ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭ ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ކުރިޔަށްގެންދަން ތައްޔާރުވަމުން އެބަދެއެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ އީސާ ޝަރީފުގެ އީއޯޕީއިން (އީސާ ޝަރީފް އޮންލައިން ޕޮއެޓްރީ) ނެވެ.
މުޅިން ހިލޭ އޮންލައިންކޮށް ކުރިޔަށް ގެންދެވޭ މި ކޯހުގައި ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދިނުމަށް 4-5 ދުވަހު ކްލާސްތައް ކުރިޔަށް ގެންދެވޭނެ ކަމަށް، ފުވައްމުލަކުން މިކަމުގައި އިސްކޮށް އުޅުއްވާ ޝިމްލާ އިބްރާހިމް މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ. މިކޯހުގެ އިދާރީ ކަންކަން ސްކޫލްތަކުން ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރި ވާނީ ޏ.އޭއީސީން ކަމަށާއި އަދި ފުވައްމުލަކުގެ ކޮންމެ ސްކޫލަކުން ވެސް ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ސްކޫލްތަކުން ޝެއަރ ކުރައްވާ އޮންލައިން ފޯމެއް ފުރިހަމަ ކުރުމުން ބައިވެރިވާ ދަރިވަރުން އެސްކޫލެއްގެ ދިވެހި ކްލަބްއާއި ގުޅިގެން ސްކޫލުން ނިންމަވާ ގޮތަށް ކަންކަން މިހާރު ރޭވިފައިވާ ކަމަށް ވެއެވެ. މިކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މި ސެޕްޓެމްބަރު މަހު 26 ވަނަ ދުވަހު އެވެ.
އީސާ ޝަރީފު (އީސަ) ވަނީ ފާއިތުވި އޮގަސްޓް މަހު، “ތިލަ މަލަސް” ގެ ނަމުގައި ރާއްޖޭގެ އުތުރުން ހދ. އަތޮޅުގެ 10 ސްކޫލެއްގެ 125 ދަރިވަރުންނަށް ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދިނުމަށް މިކޯސް ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން އީއޯޕީ މަލަސް 2 ގެ ނަމަގައި މިކޯހުގެ ދެވަނަ ބުރެއް ވެސް ކާމިޔާބުކަމާއެކު އުތުރާއި މެދު ރާއްޖެތެރޭގެ 3 އަތޮޅެއްގެ 13 ސްކޫލަކުން 150 އަށް ވުރެ ގިނަ ދަރިވަރުންނަށް މި ސެޕްޓެމްބަރު މަހު 16 ގައި ވަނި ކުރިޔަށް ގެންގޮސް ނިންމާލާފައެވެ.
މިއީ އީސަމެންފަދަ ޅެންވެރިކަމުގެ ފުންނާބު އުސް ފަރާތްތަކުން ފުވައްމުލަކުގެ ދަރިވަރުންނަށް ލިބިގެންދާ އަގުހުރި ފުރުސަތެކެވެ.
މިކަލް ނޫހާއި ވާހަކަ ދައްކަވަމުން ޝިމްލާ ފާހަގަ ކުރެއްވި ގޮތުގައި ބޮޑެތި މީހުންނަށް ވެސް ޅެންވެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އަސާސީ ކޯހަކާއި އެޑްވާންސް ކޯހެއް އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފުވައްމުލަކުގައި ބޭއްވުމަށް އަންނަނީ މަޝްވަރާ ކުރެވެމުންނެވެ. މީގެތެރެއިން ވެސް ބޭސިކް ކޯސް ކުރިޔަށް ގެންދިއުމަށް ވިސްނަނީ މުޅިން ހިލޭކަމަށް ވެއެވެ.



ޚިޔާލުތައް