‘ފުވައްމުލަކު ސްކޫލް މަލަސް’ގެ ނަމުގައި ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ޅެން ހަދަން ދަސްކޮށް ދޭ ކޯސް މިރޭ ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މިއީ މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފުގެ އީއޯޕީ އިން (އީސާ ޝަރީފް އޮންލައިން ޕޮއެޓްރީ) ހިލޭ ކުރިޔަށްގެންދާ އޮންލަިއން ކޯހެކެވެ.
މިކޯހުގައި 145 ބައިވެރިންނާއެކު ކްލާސްތައް މިރޭ ފެށޭނެ ކަމަށް ވެއެވެ. މި ކްލާސްތަކުގައި ފުވައްމުލަކުގެ ހުރިހާ ސްކޫލެއްގެ އިތުރުން ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ (ހިންނަވަރު) ދަރިވަރުންނާއި، މާލޭ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ހުރިހާ ސްކޫލަކުން ބެލެނިވެރިން އަދި ޓީޗަރުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރި ވާނެކަމަށް އީސަގެ އީއޯޕީ އިން ހާމަކުރައްވާފައި ވެއެވެ.
ޅެންވެރިކަމުގެ އަސާސީ ހުނަރުތަކާއި ދަސްކޮށްދޭ މިކޯހުގެ ކްލާސްތައް 4 ދުވަހު ކުރިޔަށް ގެންދެވޭނީ ޒޫމް ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް، ފުވައްމުލަކުން މިކަމުގައި އިސްކޮށް އުޅުއްވާ ޝިމްލާ އިބްރާހިމް މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލާއި އީއޯޕީ ގުޅިގެން އާންމުންނަށް ޅެންވެރިކަމުގެ އަސާސީ ހުނަރުތަކާއި އިންޓަރ މީޑިއޭޓް ބައިތައް ދަސްކޮށްދޭ ކޯހެއް ކުރުނދުނާ މާލަމުގައި މި ސެޕްޓެމްބަރު މަހު 30 ގައި ފެށުހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޢީސާ ޝަރީފު ފުވައްމުލައް ސިޓީއަށް ވަޑައިގެން ސީދާ ފޭސް-ޓު-ފޭސް ކްލާސްތަކެއް ބާއްވައިގެންނެވެ. މުޅިން ހިލޭ 6 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މިކޯހުގެ މެއިން ސްޕޮންސަރަކީ “ރޯޒްލައިން“ އެވެ.
މީގެ އެޑްވާންސްޑްް ކޯހެއް ވެސް މި ފެށޭ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފުވައްމުލަކުގައި ބޭއްވުމަށް ވެސް އަންނަނީ ވާހަކަ ދެކެވެމުންނެވެ.

މަލަސް ގެ ނަމުގައި އީސާ ޝަރީފު (އީސަ) ވަނީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހިލޭ ޅެންވެރިކަމުގެ ހުނަރުތައް ދަސްކޮށްދޭ ގިނަ ކޯސްތަކެއް ހިންގފައެވެ. އެގޮތުން ކޯސްތައް ހިންގާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެކަމަށް ވެއެވެ. މިހާތަނަށް 700 އެއްހާ ކުދިން މިކޯސް ފުރިހަމަކޮށްފައިވާ ކަމަށް ވެއެވެ.
”ވޭތުވެދިޔަ މަހެއްހައި ދުވަހުގެތެރޭ ތަފާތު 68 ސްކޫލެއްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން އަދި ޕްރިންސިޕަލުން ހިމަނައި އެކި ކަންކޮޅުތަކުން މިހައި ތަނަށް 675 ދަރިވަރަކު މަލަސްގެ މި ކޯޯސްތަކުން އެކަނިވެސް ތަމްރީނު ކުރެވިފައިވޭ”. މަލަސްގެ އެނެމް ފަހުގެ ޕްރޮގްރާމް 300 އެއްހާ ދަރިވަރުންނާއި އެކު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ޢީސާ ޝަރީފް ވިދާޅުވެފައި ވެއެވެ.

އީސާ ޝަރިފުގެ އީއޯޕީން ކުރިން ބޭއްވި ލެންވެރިކަމުގެ ހުނަރު ދަސްކޮށްދޭ އޮންލައިން ކްލާހެއްގެ ތެރެއިން… ފޮޓޯ: މުނިއަވަސް
މިއީ އީސަމެންފަދަ ޅެންވެރިކަމުގެ ފުންނާބު އުސް ފަރާތްތަކުން ޅެންވެރިކަމަށް ޝައުގު ހުންނަ ފާރާތްތަކަށް ލިބިގެންދާ އަގުހުރި ފުރުސަތެކެވެ.
މިއީ ރާއްޖެއިން ގެއްލެމުން، ހީނަރުވަމުން ދާ ދިވެހި އަދަބިއްޔާތުގެ އެންމެ މުހިންމު ބަހާ ކަމުގައިވާ ޅެންވެރިކަމަށް އަންނަން އޮތް ޖީލު ހޭލައްވައި ޝަޢުޤުވެރި ކުރުވުމުގެ މަޤުޞަދުގައި އީއޯޕީއިން ވަރަށް ބުރަކޮށް ކުރުމަށް ނިންމާފައިވާ ބޮޑު އެހެނަސް ވަރަށް ބޭނުންތެރި ޤައުމީ މަސައްކަތެއް ކަމަށް އީސާ ޝަރީފު ވިދާޅުވާ ކަމަށް ‘މުނިއަވަސް’ އިން ހާމަކުރެއެވެ.



ޚިޔާލުތައް