ފުވައްމުލަކުގައި ދިރިއުޅޭ ފަރާތްތަކަށް ތުނޑު ކުނާ ވިޔަން ދަސްކޮށްދިނުމުގެ ކޯހެއް ބާއްވަން ތިމާވެއްޓާއި ބެހޭ މިނިސްޓްރީން އިއުލާންކޮށްފިއެވެ. މިކޯސް އަމާޒުކޮށްފައި ވަނީ
ތުނޑު ކުނާ ވިޔަން ދަސްކުރުމަށް ޝަޢުގުވެރިކަން ހުރި އަދި އެމަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ ފަރާތް ތަކަށެވެ.
މިކޯހުގައި ބައިވެރިވާން އެދޭ 16 އަހަރުން މަތީ ފަރާތްތަކުން މި ޖޫން މަހުގެ 22 ވަނަދުވަހުގެ ކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ހުޅުވާލާފައި ވެއެވެ. މިކޯހުގައި ފުރުސަތު ދިނުމަށް ހަމޖެހިފައިވަނީ 16 ފަރާތަކަށެވެ. އެގޮތުން އަންހެނުންނަށާއި ރަސްމީ މަސައްކަތެއްގައި ނުއުޅޭ ފަރާތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ކުރިޔަށްގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން
މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އިން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.
ސީ.ސީ.އޭ.ޕީގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅި، ފާ، ޗަސްބިން މެނޭޖްކުރުމުގެ ބަޔަކާއި، ކުނި މެނޭޖްކުރުމުގެ ބަޔަކާއި އަދި ފަރުތަކައް އަންނަ ބަދަލުތައް ދިރާސާކުރުމުގެ ބައެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުޅި ފާ ޗަސްބިން މެނޭޖްކުގުމުގެ ތެރެއިން ކުރެވޭ މުހިންމު އެއްކަމަކީ މިފަދަ ތަންތަނުން އާމްދަނީ ލިބިދާނެ މަގުތައް އާންމުންނަށް ދައްކައިދީ އެކަންކަން ކުރުމަށް އާންމުން ތަމްރީނުކުރުމެވެ.
މިތަމްރީނު ޕްރޮގްރާމުގައި ދަސްކޮށްދެވޭނީ ފުވައްމުލަކު ޗަސްބިން ސަރަހައްދުގައި ހެދޭ ހައު ބޭނުންކޮށްގެން ތުނޑު ކުނާ ވިއާނެ ގޮތާއި އަދި މިތަކެތި ވިއްކާ މާކެޓް ކުރެވިދާނެ ގޮތްތަކެވެ.
މިޕްރޮގްރާމާއި ގުޅެ މައުލޫމާތު ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ފޯނު ނަމަބަރު 6865001 ނޫންނަމަ 7996694 މި ނަންބަރު ފޯނާ ގުޅުމަށް ވަނީ ހުޅުވާލާފައެވެ.



ޚިޔާލުތައް