ފުވައްމުލަކުގެ 8 އަވަށު ކައުންސިލާއި އެކައުންސިލްތަކުގެ އިދާރާތައް އުވުމާއި ގުޅިގެން މުނިސިޕަލް ޚިދުމަތް ދިނުމަށް ސަރުކާރުން 3 ސަރަހައްދެއްގައި 3 އޮފީސް ގާއިމުކުރައްވައިފިއެވެ.
އެގޮތުން އުތުރުން ދަޑިމަގު ކައުންސިލް އިދާރާ ހިންގި ތަނުގައި، އުތުރު ދާއިރާގެ އަވަށްތަކަށް ނިސްބަތްވާ، ދަޑިމަގާއި ދިގުވާނޑު އަދި ހޯދަޑު އަވަށަށް ޚިދުމަތަތްތައް ދިނުމަށް އޮފީހެއް ވަނީ ގާއިމުކޮށްފައެވެ. އަދި މެދު ރދާއިރާއަށް ނިސްބަތްވާ މާދަޑާއި، މިސްކިތްމަގު އަދި މާލެގަމު އަވަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް، މާދަޑު އަވަށުގައި، ކުރިން ގިނަ އަވަށު ކައުންސިލްތަކެއް ހިންގަނުމްއައި އިމާރާތް ވަނީ ހަމަޖައްސާފައެވެ. އަދި ދެކުނު ދާއިރާއަށް ނިސްބަތްވާ ފުނާޑާއި ދޫނޑިގަމު އަވަށުގެ ޚިދުމަތްތަކަށް ދޫނޑިގަމު އަވަށު ކައުންސިލް ހިންގި އިމާރާތުގައި ވަނީ އޮފީހެއް ގާއިމުކޮށްފައެވެ.
ކުރިން ހިންގަމުން އައި، މިއަވަށްތަކަށް ނިސްބަތްވާ ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސް މުވައްޒަފުން، ވަކިގޮތެއް ހަމަޖެހެންދެން، މިހާރު މަސައްކަތަށް ނިކުންނަން ޖެހެނީ އެދާއިރާއަކަށް ނިސްބަތްވާ ގޮތަށް ގާއިމުކޮށްފައިވާ އޮފީސްތަކަށެވެ.
އެގޮތުން ގައިމުކުރައްވާފައިވާ އޮފީހަކީ ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ “ފުވައްމުލައް ލޭންޑް، ބިލްޑިންގއެންޑް މުނިސިޕްލް ސާވިސް ޑިޕާޓްމެންޓް” އެވެ. މިއިން ކޮންމެ އޮފީހެއްގައި ވެސް އިސްލާމިކް މިނިސްޓްރީގެ ޑެސްކަކާއި ބައެއް އެހެން އިދާރާތަކުގެ ޚިދުމަތް ދިނުމަށް ޑެސްކުތައް ހަމަޖެހިގެންދާނެ ކަމަށް ވެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް ހިނގަމުން އަންނަނީ ކުރިން އަތޮޅު ކައުންސިލް ހިނގަމުންއައި އިމާރާތުގައެވެ.
ކުރިން ހިނގަމުންދިޔަ އަތޮޅު ކައުންސިލްގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް ވެއެވެ.



ޚިޔާލުތައް