ފްލައިމީން ފުވައްމުލަކާއި އައްޑުއަށް ދަތުރުތައް އަލުން ފެށުމަށް ވަމުން އައި ތައްޔާރީތައް ދިގުލައިގެން ދާން ފަށައިފިއެވެ. ކުރިން ފްލައިމީން ހާމަކޮށްފައިވާ ގޮތުގައި މި ޖޫންމަހު 15ގައި އަލުން އުދުހުންތައް ފެށޭވަރު ވާނެއެވެ. ނަމަވެސް ދަތުރުތައް ނުފެށޭތީ ގިނަބަޔަކު ތިބީ، ކަންބޮޑުވެ، ވާނުވާ އެއް ނޭގިފައެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ފްލައިމީގެ ދަތުރުތައް ނުފެށި ލަސްވަނީ ސިވިލް އޭވިއޭޝަނުން ހަދައިދޭންޖެހޭ ސްޓޭޝަން ފެސިލިޓީ އިންސްޕެކްޝަން ނުހެދި ލަސްވަމުން ދާތީއެވެ. މި އިންސްޕެކްޝަން ހެދިގެން ނޫނީ އެއްވެސް އެއަރލައިނަކަށް ދަތުރުކުރުމުގެ ފުރުސަތެއް ނުލިބެއެވެ.
ފުވައްމުލަކާއި އައްޑޫގެ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މިއީ ސަރުކާރުގެ ތެރެއިން ފްލައިމީގެ ދަތުރު ތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަމެކެވެ. ފްލައިމީން އިއުލާން ކޮށްފައި ވަނީ ފުވައްމުލަކުން މާލެއަށް ކޮޅަކަށް 888 ރުފިޔާއަށް ޓިކެޓް ވިއްކާ ގޮތަށެވެ. މިއީ ނިސްބަތުން ވަރަށް ހެޔޮ އަގެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
ފްލައިމީގެ އޮފީސްތައް އައްޑުއާއި ފުވައްމުލަކުގައި ހެދުމުގެ މަސައްކަތް ނިންމުމާއި ގާތުގައި ވާއިރު އެ އޮފީސްތަކުގެ ވަޒީފާއަށް މީހުން ވެސް ނެގުމުގެ މަރުހަލާތްއް ކުރިޔަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ފްލައިމީގެ ދަތުރުތައް ފެށުމުން ވައިގެ ދަތުރުތަކުގައި ވާދަވެރި މާކެޓެއް އުފެދި ރަނަގޅު ޚިދުމަތްތަކެއް ލިބުމަށް އަނެއްކާވެސް މަގުފަހިވެގެން ދާނެ ކަމަށް ބެލެވެއެވެ. އަދި ހެޔޮއަގުގައި ޓިކެޓް ލިބުމާއި ދަތުރު ކުރުމުގައި އެއަރލައިނެއް އިޚުތިޔާރު ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވިގެންދާނެއެވެ.
ތަންކޮޅެއް ކުރިން އައިލެންޑް އޭވިއޭޝަންގެ އިތުރުން، އޯޝަން އެއަރ ކިޔާ އަމިއްލަ ބަޔަކު އައްޑުއަށް ވައިގެ ދަތުރުތައް އައްޑުއަށް ފެށުމުން އެފަހަރު ވެސް ތަފާތު ދަތިތައް ކޮށް އެ ދަތުރުތައް ވަނީ ހުއްޓާލަން ޖެހިފައެވެ. އެއާއެކު މިހާރުގެ މޯލްޑިވިއަންއަށް މޮނޮޕޮލިައޒްޑް މާކެޓެއް ލިބުނެވެ.
ހަމަ އެގޮތަށް ފްލައިމީގެ ދަތުރުތައް ސިޔާސީ ސަބަބުތަކާހެދި ހުއްޓުމުން، މިހާރު މިވަނީ ފުވައްމުލަކާއި އައްޑޫގެ ވައިގެ ދަތުރުތައްކުގެ މޮނޮޕޮލައިޒްޑް މާކެޓް އަނެއްކާވެސް މޯލްޑިވިއަން އަށް ލިބިފައެވެ. އަލުން ފްލައިމީގެ ދަތުރުތައް ނުފެށި ދިގުލަމުން ދާ ވަރަކަށް ރައްޔިތުންނަށް އިތުރު ފުރުސަތެއް ނެތި، މޯލްޑިވިއަންގެ އަގުބޮޑު ޓިކެޓުގައި ދަތުރުކުރުން ނޫން ގޮތެއް ނެތެވެ.



ޚިޔާލުތައް