ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ފުވައްމުލަކު ސްކޫލް ތަކުގެ ދަރިވަރުން ނަށް އަމާޒުކޮށްގެން ހިންގި ބުލޫސް ފޯ ޔޫތް ކޭމްޕް ގެ 3 ވަނަ ބުރު ފުރިހަމަ ކުރި ފަރާތްތަކާއި ފަތަން ދަސްކޮށް ދިނުމަށް ފުލުހުން ހިންގި ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދީފިއެވެ. އެފަރާތްތަކަށް ސެކްފިކެޓް ހަވާލުކޮށް ދެއްވީ ރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ.
ރޭގެ ޖަލްސާގައި މަރުހަބާ ދެއްނެވުމުގެ ގޮތުން ވާހަކަ ދެއްކެވި ޏ.އަތޮޅު ކޮމާންޑަރު ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާނު ވިދާޅުވީ، ދަރިވަރުން ލިބިގަންނަންޖެހޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ ރިވެތި އަޚްލާޤުގެ މަތީގައި ދެމި ތިބުންކަމަށާއި ދަސްކުރާ ކޮންމެ ރަނގަޅު ފިލާވަޅަކުންވެސް ޢިބްރަތް ލިބިގަންނަން ޖެހޭނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ރައްޔިތުންގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ފުލުހުން ސާބިތުކަން މަތީ ދެމިތިބެގެން ކުރަމުން ގެންދާނެ ކަމަށެވެ.
ނިމިގެންދިޔަ 2014 ވަނައަހަރުގެ ޑިސެމްބަރުމަހުން ފެށިގެން 2015 ވަނައަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހާއި ހަމައަށް ހިންގި ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމުން ފުރިހަމަކޮށް 58 ފަރާތަކުން ވަނީ ސެޓްފިކެޓް ޙާޞިލް ކޮށްފައެވެ. މިޕްރޮގްރާމް ހިންގާފައި ވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒް ގުޅިގެންނެވެ. މިޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ފަތަން ދަސްކޮށް ދީފައިވަނީ ފުލުހުންނެވެ.
ފުވައްމުލަކުގައި ނިމިގެންދިޔަ ބްލޫޒް ފޮރ ޔޫތު ކޭމްޕަކީ ފުވައްމުލަކުގައި ހިންގި 3 ވަނަ ކޭމްޕެވެ. މި ކޭމްޕުގައި 15 އަހަރާއި 18 އަހަރާ ދެމެދުގެ ޢުމުރުފުރާތަކުން 60 ފަރާތަކުން ބައިވެރިވި އެވެ.
ޚިޔާލުތައް