ފަލަސްތީނުގެ މައްސަލައަށް އިތުރަށް ވާޙަކަނުދައްކާ، އިސްރާއީލާއިއެކު އޮންނަ ގުޅުން ހަމައަކަށް އަޅުވަން ސައޫދީން މަސައްކަތްކުރާކަމުގެ ސިގުނަލް ލިބޭ ކަމަށް އިސްރާއީލުގެ ފޮރިން ޕޮލިސީ އެނެލިސްޓް ޖެފް ހަލްޕާ ވިދާޅުވެއްޖެއެވެ. ޖެފް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހަފުތާނިމެނިކޮށް އިޒުރޭލުގެ ޓްރާންސްޕޯޓް މިނިސްޓާ ކެޒްސައޫދީ ސަލްމާނު ރަސްގެފާނަށް އިޒުރޭލުގެ ޕްރައިމް މިނިސްޓާ ނަތަންޔާހޫ ސައޫދީ އަރަބިއާއަށް ވަޑައިގަތުމަށް ގޮވާލައްވާފައިވެއެވެ. މީގެ އިތުރުން، ސަލްމާނުގެ ދަރިކަލުން އަދި އާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު އިޒުރޭލަށް ފޮނުވުމަށްވެސް ކެޒް ގޮވާލިއެވެ.
“ރައީސް ޓްރަމްޕަށް އަދާކުރި ފުރިހަމަ މެހުމާންދާރީ އަޅުގަނޑުމެން ދުށިން، ތިބާގެ ވަލީއަހުދު ފޮނުވުމަށް ގޮވާލަން، އާ ބޭފުޅާ، ޕްރިންސް މުހައްމަދު ބިން ސަލްމާނު، އެއީ ދުރުވިސްނަވާ ބޭފުޅެއް، އެއީ އާކަންތައްތައް ކުރައްވާ ބޭފުޅެއް، އެއީ ބޮޑެތި ބަދަލުތަކެއް ބޭނުންފުޅުވާ ބޭފުޅެއް” އިޒުރޭލުގެ އިސްވެރިން ބައިވެރިވި ހޭޒްލިއާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކެޒް ވިދާޅުވިއެވެ.
މިކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިޒްރޭލުގެ ލިބާމަން ވިދާޅުވީ “ފަލަސްތީނާއިއެކު ސުލްހަ ގާއިމުކުރުމުގެ ކުރިން “މެދުމިން އަރަބި ސުންނީ” ގައުމުތަކާއިއެކު ސުލްހަ ގާއިމްކުރަން ޖެހޭ” ކަމަށެވެ. ލިބަމަން ވަނީ ފަލަސްތީނު ރައްޔިތުން ފަލަސްތީނުން ފައިބަން ޖެހޭކަމަށް މީގެ ކުރިން ވަކާލާތުކޮށްފައެވެ.
ގަލްފު ގައުމުތަކާއި އަދި ސައޫދީ އަރަބިޔާ އާއިއެކު އިގްތިސާދީ އެއްބަސްވުމަކަށް ދެވިއްޖެނަމަ އިތުރު 45 ބިލިއަން ޑޮލަރު އިޒުރޭލަށް ވަންނާނެކަމަށް މިކޮންފަރެންސްގައި ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވިއެވެ.
އިޒުރޭލުން މިފަދައިން ގޮވާލަމުންދާއިރު ޓްރަމްޕްގެ ޒަޔަނިސްޓް ދަބިދަރި ކަަމަށްވާ ޖެރެޑް ކުޝްނާ ދަނީ ސައޫދީ އާވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އިޒުރޭލުގެ ޕްރައިމް މިނިސްޓާ ބެންޖަމިން ނަތަންޔާހޫއާއިއެކު ގާތްގުޅުމެއް ދަމަހައްޓަމުންނެވެ.



ޚިޔާލުތައް