މިދުވަސްކޮޅު ސޯޝަލް މީޑިއާތަކުގައި ދައުރުވަމުން ދާ ޕްލާސްޓިކު ބިހުގެ ވަހަކަތަކަކީ ހަގީގަތެއްކަމަށް ނުބެލެވެއެވެ. މިކަމާއި ގުޅޭ ގޮތުން ރާއްޖެގެ ކާނާގެ ސަލާމަތީ ކަންތައްތަކާ ބެހޭ އިދާރާ “ފުޑް އެންޑް ޑްރަގް އޮތޯރިޓީން” ހާމަކުރި ގޮތުގައި މިހާތަނަށް ރާއްޖޭއިން ބޭރުގެ އެއްވެސް ފަރާތަކުން އެފަދަ ނޯޓިސް އެއް ލިބިފައިނުވާ ކަމަށެވެ.
ބިހުގެ ޓެކްސްޗަރ އަދި ކުލައަށް ބަދަލު އަންނަ ގޮތް ވަނީ، ބިސް ރައްކާ ކުރުމުގައި ގެންގުޅެވޭ ތަފާތު މާހައުލުތަކުގެ ސަބަބުން ކަމަށް އެފަރާތުން ހާމަކުރެއެވެ. އެގޮތުން މިހާރު ވާހަކަ މިދެކެވޭ ބިހުގެ ޓެކްސްޗަރއަށް އެފަދަ ބަދަލެއް އައިސްފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފަރާތުން ހާމަކުރެއެވެ.
ފޭސްބުކުގައި މިކަމާއި ގުޅޭ ޕޯސްޓަކަށް ބައިވެރިޔަކު ލިޔެފައި ވަނީ ކުކުޅު ފާމެއްގައި އާދައިގެ ކާނާއައި ފެން ދީގެން ކުކުޅު ގެންގުޅެ، ބިސް ހޯދުމަކީ ނުލާހިކު ފަސޭހަ، އެންމެ މީހަކަށް ވެސް ކުރެވޭނެ ކަމަކަށް ވެފައި، އޭގެ ބަދަލުގައި، ޕްލާސްޓި ގަނެގެން އެއިން ބިސް ހަދައި އޭތި ފައްކާ ކުރުމަކީ 100 ހާ މުވައްޒަފުން ބޭނުން ކޮށްގެން 20 ގުނަ ޚަރަދު ބޮޑުކޮށް ކުރެވޭނެ ކަމެއްކަމަށް ބެލެވޭއިރު، ބޮޑެތި އަދަދުން އެގޮތަށް ބިސް އުފެއްދުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ލިޔެފައި ވެއެވެ.
ފޭސްބުކް އަދި ވައިބަރ ގްރޫޕުތަކުގައި ދައުރުވާ މިމެސެޖުތަކާއި ގުޅިގެންނާއި އަދި އެ އޮތޯރިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންނަނީ ޝައްކު އުފެދިގެން އުޅޭ ބިހުގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުންނެވެ. އަދި ނަތީޖާ 2-3 ދުވަހުގެ ތެރޭގައި ހާމަ ކުރާނެކަމަށް އެއޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
“ފޭކް” ބިސް އެތެރެ ކުރާކަމަށް ބުނާ މުޑުވާލި ފިހާރައަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ތަރުކާރީ އާއި ބިސް އެތެރެ ކުރާ ފަރާތެކެވެ. އެފަރާތުން ބުނިގޮތުގައި އެމީހުން ވެސް އެތެރެ ކުރަނީ ރާއްޖެއަށް އެހެން ފަރާތްތަކުން ވެސް ބިސް އެތެރެކުރާ އިންޑިއާގެ ކުންފުންޏަކުންނެވެ. އަދި އެތަނުގެ ބިހުގައި މައްސަލެއް ހުރެގެން މިހާތަނަށް ޝަކުވާއެއް ލިބިފައި ނުވާކަމަށާއި ބިސް ދޫކުރުނީ ގަންނަ ފަރާތުން އަމިއްލައަށް ބަލާ ޗެކުކުރުމަށް ފަހުގައި ކަމަށެވެ. އަދި ފަހުން ވެސް ބިހުގައި މައްސަލަ ހުރެގެން ގެނެސްފިނަމަ ބަދަލުކޮށް ދޭކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.
ގިނަފަހަރު މިގޮތަށް ދައުރުވާ މެސްޖުތަކުގައި މާކަ ބޮޑު އަސްލެއް ނުވަތަ ހަގީގަތެއް ނޯވެއެވެ. ކޮންމެ މީހަކު ވެސް އެމީހަކަށް ލިބޭ ނުވަތަ އެމީހަކު ހިމެނޭ ގްރޫޕަކަށް ލިބޭ މެސެޖެއް ހަގީގަތް ބަލައިނުލައި ޝެއަރ ކޮށްލަނީއެވެ.
ދާދި ފަހަކުން ވަނީ އެޗްއައިވީ ލޭހުރި އޮރެންޖުތަކެއް ބާޒާރުގައި އުޅޭކަމަށް ބުނެ ފޮޓޯތަކެއް ވެސް ޝެއަރ ކޮށްފައެވެ. ފުޑްއެންށް ޑްރަގު އޮތޯރިޓީން މިއަދު ހާމަކުރީ އެއީ ވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މިގޮތަށް ދައުރުވަމުންދާ ހަގީގަތެއްނެތް، މީހުންގެ ކަންބޮޑުވުން އިތުރު ކުރުވާ މެސެޖުތަކަށް “ހޯކްސް” އޭ ކިޔައެވެ. މިފަދަ މެސެޖުތައް ހަގީގަތް ނުބަލއި ފޮނުވުމަކީ ރަނގަޅިުގޮތެއް ނޫނެވެ.



ޚިޔާލުތައް