މިދިޔަ ބޮޑު އީދު ދުވަހުގެ ފޮޓޯތައް ސޯޝަލް މީޑީއާގައި އާންމުވުމާއި އެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކުޅުދުއްފުށިން ތައްޔާރުކޮށްފައިވާ މާލި ޕެރޭޑެވެ. ސަރުކާރަށް ފާޑުކިޔާފައިވާ ގިނަ މާލިތަކެއް އެޕެރޭޑުގައި ފެނުނެވެ. އޭގެ ހަފްތާއެއްފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައިގެން މިއައީ ކުޅުދުއްފުށީގައި 17 މަގެއްގައި ތާރު އަޅަން 54 މިލިއަން ރުފިޔާގެ މަޝްރޫއެއް މޯލްޑީވްސް ރޯޑް ކޯޕަރޭޝަނުން ފެށި ޚަބަރެވެ.
މިޚަބަރާއި އެކު، ހަނދާން އާވެގެން ދިޔައީ މިދިޔަ އަހަރު އޮގަސްމަހު ތެރޭ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމެވެ. މިއެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ހައުސިންގ މިނިސްޓްރީ އިން ވިދާޅުވީ 32.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުވައްމުލަކު ވަށައިގެންވާ ރިންގުރޯޑްގެ 2.9 ކިލޯމީޓަރުގައި ތާރުއަޅައި 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ފަހުން 365 ދަވސް ފާއިތުވުމަށް ފަހު ދެން އިވިގެން މިދިޔައީ ހަމަ އެކޯޕަރޭޝަނުން ކުޅުދުއްފުށީގައި 54 މިލިއަން ރުފިޔާ އަށް 5.8 ކިލޯ މީޓަރުގައި ތާރު އަޅަން ފެށި ވާހަކައެވެ.
ހަމަމިއާއިއެކު ހަނދާނަށް އާވެގެން އަންނަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ކެމްޕޭނުގައި ދެއްކި ވާހަކަތަކެވެ. ފުވައްމުލަކުގެ މަގުތަކުގެ ހާލަތު، އެ މަގުތަކުން ދަތުރުކުރި މީހެއްގެ ހައިސިއްޔަތުން، ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި އަދި މުޅި ރާއްޖެއަށް ބަލާލިޔަސް އެންމެ ހާލަތު ދަށީ ފުވައްމުލަކުގެ މަގުތަކުގައި ކަމަށް ޝާހް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލު ކުރައްވާ 3 މެމްބަރުންނަކީ ވެސް ޕީޕީއެމް މެމްބަރުންނަށްވެފައި މިފަދަ މުހިންމު އަސާސީ ޚިދުމަތްތައް ލިބުމުގައި ފުވައްމުލައް ފަހަށް ސޮއްސާލާފައިވަނީ ކީއްވެގެންތޯ ސްވާލު އުފެދެއެވެ. އާބާދީގެ ގޮތުން މާލެ އާއި ސ. ހިތަދޫ ފިޔަވައި އެންމެ އާބާދީ ބޮޑު އަދި ދެން އެންމެ އަވަހަށް ސިޓީއަކަށް ވުމުގެ ފުރުސަތު ލިބިފައިވާ ފުވައްމުލަކަށް އިސްކަން ދޭކަށް ނުވޭތޯ ސްވާލު އުފެދެއެވެ.
ނުރޯ ދަރިއަށް ކިރު ނުލިބެނީ ބާވައެވެ. ނޫނީ މަގު ހެދުމަށް ފުވައްމުލަކު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިފައިވަނީ ބާވައެވެ. މިހެން މިދެންނެވީ ރައީސް ނަޝީދުގެ ސަރުކާރުގައި ފުވައްމުލަކު ބައެއް ސަރަހައްދުތަކުގައި މަގުހެދުމުގެ މަޝްރޫއެއް ފެއްޓުމަށް ބޭނުންވާ ގާފަދަ ތަކެތި ގެނައުމުން އޭރު އަތޮޅު ކައުންސިލްގައި ތިއްބެވި ބޭފުޅުން ވިދާޅުވީ ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު ނޫނީ މަގުތައް ހެދުން ރަގަޅު ނޫންކަމަށެވެ. އޭރު މަގު ހެދުމުގެ މަސައްކަތް ހުއްޓާލި ފަދައިން މިހާރުވެސް ފެނާއި ނަރުދަމާ އެޅުމުން ނޫނީ މަގު ނެހެދުމަށް ބަޔަކު މަސައްކަތް ކުރަނީ ބާވައެވެ.
ފުވައްމުލަކުގެ އާބާދީ ބޮޑު ނަމަވެސް ތަރައްގީގެ ސްޕީޑްގައި ފުވައްމުލަކަށްވުރެ ކުޅުދުއްފުށި މާ އަވަހެވެ. ސަބަބަކީ ކޮބައިތޯއެވެ. ރަށަށް ލިބެންވާ ޚިދުމަތްތަކުގައި ޕާޓީގެ ކުލައަށް ބެލުމެއްނެތި އެންމެން އެކައްޗެއް ކިޔަނީ ބާވައެވެ. ރަށުގެ ތަރައްގީއަށް ވުރެ ޕާޓީގެ ފިކުރަށް ކުރާ ތާއީދު ފުވައްމުލަކުގައި ބޮޑުކަން ފާހަގަ ކުރެވެއެވެ. މިއީވެސް މިފަދަ ކަންކަން ލަސްވުމުގެ ސަބަބަކަށް ވެދާނެއެވެ. ނުވަތަ ލޮބީ ނުކުރެވެނީ ބާވައެވެ. ސަރުކާރަށް ޕްރެޝަ ނުކުރެވެނީ ބާވައެވެ.
ގުޅުންހުރި ލިއުންތައް
ޚިޔާލުތައް