މިދިޔަ 2014 ވަނަ ފުވައްމުލަކު ޕޮލިސް ސްޓޭނަށް ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރަށްވުރެ މަދުކަމާއި މިއީ ފުވައްމުލަކު ގައި މަސައްކަތް ކުރާ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވެމުން ދިޔަ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދު ވިދާޅުވެއްޖެއެވެ. ހުސެއިން ވަހީދު މިހެން ވިދާޅުވީ ރޭ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ބްލޫޒް ފޮރ ޔޫތު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށާއި ފުވައްމުލަކުގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ހުސައިން ވަޙީދު ވިދާޅުވީ 2012 ވަނައަހަރު ފުވައްމުލަކުގައި ހުށަހެޅުނީ 1258 މައްސަލަކަމަށެވެ. 2013 ވަނައަހަރު 1217 މައްސަލަ ހުށަހެޅުނުއިރު 2014 ވަނައަހަރު ހުށަހެޅިފައިވަނީ 682 މައްސަލަ ކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވިއެވެ. މިއީ ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހުންނާ ރައްޔިތުން ގުޅިގެން ކުރެވެމުންދިޔަ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށާއި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ، 2013 ވަނައަހަރަށްވުރެ 2014 ވަނައަހަރު ރާއްޖޭގައި ކުށްކުރެވުނު ނިޞްބަތް ވަރަށް ބޮޑުތަން ދަށްކުރެވިފައި ވާކަމަށެވެ. ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގި މާރާ މާރީގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، ރޭވިގެން ހިންގި ބޮޑެތި މާރާ މާރީތަކާއި މަސްތުވާތަކެތީގެ އެތައް މައްސަލަތަކެއް ހުއްޓުވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. މީގެ އިތުރުން ވައްކަމާއި ފޭރުމުގެ އެތައް މައްސަލަތަކެއް ހިނގުމުގެކުރިން ފުލުހުންގެ ކުޅަދާނަކަމާއެކު އެ މައްސަލަތައް ޙައްލުކުރެވިގެން ގޮސްފައިވާކަމަށާއި ރައްޔިތުންގެ އެތައް މުދަލެއް ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށް، އެތައް އެތައް ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ފުލުހުން ސާބިތުކަމާއެކު މަސައްކަތް ކޮށްފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވިއެވެ.
ޚިޔާލުތައް