ފުވައްމުލަކު ސިޓީގައި އިއްޔެފެއްޓި ބުޗާކަޕްގެ ފުރަތަމަ މެޗް ފުވައްމުލަކު ޒުވާނުންގެ ރޫހް (ދިގުވާނޑު) އާއި ބައްދަލުކޮށް ފުވައްމުލަކު ސްޕޯޓްސް ކުލަބް (ދޫނޑިގަން) ކާމިޔާބުކޮށްފިއެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ބުޗާ ކަޕްގެ ފުރަތަމަ މެޗްގައި ދޫނޑިގަން މޮޅުވެފައި ވަނީ އެންމެ ފަހު ވަގުތުކޮޅުގައި އެޓީމުން ކާމިޔާބުކުރި ގޯލުން 1-2 ގެ ނަތީޖާއިންނެވެ. އިއްޔެ މެޗްގައި ދެ ޓީމުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗްގެ ފަހު ހާފްގައި ދިގުވާނޑު ކުޅުންތެރިންގެ ފިޒިކަލް ދަށްކަމަށް ފާހަނގަވެގެން ދިޔައެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ ދޫނޑިގަން ޓީމްގެ އީމާން އަލީ އެވެ.
މިއަދު ހަވީރު ބައްދަލުކުރާނީ ޕީސް އެންޑް ރެކްރިއޭޝަން އިން ސޮސައިޓީ (ހޯދަޑު) އަދި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިއީވެސް ގުރޫޕް 1ގެ މެޗެކެވެ. މި މުބާރާތުގައި ދެން ވާދަކުރަނީ ވެށިނަލަ ޖަމްމިއްޔާ (ހޯދަޑު)، ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އަދި ޔޫތު އެމްޕަވަރމަންޓް ސޮސައިޓީ (މާލެގަން) އެވެ.
މިމުބާރާތަކީ ފުވައްމުލަކުގައި ފުޓްބޯޅައިގެ ފޯރި ކުޑަވެފައިވާތީވެ، އަހްމަދު ޝާފިއު (ބުޗާ) އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ފައިނަލް އޮންނާނީ އަންނަމަހު 8 ވަނަ ދުވަހުއެވެ.
އަންނަ އަހަރު މިމުބާރާތުގެ އަގު އެއް މިލިއަން ރުފިޔާއަށް ބޮޑު ކޮށްފައިވާކަމަށް މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތުގައި އިންތިޒާމްކުރާ ފަރާތުން އިއުލާން ކޮށްފައިވެއެވެ.



ޚިޔާލުތައް