ފަތިސް ނަމާދުން ފައިބައިގެން ބަދަރަށް ދާންޖެހިފައިވާތީވެ އަލިބެއްޔާ ގެއިން ނިކުމެގެން ހިގައިގަތީ ގޭގެ އެކި މަސައްކަތް ކުރުމަށް ގެންގުޅޭ ބަންގާޅު ބޮންދު ގޮވައިގެނެވެ. ތަންކޮޅަކަށް ދެވުނުތަނާ ސިއްސައިގެންދިޔައީ ޒާތެއްގެ ބިރުވެރި ޖަނަވާރެއް ފެނިގެނެވެ. އަސްތާއެވެ! އެއީ މާސިންގާ ބޮނޑެކެވެ. ގައިގެކުލަ ފެއްސެވެ. ދެބައިއުމުރުން މައްޗަށް ގޮސްފައިވާ އަލިބެއްޔާ ދުވަހަކުވެސް ނުދެކޭވަރު ބޮޑު ބޮނޑެކެވެ. ހަމަގައިމުވެސް މިއީކީ ދިވެހިރާއްޖޭގައި އުޅޭކަހަލަ ބޮނޑެއް ނޫނެވެ. އެހެންކަމުން މިއީ ނުރައްކާތެރި އެއްޗެއްކަމަށް އަލިބެއްޔާ ނިންމިއެވެ.
“މިވާނީ ކޮންމެވެސް ގޮތަކަށް ރާއްޖެ އެތެރެވެގެން އުޅޭ ނުރައްކާތެރި ޖަނަވާރަކަށް، މީގެ ސަބަބުން އަޅުގަނޑުމެންގެ ޅަ ދަރިންނަށް ނުރައްކަލަކާ ދިމާވެދާނެ” އަލިބެއްޔާ ހިތަށް އެރިއެވެ. އެހެންކަމުން އެ ޖަނަވާރު މަރާލުމަށް ނިންމާ ބޮންދު ކައިރީ އޭތި މަރާލުމަށް ބުނެފައި އަލިބެއްޔާ ހިގައިގަތީ މިސްކިތާ ދިމާލަށެވެ.
ކޮންމެއަކަސް، ބޮންދު އޮށްގަލުން ތަޅާ ބޮނޑު މަރާލިއެވެ. އޭތިވެސް އޭތީގެ ސަލާމަތަށް ދުއްވައިގަތެވެ. ނަމަވެސް، ބޮންދުގެ ހުޝިޔާރު ކަމުން ބޮނޑަކަށް ބޮންދުގެ އަތްދަށުން ސަލާމަތެއް ނުވެވުނެވެ. ޖެހިގެން ހުރި ގޯތިތެރެއަށް ބޮނޑަށް ކިރިޔާ ވަދެވުނީއެވެ. ބޮންދުގެ ނުރައްކާތެރި ހަމަލާއެއް އަރާ ބިންމައްޗަށް ދެމިއްޖެއެވެ. ބޮންދު އެތަނުން ދިޔައީ ބޮސް އަމުރު ކުރި ފަދައިން ބޮނޑު މަރުވެއްޖެކަން ޔަގީން ކޮށްފައެވެ.
ބަކުރަކީ ފޯރާ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ދަރިފުޅުގެ އުފަންދުވަހަށް މިހާތަނަށް ނުދޭވަރުގެ އަގުބޮޑު ހަދިއާއެއް ދިނެވެ. އެއީ އަގުބޮޑު “އިގުއާނާ” އެކެވެ. ބަކުރު ފަތިސް ނަމާދުން އައިސް އެންމެ ފުރަތަމަ ކުރާކަމަކީ އެއެއްޗަށް ކާންދިނުމެވެ. ނަމަވެސް މިއަދު އޭތި އަދިއެއް ކާކަށް ނާދެއެވެ. މިހާރު އެއޮތް އިރުއަރަނީއެވެ. އެހެންކަމުން އެ”އިގުއާނާ” ކޮބައިތޯ ބެލުމަށް ހިގައިގަތެވެ. ބަކުރަށް ދެވުނީ ދޮރާއްޓާއި ހަމައަށެވެ. އަބުރާގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. އެއަގު ބޮޑު އިގުއާނާ އަށް ދީފައިވާ އަނިޔާ ފެނިފައެވެ. އަވަހަށް އޭތި ނަގައިގެން ގެނެސް ބޮޑު ފެންޑާކައިރީ ބޭއްވިއެވެ. އަސްތާއެވެ. އަދި ގޭގެ އެންމެންނަށް ގޮވިއެވެ. އެ އަގުބޮޑު އިގުއާނާ އެއޮތީ މަރުވެފައެވެ.
ރޯ މީހުން ރޮނީއެވެ. ގިސްލާމީހުން ގިސްލަނީއެވެ. ބަކުރު ހިތްވަރު ކޮށްލާފައި ފުލުހުންނަށް ގުޅާ މިއަނިޔާވެރި އަމަލު ރިޕޯރޓްކުރިއެވެ. ބަކުރަކީ ފޯރާ އާއިލާއަކަށް ނިސްބަތްވާ މީހަކަށްވެފައި ވެރިކަންކުރާ “ޕެޓްސް ޕާރޓީ އޮފް މޯލްޑިވްސް”ގެ އިސްމެމްބަރަލަށް ވާތީ ހަތްވަނަ ގިޔަރުގައި ފްރެންސިކް ޓީމު ވައްޓާލިއެވެ. ނޫސްވެރިންނާއި މައުލޫމާތު އެއްކުރާ މީހުން އައިސް މުޅި ހިސާބު ފުރާލައިފިއެވެ. ނޫސްތަކުގެ “ކުއްލި ޚަބަރަށް” އެޚަބަރުވެގެން ހިގައްޖެއެވެ. މިއަނިޔާވެރި އަމަލު ކުށްވެރިކުރާ މީހުން ކުއްވެރިކުރަނީއެވެ. މަރަށް މަރު ހިފުމަށްވެސް ގޮވާލާ ބަޔަކު މަދެއްނޫނެވެ. އަނެއް ބަޔަކު ގަރާރުތަކާއި ނޫސްބަޔާންތައް ނެރެނީއެވެ.
ފްރެންސިކް ޓީމުގެ އެހީގައި ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެއްކަލަ ބޮންދު އާއި އަލިބެއްޔާ ހައްޔަރުކޮށްފިއެވެ. މީގެ އިތުރުންވެސް އިދިކޮޅު ޕާޓީގެ ދެތިން މީހަކު ލިބުނު ފުރުސަތުގެ ބޭނުންހިފާ ހައްޔަރުކުރިއެވެ.
މައްސަލައިގެ ބޮޑުކަމުން މައުލޫމާތު އާންމުނުކޮށް ހިންގި ތަހުގީގަށްފަހު އަލިބެއްޔާ އާއި ބޮންދު ޝަރީއަތަށް ހާޒިރުކޮށްފިއެވެ. އަމިއްލަ ކުށަށް އިއުތިރާފުވެސް ވެއްޖެއެވެ. ވާރިސުންގެ ބަޔާންވެސް ނެގިއެވެ. އެންމެފަހުން، އޭތީގެ މަރުގެ ދިޔަ ދިނުމަށް ކޯޓުން ހުކުމް ކުރިއެވެ.
ނޯޓް: މިއީ ރަހުމަތްތެރިއަކު މީ ދެއަހަރެއްހާ ދުވަސްކުރިން އަޅުގަނޑަށް ކިޔައިދިން ވާހަކައެއް އަސްލަކަށް ބަލައިގެން ބޮޑުބައެއް އިތުރުކޮށްގެން ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
ބޮންދު މަރާލި ބޮނޑުގެ ޝަރީއަތް

24/09/2014 - 09:32
+1
+1

ގުޅުންހުރި ލިޔުންތައް

ޚިޔާލުތައް