އަރަބި ގަލްފު ގައުމުތަކާއި އޮންނަ ގުޅުން އިއާދަކުރުމަށް ހަމާސް ޖަމާއަތާއި މުސްލިމު ބްރަދާހޫޑާއި އެކު އޮންނަ ގުޅުން ކަނޑާލަންޖެހޭކަމަށް ސައޫދީ އަރަބިއާގެ ފޮރިން މިނިސްޓާ އާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.
ބަހުރައިން، މިސްރު، ސައޫދީ އަރަބިއާ އަދި ޔޫއޭއީ އިން ގަތަރާއިއެކު އޮންނަ ސިޔާސީ ގުޅުމުގެ އިތުރުން ދަތުރުފަތުރުގެ ގުޅުން ކަނޑާލީ ގަތަރުން ހަރުކަށީ ޚިޔާލުތަކަށް ހިތްވަރުދޭ ކަމަށް ބުނެއެވެ. މިމައްސަލަ އިތުރަށް ބޮޑުވެގެން ދިޔައީ ގަތަރުގެ ޕަބްލިކް މީޑިއާ ހެކް ކުރުމަށްފަހު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން އައްސާނީ އާއި ހަވާލާދީ ދޮގު ރިޕޯޓެއް އެމީޑިއާގެ ވެބްސައިޓްގައި ޝާއިއުކުރުންނެވެ. އެމެސެޖުގައި ގަތަރުން އީރާނާއި، ހަމާސް ޖަމާއަތާއި، ހިޒުބުﷲ ޖަމާއަތުގެ އިތުރުން އިސްރާއީލަށް ސަޕޯޓްކުރާކަަމަށް ބުނެފައިވެއެވެ. މިމެސެޖާއި އިންކާރުކުރައްވައި ގަތަރުގެ ސަރުކާރުން އެއީ ދޮގެއް ކަމަށާއި އެފަދަ އެއްވެސް މެސެޖެއް ނުދޭކަމަށް ވަނީބުނެފައެވެ.
ސައޫދީ ފޮރިން މިނިސްޓާގެ ވާހަކަފުޅާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުން އެމެސެޖަކީ ލިބުނު ޝޮކެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. “ފަލަސްތީނު ރައްޔިތުންނާއި އަރަބި އަދި އިސްލާމީ ގައުމުތަކުން ލިބުނު ހައިރާންވާކަމެއް” ކަމަށް ހަމާސް ޖަމާއަތުން ނެރުނު ބަޔާނުގައިވެއެވެ.
“އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ ރަގަޅު ނިންމެއްކަމަށް، މެދުއިރުމަތީގެ ހަމަޖެހުމަށް ގަތަރުން އެގައުމުގެ ޕޮލިސީ ބަދަލުކުރަން އެބަޖެހޭ” ސައޫދީ ފޮރިން މިނިސްޓާ އިތުރަށް ބުނެފައިވެއެވެ.
ސައޫދީ ފޮރިން މިނިސްޓާ އިތުރަށް ވިދާޅުވެފައިވަނީ ގަތަރުން ހަމާސް ޖަމާއަތާއި މުސްލިމް ބްރަދާހޫޑަށް ސަޕޯޓް ކުރާތީ މިސްރާއި ފަލަސްތީނުގެ ހަގީގީ ބާރުވެރިފަރާތަށް ބުރޫ އަރާކަމަށެވެ.
މައުލޫމާތު: އަލްޖަޒީރާ



ޚިޔާލުތައް