މިނިވަން ނިއުސްގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ހޯދަން ސަރުކާރުން އިހުމާލުވެފައިވާކަމަށާއި އޭނާ ހޯދަން ސަމާލުކަމެއް ނުދީ ބޯހިމެނުން ކުރިޔަށްގެންދާނަމަ ބޮއިކޮޓްކުރަން ޖެހިދާނެކަމުގެ އިންޒާރު އެމްޑީޕީން ވަނީ ދީފައެވެ.
އެމްޑީޕީގެ ލީޑަރޝިޕަށް އައު ބޭފުޅުންތަކެއް އިންތިޚާބުވިފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެވުނު މި އިންޒާރަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށްވެސް ޒިންމާދާރުކަން ކުޑަކަމެކެވެ.
ޝައްކެއް ނެތް ގޮތުގައި، ނޫސްވެރިޔަކު ވީ ނުވީއެއް ނޭގި މިހާ ގިނަ ދުވަސްތަކެއް ވެފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މިމައްސަލަ ތަޙްޤީޤުކުރުން އެކަށީގެންވާ ހަލުވިމިނެއްގައި ކުރިޔަށް ނުދާކަމާއި، މިކަމުގައި ސަރުކާރުގެ މާބޮޑު ކަންބޮޑުވުމެއް ނެތްކަން ދޭހަވާ ފަދަ ގޮތަކަށް ކަންތައް އެބަ ހިނގައެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ މިކަމުގައި ދީފައިވާ ފިނި ޖަވާބަކީ، އޭނާގެ ދައުލަތުގެ ޙިމާޔަތުގެ ދަށުގައިވާ ރައްޔިތަކު ގެއްލިގެން އެކަމާ ސުވާލުކުރުމުން، ދިނުން އެދެވިގެންވާ ޖަވާބެއް ނޫނެވެ.
ކަން އޮތީ އެހެންނެވެ. އެހެންނަމަވެސް ސުވާލަކީ، ނޫސްވެރިޔާ ރިޟްވާން ވަގަށް ނަގާފައިވާކަމަށް ވަންޏާ އެނެގި ބަޔަކު އެކުރިކަމެއްގެ އަދަބު ދިވެހި ހުރިހާ ރައްޔިތުންނަށް ޙައްޤުވީ ހެއްޔެވެ.
ބޯހިމެނުމަކީ ހަމައެކަނި ބޯ ގުނުމެއް ނޫނެވެ. އެއީ، ކުރިޔަށް އޮތް އެތައް ޖީލަކަށް އޭގެ އަސަރުކުރާނޭ ދުރުރާސްތާގެ ޕްލޭންތަކަށާއި، އެހެނިހެން ރަސްމީ ބޭނުންތަކަށް ބޭނުންވާ ތަފާސް ހިސާބު އެއްކުރުމުގެ ޤައުމީ ޙަރަކާތެކެވެ. މިއީ ވަކި ސަރުކާރެއް އޮތަތީ ނުކޮށް ދޫކޮށްލެވޭނޭ ކަމެއް ނޫނެވެ. ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ، އެމްޑީޕީން ސަރުކާރު ހިންގިއިރު ރައީސް ނަޝީދުގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮތީ އެކަށީގެންވާ ވަރަށް ޤައުމީ ރެކޯޑުތައް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހިންގަވަން އުދަގޫވެފައި އޮތް ވާހަކައެވެ. ކަރަންޓު ސަބްސިޑީ ދޭން ބެލިއިރު އާމްދަނީ ރެކޯޑުކުރެވިފައި ނެތުމުގެ ސަބަބުން އަދި އަދަށްވެސް ކަރަންޓް ސަބްސިޑީ ދެމުން އަންނަނީ މުއްސަދިންނާއި ފަޤީރުން ތަފާތެއް ނެތިއެވެ.
ބޯހިމެނުމަކީ މިހާ މުހިއްމުކަމެއް ކަމަށްވީހިނދު، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، ސަރުކާރަށް ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ގޮތުން އެކަން ބޮއިކޮޓްކުރުމުގެ ވާހަކަ ދެއްކުމަކީ ޒިންމާދާރު ގޮތެއްނޫނެވެ.
އަޅުގަނޑުވެސް އެއްބަހެވެ. ސޯޝަލް މީޑީޔާގައި މިވަގުތު އުތުރި އަރަމުންދާ ޖަޒްބާތަކީ ރިޟްވާން ނުފެންނަނީސް ބޯހިމަނައިގެން ނުވާނެ ވާހަކައެވެ. “މަގޭ ބޯ ހިމަނާނީ ރިޟްވާންގެ ބޯ ހިމަނާފަ އައިސް” ފަދަ ޓްވީޓް ތަކެވެ.
އަޅުގަނޑު ދެކޭގޮތުގައި މިފަދަ ޓްވީޓްތަކުގެ އަޞްލު މަޤްޞަދަކީ ކޮންމެހެން ބޯހިމެނުމުގައި ބައިވެރިނުވުމެއް ނޫނެވެ. ވީނުވީތަނެއް ނޭގޭ އިންސާނަކު ހޯދުމުގެ މުހިއްމުކަން ހާމަކުރުމެވެ.
ވިސްނާލަންޖެހޭ ނުކުތާ އަކީ، ސަރުކާރުގެ ކޮންޓްރޯލްގައި ހުރިހާ ބާރެއް އޮތް މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގެ ނިންމުންތައް ވާންޖެހޭނީ ވަރަށް ހަރުދަނާ ނިންމުންތަކެއް ކަމުގައެވެ. އެނިންމުންތަކަކީ ހަމައެކަނި އަޅުގަނޑުމެން ޖަޒުބާތީ އޮއިވަރެއްގައި ތިބެ ކޮށްލާ ޓްވީޓްތަކަކުން ފުރޭނިގެން އަންނަ އެއްޗަކަށް ވެގެން ނުވާނެއެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއަދުގެ ސިޔާސީ މަންޒަރު ވަނީ ބަދަލުވެފައިކަމެވެ. މިއަދުގެ ސިޔާސީ ޙަޤީޤަތްތަކާއި އުއްމީދުތައް، މީގެ ދިހަވަރަކަށް އަހަރުކުރިޔާ އަޅާބަލާއިރު ކިތަންމެ ތަނަކުން ވަނީ ބަދަލުވެފައެވެ. އޭރު އެމްޑީޕީއާ ގިނަބަޔަކު ގުޅި، އެމްޑީޕީގެ ކޮންމެ ގޮވާލުމަކަށް ހޭވައްލާ ތައްޔާރު ވެފައި ތިބީ ބަދަލަކަށް ބޭނުންވެފައި ތިބިލެއް ބޮޑުކަމުންނެވެ. މައުމޫންގެ ދިގު ވެރިކަން ނިމި، ބަދަލަކަށް ބޭނުންވެގެން އެބަދަލު ގެނެސްފިއެވެ. މިއަދު “ބަދަލަކަށް އެންމެން” ގެ ޝިޢާރުގެ ދަށުން އެމްޑީޕީން ގޮވާލާ ކޮންމެކޮންމެ ގޮވާލުމަކަށް މީހުން އިޖާބައެއް ނުދޭނެއެވެ. ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް ވެސް ކުރަންވާ ކަންތަކާ ނުކުރަންވާ ކަންތައް އެމްޑީޕީން ދެނެގަންނަން ޖެހޭނެއެވެ. މީގެ ދިހަވަރަކަށް އަހަރުގެ ސްޓްރެޓެޖީއެއް މިއަދަކު ނުހިނގާނެއެވެ.
އެމްޑީޕީ ޒިންމާދާރުވާން ވެއްޖެއެވެ.

އެމްޑީޕީ އިން ފުވައްމުލަކުގައި އިންސާފު ގާއިމްކުރުމަށް ގޮވާލާ ބޭއްވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ؛ ނިޖާހް
12/09/2014 - 10:12
+1
+1

ގުޅުންހުރި ލިޔުންތައް

ޚިޔާލުތައް