މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދާދި ފަހުން އުފެއްދި “ސްޓާފް ރިކުއަމަންޓް 2015″ ގެ ދަށުން ފުވައްމުލަކު ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންތަކެއްގެ ވަޒީފާ ގެއްލިގެންދާ ގޮތަށް އޮނިގަނޑު އެކުލަވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ނެރެފައިވާ ސާރކިއުލާއެއްގައި ބުނެފައިވަނީ ” ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި ހުންނަ ބޭފުޅެއްގެ އެންމެ ދަށް ޝަރުތަކީ ބެޗްލާސް ޑިގްރީ ކަމުގައެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމް ހަމަޖައްސާފައިވަނީ ސުކޫލްތަކުގެ ޖުމްލަ އާބާދީ އަށް ބަލައި ޑެޕިއުޓީ ޕްރިންސިޕަލުން ކަނޑައަޅާގޮތަށެވެ. އެގޮތުން 500 އަށް ވުރެ އާބާދީ މަދު ސުކޫލްތަކަށް ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމެއް ނޯންނަ ގޮތަށެވެ. އަދި 999 އާއި 500 އާއި ދެމެދު އާބާދީގެ ސްކޫލްތަކަށް ޑެޕިއުޓީ ޕްރިންސިޕަލްގެ އެއް މަގާމް އޮންނަ ގޮތަށެވެ. އަދި 1000 ކުދިންނަށް ވުރެ ގިނަ އާބާދީ އޮންނަ ސްކޫލްތަކަށް ދެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އޮންނަގޮތަށެވެ.
މިބަދަލާއި އެކު ފުވައްމުލަކު ހަތަރު ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ ތެރެއިން ހަ ބޭފުޅެއްގެ މަގާމް ގެއްލިގެންދެއެވެ. އެގޮތުން އެމްޖޭއެމް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމްގައި ތިއްބެވި އަލީ ނިޒާރު އާއި ޒިދުނާ ވަހީދުގެ މަގާމް ގެއްލިގެންދެއެވެ. އެއީ 500 ދަރިވަރުންނަށް ވުރެ އާބާދީ މަދުވުމުންނެވެ. ފުވައްމުލަކު ސުކޫލްގެ ދަރިވަރުންގެ އާބާދީވެސް 500 އަށްވުރެ ދަށްވުމުން އެސުކޫލްގެ ދެ ޑެޕިއުޓީ ޕްރިންސިޕަލުން ކަމަށްވާ އައްބާސް އަހްމަދު އާއި އީނާސް އަލީގެ މަގާމްވެސް ގެއްލިގެންދެއެވެ.
ދެން މަގާމް ގެއްލިގެންދަނީ 500 ދަރިވަރުނަށް ވުރެ ގިނަ އިން ތައުލީމް ހާސިލް ކުރަމުންދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު ސިޔާމް މޫސާ އެވެ. ނަމަވެސް އެސުކޫލްގެ އަނެއް ޑެޕިއުޓީ ޕްރިންސިޕަލް ކަމަށްވާ ޝަހްމާ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމްގެ ޝަރޮތު ހަމަވާތީވެ ޝަހްމާގެ ވަޒީފާ އެއް ނުގެއްލެއެވެ. ހާފިޒް އަހްމަދު ސުކޫލްގެ ދެ ޑެޕިއުޓީ ޕްރިންސިޕަލުންކަމަށްވާ އަހްމަދު އަލީ ދީދީ އާއި އާމިނަތު އަހްމަދުގެ ވެސް ވަޒީފާ ގެއްލިގެންދެއެވެ.
އެމްޖޭއެމްގެ އަލީ ނިޒާރު އާއި އޭއީސީގެ ސިޔާމް ގެ އިތުރުން ހޭޒްގެ އަހްމަދު އަލީ ދީދީ އާމިނަތު އަހްމަދުގެ މަގާމް ގެއްލިގެންދަނީ އަލަށް އެކުލަވާލި އޮނިގަނޑުގެ ޝަރޮތު ހަމަނުވާތީއެވެ. ނަމަވެސް ޒިދުނާ އާއި އީނާސް މަގާމްގެ ޝަރޮތު ހަމަވި ކަމުގައިވިޔަސް ސުކޫލްގެ އާބާދީގެ ނިސްބަތުން މަގާމް ގެއްލިގެންދެއެވެ.
އެޑިއުކޭޝަންގެ އާ އޮނިގަނޑާއި އެކު ފުވައްމުލަކު ހަތަރު ސުކޫލެއްގެ ހަ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމް ގެއްލިގެން ދެއެވެ. މިއަހަރު ކުރީކޮޅު އެޑިއުކޭޝަން މިނިސްޓްރީން ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމް އުވާލުމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތަކާއި ނުރުހުން ފާޅުކުރަމުންދިޔުމުން އެމަގާމް އުވާނުލުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔަމީން ނިންމަވާފައިވެއެވެ. ނަމަވެސް އެޑިއުކޭޝަނުން އާ އޮނިގަނޑަކާއި އެކު ޝަރުތުތަކަކާއި އެކު އެމަގާމް އުވާލުމަށް އަނެއްކާވެސް މިހާރު ވަނީ ނިންމާފައެވެ.
މިދިޔަ ހަފްތާ ތެރޭގައި ފުވައްމުލަކު ސުކޫލްތަކުގެ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ވަޒީފާ އެހެން ސުކޫލްތަކަށް ބަދަލުކުރާގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އިން މެސެޖް ފޮނުވާފައިވެއެވެ. އަދި ފުވައްމުލަކު ސުކޫލްތަކުގެ ޕްރިންސިޕަލްގެ މަގާމް ހަމަޖައްސަނީ ސިޔާސީ ބޭފުޅުންގެ ނުފޫޒުންކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
އެޑިއުކޭޝަންގެ އާ އޮނިގަނޑާއި އެކު ފުވައްމުލަކު ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންތަކެއްގެ ވަޒީފާ ގެއްލެނީ
އަހުމަދު ނިޖާހް
18/01/2015 - 11:08
+1
+1
ޚިޔާލުތައް