ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިސްތިއުފާއަށް ގޮވާލާ ހިގާލުމެއް އިއްޔެ ހަވީރު ފުވައްމުލަކުގައި ބާއްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއިން ޕީޕީއެމްއަށް ނާކާމިޔާބު ވެފައި ވަނިކޮށް ބޭއްވި ހިނގާލުމުގައި މަސީހު ނިސްބަތްވާ ދެކުނު ދާއިރާގެ ދޫނޑިގަމާއި ފުނާޑުގެ އިތުރުން އެ ރަށުގެ އެހެން އަވަށްތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. މި ހިނގާލުމުގައި ސިޓީ ކައުންސިލްގެ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް އަބްދުﷲ ފަލާހު ޝަރީފް އާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ބައިވެރިވި އެވެ.
އެ ހިނގާލުމުގައި ބައިވެރިވި ފުވައްމުލަކު ދެކުނު ދާއިރާގެ އަތޮޅު ކައުންސިލަރު އަހުމަދު އިސާމް ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުން ޕީޕީއެމް ކެންޑިޑޭޓް އަލީ ޝަޒީމް މުހައްމަދު ނާކާމިބުވުމުން ދައްކައިދެނީ އެ ދާއިރާގައި މަސީހުގެ އިތުބާރު ގެއްލިފައިވާކަން ކަމަށެވެ. އެހެންވެ އޭނާ އަވަހަށް މަޖިލީހުގެ ރައީސްކަމުގެ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
“މި އިންތިހާބުގެ ކެމްޕޭނަށް މަސީހު ވަޑައިގެން އުޅުއްވުމަށްފަހު ރޭ ފުރާވަޑައިގެންނެވީ. އަޅުގަނޑުމެން މަސައްކަތްކުރިން އިއްޔެ ވެސް މި ހިނގާލުން ބާއްވަން އެކަމަކު މޫސުމް ގޯސްވުމުން ނުބޭއްވުނީ. މި އިންތިހާބުން ކިތަންމެ ރަނގަޅަށް ވެސް ރައްޔިތުން ދައްކައިދީފި މަސީހު ފެއިލްވެފައިވާކަން،” އިސާމް ވިދާޅުވި އެވެ.



ޚިޔާލުތައް