މިދިޔަ އަންގާރަ ދުވަހުގެ ރޭ ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏާއި ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗާއި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ފުވައްމުލަކު ދެމީހަކު ހިމެނޭކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. އެދެމީހުންނަކީ ފުވައްމުލަކު ނަޔާގޭ އިބްރާހިމް މުފީދާއި އިސްމާއީލް ޒިމާންއެވެ. އެދެމީހުންވެސް ދަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.
މިއެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ އިން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ސަމާ އައިލެންޑް ރިސޯޓްގެ ލޯންޗް ގޮސް ޖެހުނު ދޯނީގެ ލައިޓް ހުރީ ނުދިއްލަ އެވެ. އެހެންވެ، ރީތި ރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އެ ދޯނި، ލޯންޗުގެ ކެޕްޓަނަށް ނުފެނުމުގެ ސަބަބުން ގޮސް އޭގައި ޖެހި އެކްސިޑެންޓް ހިނގީ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.
މިއެކްސިޑެންޓާއި ގުޅިގެން ކަންނެލި ދޯނީގެ ކެޕްޓަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުސް އޮފީހުން ހާމަކުރެއެވެ.
އެކްސިޑެންޓް ހިނގުމާއެކު، ދޯނީގައި ތިބި މީހުން ވަނީ ފިލައިގެން ގޮސްފައި ކަމަށާއި ދޯނީގެ ކައްޕި ހައްޔަރުކުރި އެއް ސަބަބަކީ ވެސް އެއީ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ.



ޚިޔާލުތައް