ފުވައްމުލަކުގައި އެންމެ ގިނަ ބަޔަކު މަތީ ތައުލީމް ހާސިލްކުރަމުންދާ ޒިކުރާ އިންސްޓިއުޓަށް ކޮލެޖްގެ ދަރަޖަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު ދީފިއެވެ.
ޒިކުރާ އިންސްޓިއުޓުން ވިދާޅުވީ އެއިންސްޓިއުޓަށް ކޮލެޖެއްގެ ދަރަޖަ މިއަދު ލިބިފައިވާ ކަމަށާއި މިއަދަށް ފަހު އެއިންޓިއުޓްގެ ނަން “ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް” ގެ ނަމަށް ބަދަލުވާނެކަމަށެވެ. ކޮލެޖްގެ ގަވަރނިންގ ކައުންސިލުން ވަނީ އެކޮލެޖްގެ ރެކްޓަރގެ މަގާމަށް ފުވައްމުލަކު ފިޔަނޫމާގެ އަހްމަދު ނަފީސް ހަމަޖައްސަވާފައެވެ. ނަފީސް މިހާތަނަށް ހުންނެވީ ޒިކުރާ އިންސްޓިއުޓްގެ ޑީން ގެ މަގާމުގައެވެ.
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ރެކްޓަރ އަހްމަދު ނަފީސް ވިދާޅުވީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަކީ މާލެ ފިޔަވައި އަތޮޅު ތަކުގައި ކޮލެޖެއްގެ ދަރަޖަ ދެވުނު ފުރަތަމަ ކޮލެޖްކަންވެސް އުފަލާއި އެކު ފާހަނގަކުރަން، މިކަމަކީ ފުވައްމުލަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަކީ ޓީޗް އެންޑް ލާން ޕްރައިވެޓް ލިމިޓެޑްގެ ދަށުން 2014 ވަނަ އަހަރު ރަޖިސްޓްރީ ކޮށްގެން ފުވައްމުލަކުގައި ހިންގަމުންދާ މަތީ ތައުލީމްދޭ މަރުކަޒެކެވެ. އަދި 2015 ވަނަ އަހަރު މެއި މަހުން ފެށިގެން ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ޕްރޮގުރާމް ތަކުގައި ކިޔަވައިދޭން ފަށާފައިވެއެވެ. އަދި މިހާރު އެކޮލެޖުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން އެސޯސިއޭޓް ޑިގްރީ ފެންވަރަށް ތަފާތު ދާއިރާތަކުން ތައުލީމް ފޯރުކޮށްދެމުން ގެންދެއެވެ.
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް ރެކްޓަރ އަހްމަދު ނަފީސް ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ޕްރޮގުރާމްތަކުގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު އެވޯޑިން ބޮޑީ ކަމުގައިވާ “ޕިއާރސަން” ގެ ޑިޕްލޮމާ އިން ފެށިގެން އެސޯސިއޭޓް ޑިގްރީ ފެންވަރަށް ގިނަ ޕްރޮގުރާމްތަކުގައި ދަރިވަރުން ކިޔަވަމުން ގެންދާކަމަށެވެ.
“މިއިންސްޓިއުޓުން މިހާރު ތައުލީމް ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފިނޭންސް، ޓުއަރިޒަމް މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން، ސައިކޮލޮޖީ، އެއަރކޮންޑިޝަން މެކޭނިކް ހިމެނެއެވެ. އަދި މިޕްރޮގުރާމްތައް ހިންގަމުން ދަނީ ފުވައްމުލަކު ތަފާތު ތިން ސަރަހައްދެގައި ގާއިމްކޮށްފައިވާ މި އިންސްޓިއުޓްގެ ކެމްޕަސްތަކުގައި ކަމަށް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް އިން ވިދާޅުވިއެވެ.
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް އިން އިތުރަށް ވިދާޅުވީ އެއިންސްޓްޓިއުޓް ކޮލެޖަކަށް ބަދަލުވުމާއި ގުޅިގެން އެއިންސްޓިއުޓްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ކޮލެޖްގެ ގަވަރނިންގ ކައުންސިލްގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ. އަދި ކޮލެޖާއި ބެހޭ އިތުރު މައުލޫމާތު 7939191 ނަންބަރު ފޯނުން ލިބޭނެކަމަށެވެ.
ޒިކުރާ އިންޓަރނޭޝަންލަ ކޮލެޖަކީ މިވަގުތު ފުވައްމުލަކުގައި އެންމެ ގިނަ ބަޔަކު މަތީ ތައުލީމް ހާސިލްކުރާ އަދި އެންމެ ގިނަ އަދަދަކަށް ތަފާތު ލެވެލްތަކުގެ ކޯސްތައް ހިންގަމުންގެންދާ ކޮލެޖެވެ.



ޚިޔާލުތައް