ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތައް، ސިޓީ ކައުންސިލް އުފެދުމާއެކު މުޅިން ހުއްޓިއްޖެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފެއްދުމާއެކު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަމާއި ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށާއި ފުވައްމުލަކު ސިޓީ ކައުންސިލަށް އަންގަވާފައި ވަނީ، ފުވައްމުލަކުން ދެމުން އައި އެއްވެސް ޚިދުމަތެއް މެދުނުކެނޑި ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވީނަމަވެސް މިހާރު މިވަނީ ދަތުރުފަތުރާއި ގުޅުން ހުރި އެންމެހާ ޚިދުމަތެއް ހުއްޓިފައި ކަމަށް ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.
ފުވައްމުލަކަު ސިޓީ ކައުންސިލްގެ ނޫސް ބަޔާނުގައި ވާގޮތުން މިހާރު ފުވައްމުލަކުގެ އެއްވެސް އިދާރާއަކުން ޓްރާންސްޕޯޓާއި ގުޅުން ހުރި އެއްވެސް ޚިދުމަތެއް ދެމުނެއް ނުގެންދެއެވެ. އަދި މިކަމުގެ ދަތިކަން ފުވައްމުލައް ސިޓިގެ ރައްޔިތުން ތަހައްމަލުކުރަމުން އަންނކަމަށް ބަޔާންކޮށްފައިވެއެވެ.
ސިޓީ ކައުންސިލް ގެ ނޫސްބަޔާނުގައި ވާގޮތުން ރައްޔިތުންނަށް ދިމާވެފައި މިވާ ދަތިކަން ހައްލުކުރުމުގެ ގޮތުން ވަގުތީގޮތުން ނަމަވެސް ދަތުރުފަތުރާއި ގުޅުންހުރި ޚިދުމަތްތައް އެކައުންސިލްގެ އިދާރާއިން ދެވޭނެ އިންތިޒާމެއް ހަމަޖެހޭތޯ ޓްރާންސްޕޯރޓް އޮތޯރިޓީއާއެކު މަޝްވަރާ ކުރަމުން އަންނަކަން ރައްޔިތުންނަށް ހާމަކުރާކަމަށް ބަޔާން ކޮށްފައި ވެއެވެ.
ރަށްޔިތުންނަށް ދެމުން އައި މިޚިދުމަތް މެދުކެނޑިގެން ދިއުމާއި މެދު ސިޓީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވުން ވެސް ހާމަކޮށްފައި ވެއެވެ. އަދި އެ ކައުންސިލުން އެދެނީ ވީހާވެސް އަަވަހަކަށް އަލުއުން އެޚިދުމަތްތައް ރައްޔިތުންނަށް ކުރިއެކޭ އެއްގޮތަށް ލިބިގެން ދިއުންކަމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވެއެވެ.



ޚިޔާލުތައް