ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ބޭނުންކުރުމަށް އިއްޔެ އެމްޑީޕީން އާއްމުކުރި “ރަށްވެހި ފަތިސް” ޕޮސްޓަރުގައި ދައްކުވައިދޭ މަންޒަރާއި އިބާރާތުން ބުނަނީ ކީކޭ ބާވައޭ ގިނަ ބައެއްގެ ހިތުގައި ސުވާލުތަކެއް އުފެދިދާނެއެވެ.
އެހެނީ އެޕޯސްޓަރުގެ މަންޒަރާއި ބަހުރުވަ އެހެންނާވެސް އެމްޑީޕީން ގެންގުޅޭ ތަފާތުކަން ނުވަތަ “ޔުނީކް ކަން” ވަރަށް ފުރިހަމައަށް ދައްކުވައިދޭތީ އެވެ.
ޕޯސްޓަރުގެ ޝިއާރު ނުވަތަ ސްލޯގަން: “ރަށްވެހި ފަތިސް”
‘ރަށްވެހ’ި މިއިބާރާތް ވަނީ ‘ފަތިސް’ އާއި ގުޅުވާލެވިފައި ވެއެވެ. ރަށްވެހި ކަމަކީ 1950 ގެ އަހަރު ތަކުގައި ރާއްޖެގެ ރަށްތައް ތަރައްގީ ކުރުމުގެ ގޮތުން، މުހައްމަދު އަމީނުގެ ދުވަސްވަރު ކުރެވުނު ތަރައްގީގެ މަސައްކަތްތަކަށް ނިސްބަތްކޮށް ބޭނުންކުރެވުނު އިބާރާތެކެވެ. ނަމަވެސް އެދުވަސްވަރުގެ ލިޔުންތަކުގައި އެބަސް ބޭނުންކޮށް އުޅުނީ “ރަށްވެހިކަމުގެ ފަތިސް”ގެ ގޮތުގައެވެ. ދިވެހި ބަހުގެ ރަދީފުގައި އޮތީ “ރަށްވެހިކަން” މިބަހެވެ. އެއިގެ މާނައަކަށް އޮތީ “މަދަނިއްޔަތާ ތަހުޒީބު ލިބިގެންވާކަން” މިހެންނެވެ.
ދެން އޮތީ “ފަތިސް’ އެވެ. ފަތިހަކީ އަލިވިލެމުން އަންނަވަގުތެވެ. ނުވަތަ އަނދިރިކަމުން އަލިކަމުގެ ތެރެއަށް މީހުން ނުކުންނަ ވަގުތެެވެ. ދިވެހިންގެ އާދަކާދައިގެ ގޮތުން ދުވަހަކަށް ފެށޭ ވަގުތެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ މަސައްކަތްތަކަށް މީހުން ތައްޔާރުވެގެން ނުކުންނަ ވަގުތެވެ. ރާއްޖޭގައި ކުރީ ޒަމާނުގައި ކޮށްއުޅުނު މައިގަނޑު ދެ މަސައްކަތް ކަމަށްވާ ދަނޑުވެރިކަމާއި މަސްވެރިކަމަށް މީހުން އެނބުރިގަންނަ ވަގުތެވެ. މަސްވެރިން މަހަށް ދާން ރަށުން ނިކުންނަނީ ފަތިހުގެ ވަގުތުގައެވެ. ދަނޑުވެރިން ދަނޑުތަކަށް ނުވަތަ ވަލަށް ދާން ނުކުންނަނީ ވެސް ފަތިހުގައެވެ.
ވުމާއެކު ރަށްވެހި ފަތިސް މާނަކުރެވިފައި އެވަނީ ތަރައްގީގެ މަސައްކަތްތަކަށް މީހުން ނުކުންނަނީ ކަމަށް މާނަކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ދެން އޮތީ ޕޯސްޓަރުގައި ދައްކުވައިދޭ މަންޒަރެވެ. އެމްޑީޕީގެ ރަންރީނދޫ ކުލައިގައި އަރައިގެން އަންނަ އިރުގެ ދޯދިތަކުގެ ދަޅައިން މުޅި ރަށް ދައްކުވައިދީފައި ވަނީ ރީނދޫ ޖަޒީރާއެއްގެ ގޮތަށެވެ. މުޅިިރަށް އެމްޑީޕީޑީގެ ކުލައިން އޮތުން މާނަކުރެވެނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މުޅިރަށުގައި އޮތީ އެމްޑީޕީގެ ސިޔާސި ވިސްނުން ކަމަށެވެ. ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށެވެ.
ޖަޒީރާ ރަށުގެ ތިރިން ކަނޑުގެ ތެރެއަށް ހިޔަނީގެ ގޮތުގައި ކަޅައިހުދުން ދައްކުވައިދީފައިވާ ތަރައްގީވެފައިވާ ސިޓީގެ ކުލަވަރަކީ އެމްޑީޕީއިން އަސްލު ތަރައްގީ މާނަކުރަނީ އެގޮތަށް “ކޮންކްރީޓް ސިޓީ” ގޮތަށް ނޫންކަން ބުނެދެއެވެ. އަދި އަސްލު ތަރައްގީއަކީ މިޒަމާނުގެ ކޮންކްރީޓް އިމާރާތްތަކުގެ ސިޓީތަކެއް ނޫން ކަމަށް އެމްޑީޕީން ބުނާ ވާހަކަތައް ދައްކުވައިދެނީ ކަމަށް ވެސް ބެލިދާނެއެވެ. އެމްޑީޕީން ބުނަނީ ތަރައްގީއަކީ މީހުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުކަމަށެވެ. ރާއްޖެ ތަރައްގީ ކުރަން ބޭނުންވަނީ ޖަޒީރާވަންތަ ތަނެއްގެ ގޮތުގައި ކަމަށެވެ. ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުމަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީގެ ވިސްނުން ކަމުގައި ބެލެވިދާނެއެވެ.
ޕޯސްޓަރުގައި ނޫކަނޑު ދައްކުވާދީފައިވަނީ އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ނޫ އިގުތިސޯދުގެ ވިސްނުމުގައި ކަނޑުފަޅުގެ މުހިންކަން ހާމަކޮށް ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ. އަދި އިރުގެ ދޯދިން އެމްޑީޕީގެ އެޖެންޑާ 19ގެ އިޔާދަ ކުރަނިވި ހަކަތަ ރަމްޒުކޮށް ދޭއިރު، އިރުގެ ދޯދި ރަށަށް ފޯރުމުން “އެޖެންޑާ 19 ރަށަށް’ ފޯރަނީ ކަމަށް ބުނެއެވެ. މީގެ އިތުރުން ޖަޒީރާ ރަށުން އެޖެންޑާ 19ގެ ހިމެނޭ ޖަޒީރާ ދިރިއުޅުން ރަމްޒުކޮށް ދެއެވެ.
މިވިސްނުމުން ބަލާއިރު މި ޕޯސްޓަރަކީ ވަރަށް ފުރިހަމަ ޕޯސްޓަރެއްކަމުގައި ބެލެވެއެވެ.
ޕޯސްޓަރަށް ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުއި އެމީހުން ބޭނުންވަނީ ޕޯސްޓަރުގައި ހުރި ތަރައްގީގެ ސިޓީގެ ހިޔަނި މައްޗަށް ލާފައި ޖަޒީރާ ރަށް ހިޔަންޏެއްގެ ގޮތުގައި ދެކުމަށެވެ. ތަރައްގީ އޮތީ ކަނޑުގެ އަޑީގައި ކަމަށެވެ. އެހެން ގޮތަކަށް ބުނަނީނަމަ އިދިކޮޅު ފާޑުކިޔުންތެރިން މާނަކުރަނީ އެމްޑީޕީއަކަށް ދުވަހަކު ވެސް ތަރައްގީ ނުގެނެވޭނެކަން މި ޕޯސްޓަރުން ދައްކުވައިދޭ ކަމަށެވެ.
ސިޔާސީ މިފަދަ އެއްޗަކަށް ފާޑުކިޔުމަކީ އޭގައި އާރެއް ހުރިކަމުގެ ހެއްކެއް ކަމަށް ބުނެއެވެ. އެއިގެ ވާހަކަ ގިނައިން ދެކެވުނު ވަރަކަށް އެކެމްޕޭން ނުސިދާގޮތުންނާއި ސީދާ ގޮތުން ކުރެވެމުން ދާނެއެވެ.
ޚިޔާލުތައް