޮފުޅު ސަރުކާރެއް ރައްޔިތުންގެ މަންފާއަށް ކުރާ ކަންތައް ބުރޫއެރުވުމަށް އިޙްތިޖާޖުކުރަނީ މަދު، މޮޔަ ބައެއްކަން ދެއްކުމަށް ކުރާކަމެއްވެސް ނޫން އިނގޭތޯއެވެ.
އެކަމަކު މިއީ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ޙަރަކާތްތަކެވެ. ތިބާ ތިސުވާލުކުރަނީ ކޮންތާކު އޮތް މިނިވަންކަމެކޭ ހެއްޔެވެ؟ އެކުން ދެން މާބޮޑަށް ސިޔާސީ ނުވާށެވެ!

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !