A wide advertisement which will be shown on all devices. (700 x 100)

އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް މުސާރާ ނުލިބި ލަސްވަނީ

ފުވައްމުލަކު ދިގުވާނޑު އަވަށުގައި އަމއްިލަ ވިޔަފާރިވެރިއަކު ދާދޮ ފަހުން އިމާރާތްކުރި ބޮޑު މިސްކިތެއް. ފޮޓޯ: ޑރ. ހަންނާނު

ފުވައްމުލަކުގައި މަސައްކަތްކުރާ އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ފާއިތުވި ޑިސެމްބަރު މަހުގެ މުސާރަ ނުލިބި ލަސްވަމުންދާތީ އެމުވައްޒަފުންގެ ޝަކުވާ ބޮޑުވެއްޖެއެވެ. މުސާރަ ނުލިބި، ލަސްވެގެން ޝަކުވާ އުފުލަމުންދަނީ އިސްލާމިކް މިނިސްޓްރީގެ ބައެއް މުދިމުންނާއި މަސައްކަތު މީހުންނެވެެ. މިކަލް ނޫހާއި ވާހަކަ ދެއްކި ބައެއް މުދިމުން ފާހަނގަކުރީ ފައިތުވި ޑިސެމްބަރު މަހުގެ މުސާރަ އެމީހުންނަށް އަދިވެސް ލިބިފައި ނުވާކަމަށީ ކުރިންވެސް ބައެއް މަހު މުސާރަ ލިބުން ލަސްވެފައިވާ ކަމަށެވެ.

މިމައްސަލާގައިއެމުވައްޒަފުން ބެލެލެއްޓުމާއި ހަވާލުވެފައިވާ ރަށު ކައުންސިލުން މައުލޫމާތު ދެއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީން އަދި މުސާރަ ޖަމާކޮށް ނުދެއްވާ ކަމަށައި އެކައުންސިލްތަކުގެ އެކައުންޓުތަކަށް މުސާރަ ޖަމާވުމުން މުވައްޒަފުންނަށް މުސާރަ ފޯރުކޮށްދޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން މިކަލް ނޫހުން އިސްލާމިކް މިނިސްޓްރީގެ އިންފޮމެޝަން އޮފިސަރަށް ގުޅުމުން ވިދާޅުވީ ބަޖެޓާއި ބެހޭ ކަމަކަށް ވާތީ އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކާއި ގުޅާދޭނެ ކަމަށެވެ. އެމިނިސްޓްރީގެ މުސްތަފާ ކިޔާ ބޭފުޅާކު ފުރަތަމަ ވިދާޅުވީ ހުރިހާ މުވައްޒަފުންނަށް ވެސް ބަރާބަރަށް މުސާރަ ދީފައިވާ ކަަމަށެވެ. ނަމަވެސް އެކަން ޔަގީންކޮށެއް ނުދެވުނެވެ.

އިސްލާމިކް މިނިސްޓްރީން ވާހަކަދެއްކެވި މުސްތަފާ ފަހުން ވިދާޅުވީ މުސާރަ ނުލިބޭކަން އެނގިފައި ނުވާކަމަށާއި އެކަން ހިނގާފައިވާ ގޮތް ބަލާފައި އަންގާދޭނެ ކަމަށެވެ. ނަމަވެސް ފަހުން މުސްތަފާގެ ޖަވަބެއް ނުލިބުނެވެ. އިސްލާމިކް މިނިސްޓރީގެ އިންފޮމޭޝަން އޮފިސަރު ޝިއުނާއާއި ފަހުން ގުޅުމުން ވިދާޅުވީ މީޑީއާއަށް މައުލޫމާތު ދެއްވާނީ މީޑިއާ އޮފިސަރު އަހުސަނު ކަމަށެވެ. އަދި މީޑިއާ އޮފިސަރަށް ތަކުރާރުކޮށް ގުޅުމުން ސުވާލުތައް ސާފުކުރައްވައި ތިކަންތައްތައް ސާފުކޮށްފައި މައުލުމާތު ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މުސްތަފާ އެހެން ވިދާޅުވިއެކަމަކު، މުސާރަ ނުލިބިގެން އެމިނިސްޓްރީއަށް މުވައްޒަފުން ގުޅުމުން މުސާރައިގެ ފައިސާ ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ޖަވާބު ދެއްވިކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި އެކަކު ބުންޏެވެ. އަދި ފާއިތުވި އޮކްޓޯބަރު މަހުގެ މުސާރަ ވެސް ލިބުނީ މަސް ނިމިގެން އަނެއް މަހުގެ 6 ހިސާބުގައި ކަމަށް އެފަރާތުން ބުންޏެވެ. އެފަހަރު މުސާރަ ލަސްވެގެން ވެސް އޭނާ ބޭންކަށް ދައްކަން ޖެހޭ ލޯނު ފައިސާ ނުދެއްކި ޖޫރިމައިނާ ވެފައިވުމާއި، އެނޫންވެސް ފިހާރަތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ލަސްވުމާއި އެހެން މީހުންނަށް ދޭންޖެހޭ ފައިސާ ނުދެވި ދޭދޭ ފަރާތްތަކުގެ މެދުގައި ހިތްހަމަނުޖެހުން އުފެދި އިތުބާރު ގެއްލޭ ހިސާބަށް ކަންތައްތައް ދާކަށް އެފަރާތުން ކިޔައި ދިނެވެ. އޭނާ ބުނީ މުސްލިމުންނަށް ވެތިބެ އެހެންމީހުންގެ ހައގުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީގައި ތިބެންޖެހޭނީ އިސްލާމިކް މިނިސްޓްރީކަމަށް ދެކޭކަމަށެވެ. މިހެން ދިމާވުމުން މުޖުތަމިއުގައި އެމީހުންގެ އަގުވެއްޓި ގަދަރު ކުޑަވެގެންދާ ކަމަށް އެފަރާތުން ގަބޫލުކުރެއެވެ.

މިކަލް ނޫހުން ސާފުކުރުމަށް އެދުނީ އިސްލާމިކް މިނިސްޓރްީގެ މުވައްޒަފުންގެ ތެރެއިން ފުވައްމުލަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް މުސާރަ ލިބުމުގައި ލަސްތަކެއް އުޅޭކަމަށް ދެކެވޭ ވަހަކައަކީ ހަގީގަތެއް ތޯ އާއި އަދި އެކަން އެގޮތަށް ދިމާވަނީ ކިއްވެގެން ތޯއެވެ؟ މުސާރަ ނުލިބޭ މުވައްޒަފުންނަށް ދެން އެންމެ އަވަހަށް މުސާރަ ދެވޭނީ ކޮން ދުވަހަކުން ތޯ އާއި މުސާރަ ދިނުމުގައި އެމިނިސްޓްރީއަށް ދަތި ވަނީ ކޮންކަމަކުން، ކީއްވެގެން ތޯއެވެ.

މިކަމުގައި އިސްލާމިކް މިނިސްޓްރީގެ ޖަވާބެއް ލިބުމުން މިކަލް ނޫހުގެ ކިޔުންތެރިންނަށް މިކަން ސާފުކޮށްދެވޭތޯ ބަލާނަމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !