ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވެސް އެންމެފަހުން މިރޭ ޕީޕީއެމުން ވަކިވެއްޖެއެވެ. ޕީޕީއެމްއިން ވަކިވުމަށް ޝާހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން އޭނާ ޕީޕީއެމުން ވަކިވީކަމަށެވެ. އަދި މިގޮތަށް ނިންމަން ޖެހުނުނީ ސިޔާސީ ގޮތުން ވަކިއަތަކަށް ނުޖެހި މިނިވަންކަމާއެކު މަޖުލީހުގައި ވޯޓު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައިވެއެވެ.
ގިނަ މެންބަރުންތަކެއް ޕީޕީއެމުން ވަކިވަމުން މިދަނީ މިއަދު ދައުލަތުގެ އެޓާނީ ޖެނެރަލް ސްޕްރީމް ކޯޓާށް ހުށަހެޅި ދުސްތީރީ މައްސަލައާއި ގުޅިގެން ކަމަށް ސިޔާސީ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެމައްސަލާގައި
ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ
މަޖުލީސް މެންބަރަކު އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މިހުށަހެޅުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ސޮއި ކުރެއްވި މެމްބަރުންތައް ފުލުފުލުގައި ޕީޕީއެމް އިން ވަކިވާން އެދެމުން ދިޔަތަން އައީ ފެންނަމުންނެވެ.
މަސީހާ ދެކޮޅަށް ސޮޮއިކުރެއްވި މެމްބަރުންގެ ތެރެއިން ޕީޕީއެމް އިން ވަކިނުވެ މިހާރު ހުންނެވީ ހަމައެކަނި އިސްދޫ ދާއިރާގެ މަޖުލީސް މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) އެކަންޏެވެ. މަސީހާއި ދެކޮޅަށް ސޮއިނުކުރާ ކަމަށް ގާރީ ވިދާޅުވި ނަމަވެސް، ޝާހު އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
ޕީޕީއެމްގެ މަސީހާ ދެކޮޅަށް ނުކުންނެވި މެމްބަރުން އަނބުރާ ޕާޓީއަށް ގެނެވޭތޯ ރައީސް ޔާމީނާއި ޕާޓީގެ އިސް އެހެން ބައެއް ބޭފުޅުން ކުރަައްވަމުން ގެންދެވި މަސައްކަތްޕުޅުގެ ނަތީޖާއެއް ނުފެނުނެވެ. އެންމެ ފަހުން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ދައުލަތުގެ އެޓާނީ ޖެނެރަލް ވިދާޅުވިކަމަށް މީޑީއާތަކުގައި ރިޕޯރޓު ކުރެވިގެން ދިޔައީ އެޕާޓީގެ މަޖުލީސް މެންބަރުން ޕީޕީއެމް ބޭނުންވާ ގޮތަށް މަޖުލީހުގައި ވޯޓު ނުދެއްވައިފި ނަމަ މަޖުލީހުގެ ގޮނޑި ގެއްލުވާލުމުގެ އިތުރުން ހައްޔަރުވެސް ކުރެވިދާނެކަމަށެވެ. އޭގެ ނަތީޖާއަކަށް ފެނިގެން މިދިޔައީ އެ ބޭފުޅުުން އެންމެ ފަހުން ޕާޓީ ދޫކޮށްލައްވައި ސަރުކާރު ޕާޓީއާއި ފެޔަށް ޖެހިލިތަނެވެ.
ފުލުފުލުގައި މިއަދު ޕީޕީއެމްގެ މެމްބަރުން ޕާޓީއިން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއަށް ލިބިފައި އޮތް މެޖޯރިޓީވެސް މިހާރު ވަނީ ގެއްލިފައެވެ.
ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކުރި ނަމަވެސް ގޮނޑި ގެއްލޭ ގޮތަށް މިއަދު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ ވަނީ ބަލައިގެންފަ އެވެ. މީގެ ކުރިން ދުސްތޫރީ ހުރިހާ މައްސަލައެއް އެ ކޯޓުން ބެލީ އޭރަކު އޮންނަ ފުލް ބެންޗުން ނަމަވެސް މިއަދު ޝަރީއަތް ބޭއްވީ އެންމެ ތިން ފަނޑިޔާރުންނާ އެކުގަ އެވެ.
ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި މިއަދު ސްޕްރީމް ކޯޓުން ކަންތައްކުރި ގޮތުން، މަޖުލިސް މެންބަރުންނަށް އަދުލު އިންސާފު ނުލިބިދާނެ ކަމުގެ ބިރުހީވެ އެކަމުން ސަލާމްތަވުމުގެ ގޮތުން ގިނަ މެންބަރުންތަކެއް ނިންމި ނިމްމުމެއްކަމަށް ބެލެވެއެވެ.
މަސީހާ ދެކޮޅަށް ސޮއިކުރެއްވި އަދި ޕީޕީއެމުން ވަކިވި މެމްބަރުން
1- ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
2- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
3- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
4- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ
5- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
6- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
7- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު
8- މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް
9- ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
10- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު



ޚިޔާލުތައް