އާބާދީގައި 12 ހާހަށްވުރެ ގިނަ މީހުން އުޅެމުންދާ ފުވައްމުލަކުގައި ހުރި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ވަޞީލަތްތަކާއި މެނޭޖްމަންޓުގެ ފެންވަރާ ބެހޭގޮތުން ލައްކަ ގިނަ ވާހަކަ ވަނީ ދެކެވިފައެވެ. މީޑިޔާގެ ފަލަ ސުރުޚީތަކަށްވަނީ އަރާފައެވެ. ވީމާ އަޅުގަނޑު އެވާހަކައެއް ނުދައްކާނަމެވެ.
އެހެނީ، ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ޓެކްނިކަލް ސާމާނުތަކަކީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވި، ޙައްލެއް ގެންނަން ވަގުތު ނަގާނެ ކަންތަކެއްކަމަށް ޤަބޫލުކުރެވޭތީއެވެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިހާރުން މިހާރަށްވެސް ވަރަށް ފަސޭހައިން ރަނގަޅުކޮށްލެވެން ހުރި މައްސަލަތަކެއް ރަނގަޅުނުކޮށް އޮތުމުން، ތަނުން ލިބެން ހުރި މަދު ޚިދުމަތްތަކުގެ ވެސް ފެންވަރު ދަށްވާހަކައެވެ.
މިފަދަ މައްސަލަތަކާހެދި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުނަށް ތަނުން ލިބޭ ފަރުވާއަށްވުރެ ތުރާ މާ ބޮޑުހެން ހީވެއެވެ.
ބަލިމީހަކު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާކުރަން ޖެހެނީ ޑޮކްޓަރު ޤަވާޢިދުން ބަލައި، ނަރުހުންގެ އަޅާލުމާއެކު ޤަވާޢިދުން ބޭސްދީ، ބަލީގެ ޢަލާމާތްތަކަށް އަންނަ ބަދަލު ދެނެގަނެ ގާތުން ބެލުމަށެވެ. މިހެން އޮންނަ އޮތުމުގައި އެކަށީގެންވާ ވަރަށް އަރާމުކުރުމާއި ހަމަ ނިދި ލިބުމަކީވެސް މުހިއްމުކަމެކެވެ. ޤަވާޢިދުން ބޭސް ކާ ފަދައިންނެވެ.
އަޅުގަނޑުވެސް އެއްބަހެވެ. ހޮސްޕިޓަލުގެ ވަޞީލަތްތަކާއި ޖާގަހުރި ބަލިމީހުން އެޑްމިޓްކޮށްފައި ބައިތިއްބަން ޖެހެނީ ޢާއްމު ވޯޑުތަކުގައެވެ. އެހެނިހެން ބަލިމީހުންނާ އެއްތަނެއްގައެވެ. ގިނަ މީހުން އެއްތަނެއްގައި ތިބެންޖެހުމުގައި ތަކުލީފުތަކެއްވެސް ހުންނާނެއެވެ.
އެހެންނަމަވެސް، މިއީ ކުޑަ ކުރެވިދާނެ ތަކުލީފުތަކެކެވެ. ވެއިޓިން އޭރިޔާގައި ހުންނަ ޓީވީގެ އަޑު ހަމަ އެހާ ގަދަވާން ޖެހޭ ހެއްޔެވެ. މިއީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެކެވެ. ސިނަމާ ހޯލެއް ނޫނެވެ.
ބަލިމީހުނަށް ތުރާލިބޭ މިފަދަ އަނެއް ކަމަކީ، ކޮރިޑޯތަކުގައި އަޑުގަދަވުމެވެ. ހަމަހިމޭން އަމާން މާޙައުލެއް އޮންނަންޖެހޭ ހޮސްޕިޓަލުގައި ބައެއް ވަގުތުތަކުގައި ހޯބޯލެވުން ގަދަވެގެންގޮސް، މިހުރެވެނީ ހަމަ ހޮސްޕިޓަލެއްގައި ބާއޭ ހިތަށްއަރާ ފަހަރު އާދެއެވެ. ކަންމިހެން ހުރިއިރު، ކޮރިޑޯތެރޭގައި ހަމަހިމޭނުން ތިބުމަށް އެދި މެނޭޖްމަންޓުން ނެރިފައި އޮތް ނޯޓިސްވެސް އޮތީ އެތަނުގައި ހުރި ކަބަޑެއް މަތީ ބާއްވާފައެވެ.
ދެން އޮތްކަމަކީ، އެއްވެސް ހަމައެއް އުޞޫލެއް ނެތި، ޢާއްމު ވޯޑްތަކަށް މީހުން ވަދެ ނިކުމެ ހެދުމެވެ. މިގޮތަށް ވަދެ ތިބޭތިބުމުގައި އެހެންޏާ ގޭގެ ސިޓިން ރޫމޭ ހީވާ ފަދަ ޢާއިލީ ނުވަތަ ޒާތީ މަޝްވަރާއެއް ގޮސްދާނެއެވެ. އެހެންޏާ ސިޔާސީ ހޮޅުއަށްޓެކޭ ހީވާފަދަ ސިޔާސީ ޒުވާބެއް ގޮސްދާނެއެވެ. ޖެހިގެން އޮތް އެނދުގައި އޮތް ބަލިމީހާ އޮންނާނީ ނުނިދި ވޭނާ ކުކުރި ކުކުރިލައެވެ.
ބަލި މީހުނަށް ހަމަހިމޭން އަދި އަމާން މާޙައުލެއް ހޯދާ ދިނުމުގެ ގޮތުން ޒިޔާރަތްކުރާ ގަޑި ކަނޑައަޅަންޖެހެނީ ހަމައެކަނި އައިޖީއެމްއެޗަކު ނޫނެވެ. މިފަދަ އުޞޫލުތަކަކީ ޞިއްޙީ ޚިދުމަތްދޭ ކޮންމެ މަރުކަޒެއްގައިމެ ހުންނަން ޖެހޭ އުޞޫލުތަކެވެ. ފުވައްމުލަކު ހޮސްޕިޓަލުގައިވެސް މި އުޞޫލު އެބަ އޮތެވެ. ބަލިމީހުނަށް ޒިޔާރަތްކުރަން ވަކި ގަޑިތަކެއް ކަނޑައަޅާފައި އެބައޮތެވެ. މައްސަލައަކީ ތަންފީޒު ނުކުރެވުމެވެ. ޑިޔުޓީގައި ގާޑުން ބޭތިއްބިޔަސް، އެކަން ތަންފީޒުކުރެވޭނެ މަގެއްވެސް ދައްކަން ޖެހޭނެއެވެ.
މެނޭޖްމަންޓުން ކަންކަން ތަންފީޒުކުރުމުގެ އިތުރުން އަޅުގަނޑުމެން ޢާއްމުންވެސް ކަންކަމުގެ އަދަބު ސަދަބާމެދު ހޭލުންތެރިވާން ވީއެވެ. ބަލިމީހުނަށް އިޙްތިރާމްކުރަންވީއެވެ. ޢާއްމު ޚިދުމަތްދޭ ތަންތަނަށް ޙުރުމަތްތެރިކޮށް ހިތަންވީއެވެ. އެއީ ތިމާއާއި އަނެކާވެސް ޚިދުމަތް ހޯދާ ތަނަށް ވީތީއެވެ.
ހޮސްޕިޓަލަކީ ބަލިމީހުނަށް ތުރާލަކަށް ވެގެން ނުވާނެ

ޏ. އަތޮޅު ހޮސްޕިޓަލަށް މީހަކު ވަންނަނީ. ފޮޓޯ: މިކަލް ނިއުސް
23/09/2014 - 12:26
+1
+1

ގުޅުންހުރި ލިޔުންތައް

ޚިޔާލުތައް