ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީއަށް ލިބުނު ކާޑުގެ އެހީ ފަގީރުންނާއި މިސްކީނުންނަށް ބަހަން ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިއީ ބައިނަލް އަގުވާމީ ޖަމްއިއްޔާތަކުން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިން ކާޑުގެ ބާވަތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ލިބިފައިވާ ކާޑުގެ ބާވަތްތަކެވެ. އެހީގެ ކާޑުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައި ވަނީ މިއަހަރު (2020) ފަގީރުންނާއި މިސްކީނުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ފަގީރުންނާއި މިސްކީނުންނަށް އެހީގެ ކާޑުގެ ބާވަތްތައް ހަވާލުކުރުމުގެ ކަންކަން މި ޑިސެމްބަރު މަހު 22 ވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަމުން ގެންދާނެކަމަށް އެކައުންސިލުން ހާމަކުރެއެވެ.

ފަގީރުކަމުގެ ސާރވޭ 2018، ދުވާލަކަށް 74 ރ. އަށްވުރެ މަދުން ލިބެނީ ފަގީރުން
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖެގައި ފަގީރުންގެ ގޮތުގައި ބަލަންޖެހެނީ ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުވަތަ މަހެއްގެ މައްޗަށް 2220 ރުފިޔާ އަށް ވުރެ މަދުން ލިބޭ މީހުންނެވެ. ނަމަވެސް ޒަކާތުގައި ހިމެނޭ ފަގީރުންގެ ބަޔާއި މިހާރު ބަހަން ނިންމާފައިވާ އެހީގެ ތަކެތި ލިބޭނީ ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އެކުލަވާލާފައިވާ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެކަންޏެވެ.
މިއަހަރު ފަގީރުން ގޮތުގައި ފުވައްމުލައް ސިޓީގައި، ކުރިން ރަޖިސްކޮށްފައި ވަނީ 241 ފަރާތެކެވެ. މިއީ މިދިޔަ އަހަރު (2019)ގެ ފުވައްމުލައް ސިޓީގެ އާބާދީ 13056 އަށް ބަލާއިރު %1.85 އެވެ. މިއަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ އެ 241 މީހުންނަށެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ފުވައްމުލައް ސިޓީން މީހަކަށް ލިބިފައި ވަނީ 747.06 ރުފިޔާއެވެ.

2020 ވަނ އަހަރު ފުވައްމުލައް ސިޓީ އިން ފިތުރު ޒަކާތް ދެއްކި ގޮތް
ފަގީރުންގެ ދަފުތަރަކީ އަބަދުވެސް ހުޅުވާލެވިފައިވާ ދަފުތަރެއް ކަމުން އެދަފްތަރުގައި ރަޖިސްޓްރީވާން އެދޭ މީހުންނަށް އެފުރުސަތު ވަނީ ހުޅުވާލެވިަފއެވެ. ވުމާއެކު މިއަހަރު ނިމޭއިރު ފުވައްމުލަކުގައި ފަގީރުންގެ ގޮތުގައި 241 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށް ބެލެވެއެވެ.
ޚިޔާލުތައް