A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަހުރުވައިގެ ޚާއްސަ ސިފަތައް

މުސްކުޅި ތާނަ އަކުރުގެ ނަވާރަވަނަ އަކުރު ނަވިޔަނި، މިއަކުރު މިހާރުވަނީ ދިވެހި އަކުރުތަކުގެ ތެރެއިން އުނިކުރެވިފައި

ފުވައްމުލަކުގެ ބަހުރުވައަކީ ހުރިހާ ގޮތުންވެސް ތަފާތުބަހުރުވައެކެވެ. ބަސްމަގު މުއްސަދި ހަރުދަނާ ގަވާއިދެއް އެކުލެވިގެންވާ ބަހުރުވައެކެވެ. ފުވައްމުލަކުގެ ބަހުރުވައިގެ ޚާއްސައެއްސިފައަކީ ސުކުންކުރެވޭ އަކުރުތަކެވެ. ދިވެހި ބަހުން ލ ގައި ސުކުން ކުރެވޭ ހަމައެކަނި ބަހުރުވައަކީ ފުވައްމުލަކު ބަހުރުވައެވެ.
ދިވެހި ބަހުގެ ގަވާއިދު ބުނާގޮތުން ސުކުންކުރެވޭ އަކުރުތަކަކީ “އާސީނުތަށި” ހިމެނޭ 5 އަކުރެވެ. މި ގަވާއިދު އެކުލެވިގެން ވަނީ ދިވެހި ބަހުގެ ހުރިހާ ބަހުރުވަތަކެއް ރަގަޅަށް ދިރާސާ ނުކުރެވިކަމަށް ބެލެވެއެވެ. އެހެނީ ފުވައްމުލަކު ބަހުރުވައިގައި ލ ގައި ގަދީމީ ޒަމާނުއްސުރެ ސުކުން ކުރެވެމުން ދިއުމެވެ. އެހެންކަމުން މިއީ މިއަދު ބަދަލު ކުރަންވެފައިވާ ގަވާއިދެކެވެ.
ދިވެހިން ވާހަކަދައްކާ ކޮންމެ ބަހަކީ ދިވެހި ބަހަކަށްވާ ފަދައިން ފުވައްމުލަކު ބަހުރުވައަކީވެސް ދިވެހި ބަހެވެ. އެގޮތުން، ދިވެހި ބަހުގެ ރަދީފުގައި ގައި ފުވައްމުލަކު ބަސްތައް ހިމެނިފައިވާއިރު އެބަސްތަކުގައި ލ ގައި ސުކުން ކޮށްފައި އެބަހުއްޓެވެ. މިސާލަކަށް “ލޮލްބަލި” “ލޮލްވަޑޮ”.
އެހެންކަމުން ފުވައްމުލަކު ބަހުރުވައިގައި ލ ގައި ސުކުން ކުރެވޭ ގޮތް ބަލާލުން މުހިންމެވެ. ރަސްމީ ބަހުރުވައިގައި ބަސް ނިންމާ އަކުރު ދެމޭފިއްޔަކަށް އައިސްފައި ހުރި ތަންތަނުގައި ފުވައްމުލަކު ބަހުރުވައިން ލ ގައި ސުކުން ކުރެއެވެ. މިސާލަކަށް ލޯ “ލޮލް” މާ “މަލް” އަދި މިފަދަ ބަހެއް އެކުވެގެން އުފެދިފައިވާ ބަސްބަހުގައި ލ ގައި ސުކުން ކުރެއެވެ. މިސާލަކަށް “ލޮލް ބަލި” “ލޮލް ވަޑޮ”. ދިވެހި ބަހުގެ ގަވާއިދު ބުނާ ގޮތުން ސުކުނުގެ ބަދަލު ގައި ފިއްޔެއް ޖަހަން ބަލާއިރު އެފިލި ޖެހޭ ފަދަ ތަންތަނުގައި ސުކުން ކުރެވޭނީ އެ ފިލި ޖެހޭ އަކުރެއްގެ ސުކުނެވެ. މިސާލަކަށް ބަތް، ބަތޭ ހަމަ އެގޮތަށް ލ ސުކުން އަންނަ ތަންތަނުގައި މިހަމަ ބޭނުންކުރެވެއެވެ. މިސާލަކަށް މަލެއް، ލޮލެއް. މިއާއިއެކު، ދިވެހިބަހުން ސުކުންކުރެވޭ އަކުރުތަކަކީ “އަލަނާސި ތޮށި” ހިމެނޭ 6 އަކުރުކަމުގައި ގަބޫލުކުރެވެއެވެ.
ފުވައްމުލަކު ބަހުރުވައިން ވާހަކަ ދައްކާއިރު “އަލަނާސީ ތޮށީ”ގައި ހިމެނޭ ތ އަދި ށގައި ސުކުނެއްނުކުރެވެއެވެ. މިސާލަކަށް ބަތް، ބައް. ގޮށް، ގޮއް. އެހެންކަމުން ފުވައްމުލަކު ބަހުރުވައިގައި ސުކުންކުރެވޭ އަކުރުތަކަކީ “އަލަނާސި” ހިމެނޭ 4 އަކުރުގައެވެ.
ފުވައްމުލަކު ބަހުރުވައިން ދެން ފާހަގަކުރެވޭ އަނެއް ސިފައަކީ ” ނަވިޔަނި” ބޭނުންކުރުމެވެ. ދެކުނު ތިން އަތޮޅު ބަހުރުވައިގައިވެސް އާންމުގޮތެއްގައި ބޭނުން ކުރެވޭ ނަވިޔަންޏަކީ 1953ގެ ކުރިން ތާނައަކުރުގެ ނަވާރަވަނަ އަކުރެވެ. މިއަކުރު ތަރުތީބުކުރެވިފައިވަނީ ޑަވިޔަނިއާއި ޒަވިޔަނިއާއި ދެމެދުއެވެ. ނަމަވެސް 1953ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ބާނީ މުހައްމަދު އަމީން ދީދީ މިއަކުރު ތާނައަކުރުގެ ތެރެއިން އުނިކުރިއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް މިފެންނަ ތާނައަކުރުސެޓްގައި މިއަކުރު ނުހިމެއެވެ. ނަމަވެސް 1950ގެ ކުރީގެ ލިއުންތަކުން މިއަކުރު ކޮންމެވެސް ވަރަކަށް ފެންނަމުންދެއެވެ. މީގެ ތެރެއިން އެއްފޮތަކީ ބޮޑުތަރުތީބެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހި ރަސްމީ ބަހުރުވައިގައި ނަވިޔަނި ގެ އަޑު އެއްވެސްވަރަކަށް ބޭނުންކުރާތަނެއް ނުފެނެއެވެ. އެހެންނަމަވެސް މިހާރުވެސް ފުވައްމުލަކު ބަހުރުވައިން މިއަކުރުގެ އަޑު އިވިގެންދެއެވެ. މިއީވެސް ފުވައްމުލަކު ބަސް ގަދީމީ ވެފައި ޚާއްސަވާ ކަމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !