A wide advertisement which will be shown on all devices. (700 x 100)

“އަސްލު” ޖަލްސާއިން ކުރިމަގު ހާމަވާނެ ބާ؟

"އަސްލު ނަމުގައި މުސްތަޝާރު ފެކްޝަނުން މިރޭ ބައްވާ ޖަލްސާގެ ޕޯސްޓަރެއް

ދެބައިވެފައިވާ ވެރިަކން ކުރާ ޕާޓީގެ މުސްތަޝާރުގެ ބައިން މިރޭ ބޭއްވުމަށް ތައްޔާރުވަމުން އަންނަ “އަސްލު” ޖަލްސާގައި ޕީޕީއެމްގެ ނުވަތަ ގައުމުގެ ކުރިމަގު ހާމަވެގެން ދާނެ ބާވައެވެ؟ އެ ފެކްޝަނުން ބައެއް ފަރާތްތަކަށް ފޯރުކޮށްދޭ މެސެޖްތަކުގައި މިރޭގެ ޖަލްސާއަކީ ސަރުކާރުގެ ސިޔާސަތުތައް ހާމަކުރާ ޖަލްސާއެއްގެ ގޮތުގައި ސިފަކޮށް ދެމުން އަންނަކަމަށް ވެސް ވެއެވެ. 

ސިޔާސީ ފަރާތްތަކުން އާއްމު ޖަލްސާތައް ބާއްވަނީ އެބަޔަކަށް ރައްޔިތުންގެ ތާއިދު އޮތް މިންވަރު ހާމަކޮށްދިނުމުގެ ގޮތުން ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. އެހެނީ ކޮންމެ ޕާޓީއަކުން އާއްމު ޖަލްސާއެއް ބޭއްވިކަމުގައި ވިޔަސް ޖަލްސާއަށް ހާޒިރުވާ މެންބަރުން އިތުރު ކުރުމަށް ދައްކާ ވާހަކަތަކާއި މަސައްކަތް ކުރާ ގޮތުން އެކަން އެނގެއެވެ. އަދި ޕާޓީގެ އިސް ފަރާތްތަކުން އެއަށްވުރެ ދަށުން މަސައްކަތްކުރާ މީހުންނަށް މެސެޖްތައް ފޯރުކޮށް ދެމުންދާ ގޮތުން ވެސް މިކަން ހާމަވެއެވެ. ސައިޒު ދައްކާލުމުގެ ބަސްތަކުންނެވެ. 

މިރޭގެ ޖަލްސާއަކީ ޕީޕީއެމަށް 5 އަހަރު ފުރުން ފާހަނގަ ކުރުމަށް ބައްވާ ޖަލްސާއެއްގެ ގޮތުގައި މުސްތަޝާރު ފެކްޝަނުން ހާމަކުރެއެވެ. ނަމަވެސް މިޖަލްސާއަށް ޕާޓީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ދައުވަތު ދީފައެއް ނުވެއެވެ. އަދިޕާތިގެ ރައީސްގެ ފެކްޝަނުން ޕާޓީގެ 5 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމަށް ބާއްވަން އުޅުނު ޖަލްސާއަށް އެކިގޮތްގޮތުން ހުރަސް އެޅުމުން ވެސް ވަނީ ޝީގެ ކޮޓަރިއެއްގައި ޖަލްސާބާއްވައި އަހަރީ ކޭކު ފަޅާފައެވެ.

ސަރުކާރު ހިންގަމުން އަންނަ ބައެއް ސިޔާސަތުތަކަށް ބޮޑެތި ބަދަލު ގެނައުން މިރޭގެ ޖަލްސާގައި އިއުލާން ކުރާނެ ކަމަށް އުއްމީދު ކުރާކަމަށް ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނަށް ތާއިދުކުރާ އިސް މީހަކު ބުންޏެވެ. އޭނާ ހާމަކުރި ގޮތުގައި މައުމޫނަށް ގިނަ ދުވަސްތަކެއްގައި ވެރިކަން ކުރެވިއްޖެ ކަމަށާއި، ދެން ވެރިކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރަން އެދިފައި ވެއެވެ. އަދި އެއީ މައުމޫނު ހައްދަވާ ގޯހެއް ކަމަށް ބުންޏެވެ. ހަމަ އެއާއެކު ރައީސް ޔާމީނު ވެސް ގޯސްތަކެއް ހައްދަވައިފި ކަމަށް އެއްބަސް ވެއެވެ. އެފަދަ ކަންކަން ޔާމީނު ވެސް ހުއްޓަވާލައްވަން ޖެހޭ ކަމަށް ވެސް އޭނާ އުއްމީދު ކުރާކަމަށް ބުންޏެވެ. އެގޮތުން މިރޭގެ ޖަލްސާގައި ޔާމީނު ސަރުކާރުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން އާއްމުކޮށް އިއުލާން ކުރާނެކަމަށް އޭނާ ދެކެއެވެ.

ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުން އުއްމީދު ކުރަނީ މިރޭގެ ޖަލްސާގައި 10000 މީހުން ބައިވެރިވާނެ ކަމަށެވެ. ޖަލްސާގައި ބައިވެރިވުމަށް ރާއްޖެއާއި ރާއްޖެއަން ބޭރުން މީހުން ގެންނަމުން ދާކަމަށް ވެއެވެ. އަދި ރަށް ރަށުން ޖަލްސާއަށް އަންނަ ކޮންމެ މީހަކަށް ސިޓީއުރައެއް ލިބޭކަމަށް ސޯޝަލް މީޑީއާގައި ފޮޓޯއާއެކު މީހުން ބުނަމުން ދެއެވެ.

ޔާމީނު ފެކްޝަނުން އައްޔަންކޮށްފައިވާ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްއަށް ތާއިދުކުރާ، ގާތްބަޔަކު ހާމަކުރި ގޮތުގައި ޚަލީލު ވެސް މިހާރު ޔާމީނާއި ދުރަށް ދާން ޖެހިއްޖެއެވެ. އެއީ ޔާމީނު ގޯސްތަކެއް ހައްދަވައިފި ކަމަށް އެމީހުންނަށް ވެސް ގަބޫލުކުރެވޭތީ ކަމަށް ބުންޏެވެ. ޚަލީލު މަގާމަށް ހޮވާދީފައި އެހުރީ ޕާޓީގެ އެހީއަކާއި ނުލައި އެމީހުން ކަމަށާއި، ހުރިހާ ކަމެއް ފައިސާއިން ހާސިލުކުރެވޭނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ޚިޔާލެއް ކަމަށް އެމީހުން ބުންޏެވެ. އަދި އެކަން ޚާލީލަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އެމީހުން ބުންޏެވެ.

މިފަދަ ބަސްތަކުން އެނގޭ ގޮތުގައި ޔާމީނުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސްފިނަމަ މިހާރު ތާއިދު ކުރާ ގިބަ ބަޔެއްގެ ތާއިދު ވެސް ގެއްލިގެން ދާނެކަމަށް ބެލެވެއެވެ. ވީމާ މިރޭގެ ޖަލްސާއަކީ ޔާމީނު ތާއިދު ހޯދުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ބެލެވެއެވެ. އެގޮތުން ރައްޔިތު މީހާއާއި ސީދާ ގުޅުން ހުރި ކަންތައްތަކުގައި މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !