ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުމަށް މެމްބަރުން ތައްޔާރުވަމުން އަންނަ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ވިދާޅުވެއްޖެއެވެ. ދޮންބެ މިހެން ވިދާޅުވެފައި ވަނީ އިއްޔެ މަޖުލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖުލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ހުށަހެޅިފައިވާ ރިޕޯޓުގެ ބަހުސުގައެވެ.
ރައްޔިތުންގެ މަޖުލިހުގެ މެމްބަރުންގެ މާލީ ބާޔާން ހާމަކުރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޕީ ރަޝީދު (ދޮންބެ) ވިދާޅުވީ މިހާރު ބިލް ހުށަހެޅިފައިވާ ގޮތަށް ތާއިދު ކުރާކަމަށެވެ. އެގޮތުން ފާހަގަ ކުރައްވާފައި ވަނީ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ މިންވަރަށް ވުރެ މާ ބޮޑުތަނުން ވެސް މާލީ ބަޔާންތައް ހާމަކުރުމަށެވެ.
އެގޮތުން މިހާރު މަޖުލީހުގެ ގަވާއިދުގައި އޮތް ގޮތުން މެމްބަރުންގެ މާލީ ބަޔާންތައް ރައްޔިތުންގެ މަޖުލީހުގެ ސެކެރެޓަރީ ޖެނެރަލް އަށް ހުށަހަޅުމުން ފުދޭކަމަށެވެ. މާލީބަޔާންތައް އިތުރަށް އާއްމުކުރާކަށް ނުޖެހެއެވެ. ނަމަވެސް މިގެނެވޭ އިސްލާހާއެކު މަޖުލީހުގެ މެމްބަރުންގެ މާލީބަޔާނުގެ އިތުރުން އެ މެމްބަރުންގެ އަނބި/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީބަޔާންތައް ވެސް މަޖުލީހުގެ އަމީން އާއްމަށް ހުށަހަޅަން ޖެހެއެވެ. އަދި އެއިގެ އިތުރުން އަމީން އާއްމު އެބަޔާންތައް އޯޑިޓާ ޖެނެރަލް އޮފީހަށް ފޮނުވައި ފަންނީ ލަފާ ވެސް ހޯއްދަވާނެ ކަމަށެވެ. އަދި މެމްބަރުންގެ މާލީ ބަޔާންތައް މަޖުލީހުގެ ވެބްސައިޓްގައި ޝާއިއު ވެސް ކުރެވިގެންދާނެއެވެ.
ނަމަވެސް މިކަމުގައި އާއްމުންގެ ކަންބޮޑުވުމަކީ މެމްބަރުންގެ މާލީ ބަޔާއެކު އެމެމްބަރުންގެ އަނބި/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާންތައް އާއްމުކޮށް އެންމެންނަށް ފެންނާނެ ގޮތަށް މަޖުލީހުގެ ވެބްސައިޓްގައި ޝާއިއު ނުކުރާތީއެވެ. މިބިލް މަޖުލިހަށް ފުރަތަމަ ހުށަހެޅިއިރު އޮތީ އެގޮތަށް މެމްބަރުންނާއި އަނބި ދަރީންގެ މާލީބަޔާންތައް އާއްމު ކުރާ ގޮތަށެވެ. ނަމަވެސް މަޖުލީހުގެ އާއްމުކޮމެޓީގައި އެކަަމަށް ފަންނީ ފަރާތްތަކުން ލަފާ ދީފައިވަނީ އެގޮތަށް އަނބިން އަދި ދަރިންގެ މާލީބަޔާންތައް އާއްމުކުރުމުން އެމީހުންގެ ޒާތީ މިނިވަންކަމަށް ލިބޭ ގެއްލުން ބޮޑުކަމަށެވެ. އެއިގެ ބަދަލުގައި އޯޑިޓާރ ޖެނެރަލް ފަދަ ފަންނީ 3 ވަނަ ފަރާތަކަށް އެބަޔާންތައް ފޮނުވައިގެން ބެލުން ރަންގަޅުކަމަށެވެ.
އެމްޕީ ދޮންބެ ފާހަގަ ކުރެއްވި ގޮތުގައި އަނިބި/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހެޅުމަކީ ގާނޫނީ ގޮތުން އަދި އެއްވެސް މުއައްސަސާއެއްގެ ވެރިންނާއި މުވައްޒަފުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުން ވެސް އަނބި/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާންތައް ހުށަހަޅަން ނުޖެހޭ ކަމަށެވެ. ދައުލަތުގެ އެއްވެސް ކުންފުންޏެއްގެ ވެރިން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ.
“ނަމަވެސް އަޅުގަނޑުމެން މަޖުލީހުން އަމިއްލައަށް އިސްނަގައިގެން އަޅުގަނޑުމެން މިނިންމަނީ އަޅުގަނޑުމެން (މެމްބަރުން) ނާއި އަނބި ދަރިންނާއި އަދި 18 އަހަރު ނުފުރޭ ކުދިންގެ މާލީބާޔާންތައް ހުށަހަޅާ ގޮތަށް. އަދި ތަހުގީގީ އިދާރާއަކަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އޯޑިޓާ ޖެނެރަލް އަށް ފުރުސަތު ލިބިގެން އެބަދޭ އެމައުލޫމާތު އެފަރާތަކަށް ފޮނުވުމަށް.” އެމްޕީ ރަޝީދު ވިދާޅުވިއެވެ.
އުތުރު ދާއިރާގެ މެމްބަރު ރަޝީދު އިތުރަށް ވިދާޅުވީ މަޖުލިސް ކެމްޕޭން ދުވަސްވަރު ވެސް އެމްޑީޕީ މެމްބަރުން ވަނީ މާލީ ބަޔާން ހާމަކޮށްފައި ކަމަށާއި، އަދި މަޖުލީހުގެ 1 އަހަރު ހަމަވެގެން އެމެމްބަރުން ހުށަހަޅާ މާލީ ބަޔާނުން އިތުރަށް ލިބިފައިހުރި މުއްސަނދިކަމެއް އަދި ނާޖާއިޒު ފައިދާއެއް ލިބިފައި ހުރެއްޖެއިޔާ އޯޑިޓާ ޖެނެރަލް އަށް އެކަން ހާމަވާން އޮންނާނެ ކަމަށެވެ.
މިބިލަށް ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވީ މަޖުލިސް މެމްބަރުންގެ މަލީ ބަޔާން އެކަނި ހާމަކުރުމަކުން ދިވެހިރާއްޖެ އަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރެވޭ ގައުމެއް ކަމަށް ދުނިޔޭގެ ގައުމުތަކުން ކުރެވޭ ތުހުމަތުތަކަށް ހައްލެއް ނުލިބޭކަމަށެވެ. އެކަމަށް “އެސެޓް ޑިކްލަރޭޝަން ގާނޫނެއް” ވުޖޫދު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި އިސްލާޙުތައް މަޖްލީހުގެ ގަވާއިދުގައި ހިމަނަން އިއްޔެ ވަނީ ފާސްކޮށްފައެވެ. މިއީ އެމްޑީޕީގެ މަޖުލިސް ކެމްޕޭނުގައި ނަޒާހަތްތެރި މަޖުލީހެއް އުފެއްދުމުގެ ވައުދުގެ ދަށުން ކުރެވޭ ކަމެއް ކަމަށްވެސް ބައެއް މެމެބަރުން ވިދާޅުވިއެވެ.
މިހާރު އޮތް ގޮތުން ރާއްޖޭގެ ނާއިބު ރައީސް އަދި އޯޑިޓާ ޖެނެރަލް އާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް ހާމަކުރާކަށް ނުޖެއެވެ. ނަމަވެސް މިއީ ޒިންމާދާރު ފަރާތްތަކުގެ މަލީ ބަޔާން ހާމަކުރަން ފެށުމެއް ކަމަށް ބަލައިގެން އެެހެން އިސްފަރާތްތަކުގެ ވެސް މާލީ ބަޔާން ހާމަކުރަން ޖެހޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހެއެވެ. ރާއްޖޭގެ ކަރަޕްޝަނާއި ނާޖާއިޒު ފައިދާ ތައް ހުއްޓުވަން އެއީ މުހިންމު ފިޔަވަޅުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެމްޑީޕީ ކޯލިޝަން ސަރުކާރު އައުމާއެކު މިނިސްޓަރުންނާއި ރައީސް އޮފީހުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިތްގައި ޝާއިއުކޮށްފައި ވެއެވެ.
ޚިޔާލުތައް