A wide advertisement which will be shown on all devices. (700 x 100)

ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ބޭނުންވާ ފުވައްމުލަކުގެ ސަރަހައްދުތައް ފާހަނގަ ކުރަނީ

ފުވައްމުލަކުން ހިމާޔަތްކުރުމަށް ފާހަނގަ ކުރި ސަރަހައްދުތައް.

ދިވެހި ރާއްޖެ ބައޯސްފެއަރ ރިޒާވަކަށް ހެދުމުގެ ގޮތުން ފުވައްމުލަކު ކަނޑާއި ފަރުގެ ދިރުންތަކުގެ ތެރެއިން ހިމާޔަތް ކުރުމަށް ބޭނުންވާ ބާވަތްތަކާއި ސަރަހައްދުތަކުގެ މައުލޫމާތު އެއްކުރުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާ ބައްދަލުވުމެއް ފާއިތުވި ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

ފުވައްމުލަކުގެ ކަނޑާއި ފަރުގައިވާ ދިރުންތައް ހިމާޔަތް ކުރުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކުގެ ގޮތުގައި މިބައްދަލުވުމުގައި ބައިވެރިވުމަށް ހަމަޖެހިފައި ވީ ރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި، ޑައިވަރުން، މަސްވެރިންގެ އިތުރުން ޖަމްއިއްޔާތަކުގެ ތެރެއިން ކަނޑައެޅުނު ބައެއް ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރުނދުމާ މާލަމުގައި ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި ބައިވެރިން މަޝްވަރާ ކުރީ ފުވައްމުލަކުގެ ވަށައިގެން ވާ ފަރުގެ ދިރުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތް ކުރަމަށް މުހިންމު ތަންތަނާއި ގުޅޭ ގޮތުންނެވެ.

މިބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ އޮފިޝަލުން ބައިވެރިްނނަށް މައުލޫމާތު ދެއްވީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލާއި ގުޅޭ ގޮތުންނާއި، ސޮލިޑް ވޭސްޓް އަދި ވޭސްޓް މެނޭޖް މެންޓާއި ބައޮސްފެއަރ ރިޒާވާއި ގުޅެ ގޮތުުންނެވެ.

ގްރޫޕުތަކުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ބައިވެރިން ހުށަހެޅީ “ކެޑެމޫލެ ފަރު” އަދި ރަށުގެ ތުނޑީ ސަރަހައްދުގެ އިތުރުން ކަޅުއަކިރިގަނޑު ސަރަހައްދާއި ދިމާލުން ފަރާއި ފަޅު ހިމާޔަތް ކުރުމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ހުށަހެޅީ ރަށުގެ ވަށައިގެން ވާ ހުރިހާ ސަރަހައްދެއް ވެސް ހިމާޔަތްކުރަން ޖެހޭ ކަމަށެވެ.

މިބައްދަލުވުމުން “ސްޓޭކް ހޯލްޑަރސް” ގެ ބަސް ހޯދުމަށްފަހު މިކަމަށް ގައުމީ ފެންވަރެއްގައި މަޝްވަރާ ކުރެވޭނެއެވެ. މިއީ 2017 ވަނަ އަހަރު މުޅި ރައްޖެއަކީ ވެސް ބައޯސްފެއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހެޅުމުގެ ގޮތުން އެއްކުރެވޭ މައުލޫމާތު ތަކެއް ކަމަށް ވެއެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތައް ވަނީ ބައޯސްފެއަރ ރިޒާވުގެ ގޮތުގައި ހިމާޔަތް ކުރެވިފައެވެ. އެގޮތުން ބ. އަތޮޅުގެ 9 ސަރަހައްދެއް ވެސް ހިމެނެއެވެ.

މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް މިސްކިތްމަގު ކައުންސިލަރ ލިރާރު ހާމަކުރެއްވި ގޮތުގައި ބައްދަލުވުމުން ކަމާއި ގުޅުންހުރި މުހިންމު ބައެއް ފަރާތްތައް ފެނިފައެއް ނުވެއެވެ. އަދި މިބައްދަލުވުމުން މާއެދެވޭ ނަތީޖާއެއް ލިބިދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވެސް ހާމަކުރެއްވިއެވެ. 

ކައުންސިލަރ ލިރާރުގެ ހިތްހަމަނުޖެހުން ފާޅުކުރީ އެއްކަމަކީ ދާދި ފަހުން ފުވައްމުލަކުގެ ފަރަށް އެރި ބޯޓުން ފަރަށް އަޅާލި ހިލަތަކާއި ގުޅޭ ގޮތުންނެވެ. އެއީ އެސަރަހައްދުގެ ދިރުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ އަމަލެއްކަމަށް ލިރާރު ދެކިލައްވައެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެހިލަތައް އެތަނަށް އަޅާލަން ޖެހުނީ ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ބޯޓު ފުން ކުރުމުގެ މަސައްކަތަށް ދޭންޖެހޭ ހުއްދަތައް ނުލިބި ދިގުލައިގެން ގޮސް، ބޯޓު ފުންކުރުމުގެ މަސައްކަތް ނުކުރެވި ރާޅާ އެއްކޮށް ފަރަށް އެއްލާލުމުން ނެވެ. އެކަމުގައި ވެސް އަޑި ނޭގޭ ކަންތައްތަކެއް ހިނގިކަމަށް ބުނެވެއެވެ.

ރާއްޖޭގެ ފަރުތަކަކީ ދިރޭތަކެތީގެ ނަސްލުތައް 5 ވަނައަށް އެންމެ މުއްސަނދި ފަރުތައް ކަމަށާއި ދުނިޔޭގެ 7 ވަނައަށް އެންމެ ބޮޑު ފަރުގެ ސިސްޓަމް ކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން ޔުނެސްކޯއަށް ހުށަހެޅުމަށް 26 ރިސޯޓެއްގެ ފަރާއި ހިމާޔަތްކުރެވިފައި ވާ 42 ސަރަހައްދެއް އެމިނިސްޓްރީން މިހާރު ވަނީ ފާހަނގަ ކޮށްފައެވެ. އަދި މީގެ އިތުރުން، ރަށްރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި ކުރެވޭ މަޝަވަރާތަކަށް ފަހު މިލިސްޓް ފުރިހަމަ ކުރުމަށް މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އެގޮތުން މިއީ ފުވައްމުލަކުގެ އެކއިފާރާތްތަކާއިއެކު ބޭއްވުނު މަޝްވަރާގެ ބައެއްކަމަށް ވެއެވެ.

މުޅި ރާއްޖެއަކީ ބައޯސްފެއަރ ރިޒާވަކަށް ވެއްޖެނަމަ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށާއި، ދިރާސާތަކާއި، ހިމާޔަތް ކުރެވުފައިވާ ތަންތަނާއި ގުޅިގެން އިތުރު ވަޒީފާތައް އުފެދޭނެކަމަށާއި، ކަމާއިގުޅޭ ގޮތުން އާއްމު ހޭލުންތެރިކަން އިތުރުވެ ދެމެހެއްޓެނިވި ތަރައްގީއަކަށް މަގުފަހިވެގެން ދާނެކަމަށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ގަބޫލުކުރައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !